ކުޅިވަރު

ބޮޑީ ބިލްޑިންގައި ތިން ރަން މެޑަލް ހޯދައިފި

ނޭޕާލްގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ބޮޑި ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ މުހައްމަދު މޫސާ އާއި އަހްމަދު މާހިލް ސައީދު އަދި އަޒްނީން ރަޝީދު ރަން މެޑަލް ހޯދައިފި އެވެ.

މުހައްމަދު މޫސާ، ރަން މެޑަލް ހޯދީ، އިއްޔެ އޭނާ ވާދަ ކުރި، 55 ކޭޖީ އިވެންޓްގައި ވާދަ ކޮށެވެ. މާހިލް ރަން މެޑަލް ހޯދީ، ޖުނިއާ ކެޓަގަރީން ވާދަ ކޮށެވެ. އަޒްނީން ރަޝީދު ރަން މެޑަލް ހޯދީ، ސްޕޯޓްސް ފިޒިކްސް 170 ސެންޓި މީޓަރު ކެޓަގަރީންނެވެ.

މި މުބާރާތުގައި، ރާއްޖޭގެ އަހްމަދު ފަޒީލް ވަނީ، ފިޒިކްސް އެތުލެޓިކްސް ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދާފަ އެވެ. ފަތުހުﷲ ސައީދު ވެސް ވަނީ، އެތުލެޓިކްސް ފިޒިކްސްގެ 167 ސެންޓިމީޓަރު ކެޓަގަރީން ލޯ މެޑަލް ހޯދާފަ އެވެ.

ބޮޑި ބިލްޑިން އަކީ ރާއްޖެއިން އިންޓަނޭޝަނަލް ލެވަލްގައި ކާމިޔާބު ހޯދަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ޝާހީން (ޝާއްޓޭ) ވަނީ، 2017 ވަނަ އަހަރު ބޭއްވި އޭޝިއަން ބޮޑި ބިޔުލްޑިން ޗެމްޕިއަންޝިޕުން ވެސް ރަން މެޑަލް ހޯދާފަ އެވެ.