ނޭމާ

ބާސާގެ ހުށަހެޅުމެއް ލިބިފައެއް ނެތް: ޕީއެސްޖީ

ޕީއެސްޖީގެ ފޯވަޑް ނޭމާ ޖޫނިއާ، އަނބުރާ ބާސެލޯނާއަށް ގެންދަން ބާސާއިން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، ބާސާގެ އެއްވެސް ހުށަހަޅުމެއް އަދި ލިބިފައި ނުވާ ކަމަށް ޕީއެސްޖީން ބުނެފި އެވެ.

ބާސާއިން އަނބުރާ ނޭމާ ގެންދިއުމަށް، އެ ޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އާއި ފޯވަޑް ފިލިޕޭ ކުޓީނިއޯ އާއެކު 30 މިލިއަން ޔޫރޯ ބާސާއިން ޕީއެސްޖީއަށް ހުށަހެޅި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލިއަނާޑޯ އެކަން ދޮގު ކުރެ އެވެ.

"ހަމަ އެއްވެސް ކަމެއް ބަދަލެއް ނުވޭ އެންމެ ފަހުން އަހަރެމެން ވާހަކަ ދެއްކި ގޮތަށް އަދިވެސް އޮތީ، ހަމައެއްވެސް ކަމެއް ނެތް،" ލިއަނާޑޯ ބުންޏެވެ. "މައްސަލަ ބަދަލެއް ނުވޭ، ނޭމާއަށް މިހާތަނަށް އެއްވެސް ބިޑެއް ހުށަހަޅާފައި ނެތް، ނޭމާ ހުރީ އަހަރެމެންނާއެކު އަދި އޭނާ އަކީ ޕީއެސްޖީގެ ކުޅުންތެރިޔެއް."

ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުންވާ ކަން އެ ކުލަބަށް ވެސް އެނގެ އެވެ. އޭނާ ގެންދިއުމަށް ބާސާގެ ޝައުގުވެރިކަން ވެސް އެބަހުއްޓެވެ. ނަމަވެސް އެކަމަށް މެދުވެރި ވެފައިވާ ހުރަހަކީ މާލީ ގޮތުން އޮތް ގޮންޖެހުމެވެ. ނާމޭގެ ޓްރާންސްފާގެ ބޮޑު އަގެވެ.

މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާއިން މިހާތަނަށް 200 މިލިއަން ޔޫރޯއަށް ވުރެ ގިނައިން ހޭދަ ކޮށްފި އެވެ. އިތުރަށް ހޭދަ ކުރެވޭނީ ކުލަބުގެ މާލީޔަތައް އިތުރަށް ފައިސާ ވަދެވޭނެ ގޮތެއް ހޯދައިގެންނެވެ. އެކަމަށް އެންމެ ފަސޭހައިން ކޮށޭނެ މަގަކީ ކުޅުންތެރިންތަކެއް ވިއްކާލައިގެން ފައިސާ ހޯދުމެވެ.