(18 ޖުލައި 2019 އާ ގުޅޭ)
ލުގަލްބަންދާ ވާހަކަދެއްކީ ހަމައެކަނި ރައުލްއާއެވެ. ޖެހިލުންވެފައި ހުރެ ވެސް ރައުލް ބޯޖަހާލީ ލުގަލްބަންދާއަށް ހުއްދަދެމުންނެވެ. ދެންފެނުނީ ރައުލްގެ ގައިތެރެއަށް ލުގަލްބަންދާ ވަންތަނެވެ.
މުޅި ހަށިގަނޑަށް ގަދަފަދަ ބާރެއް ވެރިވަމުންދިޔަ ކަމުގެ އިޙްސާސް ރައުލްއަށް ކުރެވުނެވެ. އެ ބާރުގެ މައްޗަށް އެވަގުތު އޭނާގެ އެއްވެސް ހިފެހެއްޓުމެއްނެތެވެ. ހަށިގަނޑާއެކު މުޅި މީހާގެ ސިފަ ބަދަލުވާން ފެށިއެވެ. އޭނައާއި ލުގަލްބަންދާގެ ސިފަވަނީ އެއްވެފައެވެ. އޭނާގެ އިސްކޮޅު ދެމިލައި މީހާ ބިޔަވެއްޖެއެވެ. ހަށިގަނޑަށްވުރެ ދެއަތް ދިގުވެފައި އުޅަންބޮށިކޮޅުން ފެށިގެން ދެއަތުގެ މުލައްދަނޑީގެ ހަންގަނޑު ބަދަލުވެ ކަށިތަކެއް ފަޅައިފައި ހުއްޓެވެ. އުނަގަނޑުން ތިރި ދެފައިގަ ވެސް ކަށިތައް ނުކުމެފައި ހުއްޓެވެ. ލުގަލްބަންދާއާއި ރައުލްގެ ހަށިގަނޑު ގުޅިފައި ހުރި ކަމުގެ ނިޝާން މޭގައި ލާފައި ހުރި ރެދަން ކުލައިން ފާޅުވޭވޭ ހުއްޓެވެ. ރައުލްގެ އަރުބުޑުން ނުކުތް ބަރު އަޑާއެކު އޭނާގެ ބޮލުގެ ދެފަރާތުން ދެ ދަޅު ނުކުތެވެ. އަދި ފަހަތަށް ދެމިލި ނަގުލާއި އޭނާގެ ބުރަކަށިން ފާޅުވި ބޮޑު ދެ ވަރަ އެންމެންގެ ލޮލުގައި އަޅައިގަތެވެ. ރައުލްގެ ބުރަކަށިން ފެށިގެން ވަރައިގެ ވަކި ހިސާބަކަށް ފާޅުވަނީ އީޝަލްމެންގެ ހުންނަ ފަދަ ވަރައެއްގެ ސިފައެވެ. ނަމަވެސް އެއަށްވުރެ ބޭރުން ފާޅުވާން ހުރީ ވައު އެއްޗެހީގެ ވަރަ ފަދަ ވަރައެކެވެ. ވަރަ ލެނބިފައިވާ ހިސާބު މަތިން ތިން ވަކި ނުކުމެފައި ހުރި ފަދައިން ކަށިތަކެއް ފާޅުވެއެވެ. އަދި ވަރައިގެ ބަދަތަކެއް ފަދައިން އެކަށިތައް ތިރި ދިގުވެފައި ހުއްޓެވެ. ރައުލްއާއި ލުގަލްބަންދާ ފުރިހަމައަށް އެކުވެ އެ ދެ މީހުންގެ ސިފަ އެއްވެއްޖެއެވެ. އެހިނދު ގަދަ އައްޔެއް ފާޅުވެގެން ގޮސް ދުމުގެ އަސަރު ކެނޑި އެ އަލިކަން ވެސް ރައުލްގެ ފައިދަށަށް އޮބިއްޖެއެވެ.
