މެންޗެސްޓާ ޔުނައިޓެޑް

އިންޓަގެ ހުށަހެޅުން ޔުނައިޓެޑުން އަނބުރާ ފޮނުވާލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޮމެލޫ ލުކާކޫ، ގެންދިއުމަށް އިންޓަ މިލާނުން ހުށަހެޅި ބިޑު ކުޑަކަމަށް ބުނެ، އެ ހުށަހެޅުން މެންޗެސްޓާ ޔުނައިޓެޑުން އަނބުރާ ފޮނުވާލައިފި އެވެ.

އިންޓައިން ހުށަހެޅީ، 54 މިލިއަން ޕައުންޑް (1.43 ބިލިއަން ރުފިޔާ) ގެ އަގެކެވެ. ޔުނައިޓެޑުން ގަބޫލު ކުރާ ގޮތުގައި އޯލްޑްޓްރަފާޑުން ލުކާކޫ ފޮނުވާލުމަށް އެއަށްވުރެ ބޮޑު އަގެއް ހައްގެވެ.

ޕްރީ ސީޒަންގައި، އިއްޔަ އިންޓަ މިލާންއާ ދެކޮޅަށް ސިންގަޕޫރުގައި ކުޅުނު މެޗުގައި ލުކާކޫ ކުޅެފައެއް ނުވެ އެވެ. އޭނާ ކުޅެފައި ނުވަނީ އޭނާގެ ފުންނާބަށް އަނިޔާއެއް ލިބުމުންނެވެ. އެހެންނަމަވެސް މެޗުގެ ކުރިން ދަނޑުގައި އިންޓަގެ އޮފިޝަލުންނާ ވާހަކަ ދައްކަން އޭނާ ހުއްޓެވެ.

އިންޓަގެ މިހާރުގެ ކޯޗް، އެންޓޯނިއޯ ކޮންޓޭ ޗެލްސީއަށް ކޯޗް ކޮށްދިން އިރު އޭނާ ވަނީ ޗެލްސީއަށް ލުކާކޫ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އިންޓައަށް ލުކާކޫ ގެންދަން ބޭނުންވާ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

"ކުރިންވެސް އަހަރެން ބުނިހެން ލުކާކޫ އަކީ އަހަރެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިޔެއް، ސަބަބަކީ އަހަންނަށް ފެންނަ ގޮތުގައި އޭނާ އަކީ އަހަރެމެން ޓީމަށް ކުރިއެރުން ގެނެސްދޭނެ ކުޅުންތެރިޔެއް." ކޮންޓޭ ވާހަކަ ދެއްކި އެވެ.