ގުޅިފަޅު ބަނދަރު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖެއްސި ފައިސާ އެހެން މަޝްރޫއުތަކަށް ބޭނުންކުރެވިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އަޅަން ނިންމި ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމާފައި އޮތީ މިމަޝްރޫއު ގުޅީފަޅުގައި ކުރިއަަށް ގެންދިއުމަށެވެ. މިމަޝްރޫއަށް ހަރަދުކުރަން ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް މިހާރު ނިންމާފައިވަނީ ގުޅީފަޅުގެ ބަދަލުގައި ތިލަފުށީގައި އަނެއްކާވެސް ޕޯޓް ގާއިމުކުރުމަށެވެ.
މިބަދަލާ އެކު ގުޅީފަޅުގައި ޕޯޓް ގާއިމުކުރަން ލިބުނު ފައިސާ އެހެން މަޝްރޫއުތަކަށް ހޭދަކުރަން މިސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ފައިސާ އެހެން ޕްރޮޖެކްޓަކަށް ބަދަލުނުކުރާ ކަމަށާއި ނަމަވެސް ބަދަލުކުރުމުގެ އިހުތިޔާރު އެބަ އޮތް ކަމަށެވެ.
ގުޅީފަޅު ޕޯޓް މަޝްރޫއަށް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 527 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލުކޮށްފައި އޮތީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އަށެވެ.
ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެކެވެ. މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެކެވެ. ދެން ހިމެނެނީ ރާއްޖޭގެ ކުންފުނިތަކެެކެވެ.
ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ތިލަފުށީގައި ހަދައި ނިމުމުން މާލޭގައި މިހާރު ހިންގާ ވިޔަފާރި ބަނދަރުގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.