"ލުގަލް..." ރައުލް ގޮވާލިއެވެ. އެ ގޮވާލުމަށް ލުގަލްބަންދާ އިޖާބަދިނެވެ. ހާސްވެ ކަންބޮޑުނުވުމަށް ރައުލްގެ ގާތުން އެދުނެވެ. ރައުލްގެ ހަށިގަނޑަށް ލުގަލްބަންދާ ވަން މީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އޭނާއަށް ވެސް ޔޫރާ ބުނި އެއްޗެއް ޔަގީން ކުރެވިއްޖެއެވެ. އީޝަލްމެން ނަސްލުގެ ދިރުން ރައުލްގެ ހަށިގަނޑުގައި ހިނގާ ކަމެވެ.
ރައުލްގެ ފަރާތުން ފެނުނު މަންޒަރުން ބޭރީތުގެ ފިޔަވަޅު ފަހަތަށް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ރައުލްއާ ގާތްވާން ނުކެރި ހަނގުރާމަވެރީން ވެސް ފަހަތަށް ޖެހެންފަށައިފިއެވެ. ކަސްދިޔާ ތެޅިފޮޅި ގަތުމާއެކު ބޭރީތުގެ އަތުތެރޭން މިނިވަންވިއެވެ.
"ރައުލް..." ގަސްދަކާނުލައި ބޭރީތަށް ބުނެވުނެވެ.
"މި ނުބައިކަން މިތަނުން ނައްތާލާކަށް ނުވޭތަ؟" ކަސްދިޔާ ނުރުހުން ފާޅުކުރިއެވެ. ކިތަންމެ މަޑުން ނަމަވެސް ރައުލްއަށް ބޭރީތު ގޮވާލި އަޑު އޭނާއަށް އިވުނީއެވެ.
"އޭނާ ހިފަހައްޓާ، ކަލޭމެންގެ ފުރާނަދާން ބޭނުންނުވަންޏާ އޭނާއާ ކުރިމަތިލާ، ކަލޭމެންގެ ހިތްވަރުކޮބާ؟ ސިހުރުގެ ކުލަވަރެއް ދައްކާލީމަ ތިހާ ޖެހިލުންވާން، ކަލޭމެންތީ ބޭރީތުގެ ހަނގުރާމަވެރީންނެއްނޫންތަ؟... ކޮބާތަ ކޮމާންޑަރުންތައް، ކަލޭމެންގެ ހަނގުރާމަވެރީން ކުރިއަށްނެރޭ، އެބައިމީހުން މިތަނުން ނުކުމެގެން ދިޔަނުދޭތި... އެކަމަކު ބުނަން، އެހުރި އަންހެންކުއްޖާއާ ކުރިމަތިލާނީ އަހަރެން، އޭނާއާ ގާތް ނުވާތި" ކުރިއަށް ނުކުމެ ހުރި ޒަގަން ހަރު އަޑުން ގޮވާލިއެވެ.
"އެމީހުން އެކަނިތަ އައީ؟ ކޮބާ އެމީހުންގެ ފަރާތުން އައި ހަނގުރާމަވެރީން" ބޭރީތު ސުވާލުކުރީ ލާވީއާއެވެ.
"އެމީހުންނޫން ބަޔަކު ނުދެކެން" ޚަބަރު ހިފައިގެން އައި ވަޒީރަށް ބޭރީތުގެ ސުވާލު އިވުމާއެކު ވަގުތުން ޖަވާބުދިނެވެ. އެތަނުން ފިލާ ރައްކާވާން އޭނާ ބޭނުންވި ނަމަވެސް ލާވީ އިޝާރާތްކުރި ދިމާލުގައި މަޑުކޮށްލި ގޮތަށް ވަޒީރު ހުރީ މަޖުބޫރުވެފައެވެ.
