ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އަށް މިދިޔަ ކްއާޓަރުގައި ބިން ތަކުން ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ކުންފުނީގެ ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން ތިލަފުއްޓާއި ގުޅީފަޅުން އެ ކުންފުނިން ކުއްޔަށް ދީފައިވާ ބިން ތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 31 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 29 މިލިއަން ރުފިޔާއާ އަޅާބަލާނަމަ 5.12 ޕަސެންޓުގެ އިތުރުވުމެކެވެ.
ޖީއެމްއައިޒެޑްއެލް އަށް މި އަހަރު ފުރަތަމަ ކްއާޓަރުގައި ތިލަފުށީގެ އިންޑަސްޓްރިއަލް ޒޯނުގެ ބިން ތަކުން 23 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މި އަދަދަކީ މިދިޔަ އަހަރު ލިބުނު 21 މިލިއަން ރުފިޔާއާ އަޅާބަލާއިރު 7.29 ޕަސެންޓުގެ އިތުރު ވުމެކެވެ. މި މުއްދަތުގައި ގުޅީފަޅުގެ ބިން ތަކުން އެ ކުންފުންޏަށް 7.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ވެސް ލިބިފައިވަނީ ގާތްގަނޑަކަށް މިވަރުގެ އާމްދަނީ އެކެވެ. ނަމަވެސް ގުޅީފަޅުގެ އެޕާޓްމަންޓު ތަކުން މިއަހަރު ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ގުޅިފަޅުގެ އެޕާޓްމަންޓު ތަކުން އެ ކުންފުންޏަށް 491,445 ރުފިޔާ ލިބުނު ނަމަވެސް މި އަހަރު ލިބިފައިވަނީ އެންމެ 80,803 ރުފިޔާ އެވެ.
ޖީއެމްއައިޒެޑްއެލް އަށް މި އަހަރު 31 މިލިއަން ރުފިޔާ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް ލިބުނު ސާފު ފައިދާ ވަނީ 11 ޕަސެންޓު ދަށްވެފަ އެވެ. ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 17 މިލިއަން ރުފިޔާ އެވެ.