"އެކަމަކު އެހެންވާނީ ކިހިނެއް؟" ބޭރީތަށް އެއްގޮތަކަށް ވެސް ލޯ ކުރިމަތިން ފެންނަމުންދާ މަންޒަރުތައް ނަގައިގަންނަން ފަސޭހައެއްނުވިއެވެ. ލާވީ ވެސް ހުރީ ހަމަ އެހާލުގައެވެ. އީޝަލްމެންގެ ތެރެއަށް މީގެ ކުރީން ފާޅުނުވި ގަދަފަދަކަމެއް މިހާރު ފާޅުވަމުންދާންވީ ސަބަބެއް ލާވީއަކަށް ވެސް ނުވިސްނުނެވެ. ބޭރީތަށް ދޭނޭ ޖަވާބެއް ލާވީގެ އަތުގައި ނެތީ އެހެންވެއެވެ.
"ހަނގުރާމަފެށުން ނޫންގޮތެއްނެތް، އެމީހުންވެސް އެތިބީ ކުރިމަތިލާން ތައްޔާރުވެގެން، އެމީހުންގެ ފަހަތުގައި ލަޝްކަރެއްނެތްނަމަ ބަލިކޮށްލުމަކީ ފަސޭހަކަމެއް" ޒަގަން އަނެއްކާ ވެސް ބުންޏެވެ. މިފަހަރު އޭނާ އެނބުރި ބޭރީތާ ނަޒަރު ސީދާކޮށްލިއެވެ. އަދި އޭނާގެ ކަމަރުގައިވީ ދެކަނޑިން ކުރެ އެއްކަނޑި އުރައިން ދަމައިގަތުމާއެކު އުފުލާލިއެވެ. ބޭރީތަށް ބަލަން ހުރި އިސްކޮމާންޑަރަށް އޭނާ ބޯޖަހާލިއެވެ. އެއާއެކު އޭނާގެ ދަށުގައި ތިބި ހަނގުރާމަވެރީންނަށް ސަމާލުވުމަށް ގޮވާލިއެވެ. ދަރުބާރުގެ ތެރެ އޭރު ބޭރީތުގެ ހަނގުރާމަވެރީންނާގެން ފުރިއްޖެއެވެ. އީޝަލްމެން ވަށާލައި އެއްބަޔަކު ތިބިއިރު އަނެއްބަޔަކު ތިބީ ރައުލްގެ ވަށައިގެންނެވެ. ދަރުބާރަށް ނުވަދެވިފައި ވެސް އެތައް ހަނގުރާމަވެރީންނެއް ތިއްބެވެ. ކުރިމަތިލާންވީކަން އިޢުލާންކުރުމާއެކު ހަނގުރާމަވެރީންގެ އަޑުފަށްގަނޑު ގަދަވެއްޖެއެވެ. އެމީހުންގެ ތެރޭގައި ނަގާކިޔާ ބަޔަކު ވެސް ތިއްބެވެ. ހަނގުރާމަވެރީންގެ ހިތްވަރުއެލުނަ ނުދީ ފޯރިގަދަ ކުރުމަށެވެ. އެމީހުންގެ ގޮވެލިފަތި ހިފައިގެން ހަނގުރާމަވެރީންގެ ކަންފަތްދޮށުގައި އެބައިމީހުން ދުވެއެވެ. ކުރިމަތިލާން އުޅޭ ދުޝްމަނުންގެ މައްޗަށް ނަފުރަތާއި ރުޅިވެރިކަން އުފައްދައެވެ.
"އަހަރެންގެ ފިރިމީހާ ގޮވައިގެން އެނބުރި މިތަނުން ހިނގައިދާނަން، މި ކުރިމަތިލުން ހިނގައިފިނަމަ ކަލޭމެންގެ ތެރެއިން ގިނަބަޔަކު ނެތިގެންދާނެ، އަހަރެން މިއައީ އަހަރެންގެ ފިރިމީހާ ބަލާ، އޭނާއާއި އަހަރެންގެ ޢާއިލާއަށް ގެއްލުންދޭން ކަލޭމެން އުޅޭނަމަ އަހަރެން ވެސް ރައްދުދޭނަން، އެކަމަކު... އޭގެ ކުރީން ކަލޭމެންނަށް ފުރުޞަތު މިދެނީ... މުޅި އުމުރަށް އަހަރެމެންނަށް ފާރަލުން ހުއްޓާލާ" އީޝަލްގެ އަޑު ގުގުމާލިއެވެ. އެހެން ހުރިހާ އަޑެއް ފަނޑުކޮށްލާފަދަ ބާރެއް އެ އަޑުގައި ވާހެން އެންމެންނަށް ވެސް އިޙްސާސް ކުރެވުނެވެ. ބޭރީތުގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ހަނގުރާމަވެރީން ހީވީ ކެކިގަތް ހެންނެވެ. ޒަގަން ޖަހާލީ ބާރު ހިނިގަނޑެކެވެ. އީޝަލްއަކީ އޭނާގެ މިލްކެކޭ ބުނެލި އަޑު ޚުދު އީޝަލްއަށް ވެސް އިވުނެވެ. އެހިނދު ފިނިނޭވާއެއް އީޝަލް ދޫކޮށްލިއެވެ. ހުރިހާކަމެއް ނިމިގެންދާނީ ކިހިނެއްކަން އީޝަލް ލަފާކޮށްލިއެވެ. އަދި އެކަމުގެ ނަތީޖާ ނުކުންނާނޭގޮތް އޭނާއަށް ޔަގީންވަނީއެވެ.
"ހަތޯރު... ދަރިފުޅު އެމީހުންނާއެކު ހުރިހާ ހިނދަކު ރައްކާތެރިކަމެއްނެތް" ކަސްދިޔާ ގޮވާލިއެވެ.
"މަންމަގެ ތި ހަރުކަށިކަން ދޫކޮށް އަޅުގަނޑުގެ ގާތަށް އައުމުން ރައްކާތެރިކަން ދޭނަން، ބައްޕައަށް ވިސްނައިދީބަލަ... ޒަގަންގެ ވިސްނުން ގޯސް، އޭނާއަށް އެއްބާރުލުން ތިދެނީ ކީއްވެ؟" ހަތޯރު ސުވާލުކުރިއެވެ.
"ރައުލް ދިރިހުއްޓާ އަހަރެންނަށް ހަމަޖެހުމެއްނުލިބޭނެ، ކަލޭ ފިނޑިވެ މަގުއޮޅުނީތީ އަހަރެން ހިތާމަކުރަން، ކަލޭގެ ބޭބެ ފަދައިން ނުވީ ކީއްވެތަ؟... ޒަގަން އެއީ ފުރިހަމަ ފިރިހެނެއް، އަހަރެން ބޭނުންވި ފަދަ ދަރިއެއް... މީ އަހަރެމެން ބައްދަލުވާނޭ ފަހު ފަހަރު، ކަލޭގެ ނުބައިކަމުގައި މަރުވެދާން ދޫކޮށްލުންނޫން ގޮތެއްނެތް، އަހަރެން މިހުރީ ޒަގަންއާއެކު، ނިމިގެންދާނީ ވެސް މިގޮތުގައި ހުރެ" ކަސްދިޔާ ބުންޏެވެ.
"މަންމަގެ މައްޗަށް އަޅުގަނޑު ހިތާމަކުރަން" ހަތޯރު ބުންޏެވެ. އެ ދެމެދުގައި ދެކެވުނު އެންމެފަހު ވާހަކައަކީ އެއީއެވެ.
ހަނގުރާމަވެރީން އަރައިގަތީ ދެނެވެ. އީޝަލްގެ ކަނާއަތް ހިއްލާލައި ކޮށްލި އިޝާރާތާއެކު ހީވީ ނުފެންނަ ބޮޑު އަތަކުން ހަނގުރާމަވެރީން އެއްފަރާތްކޮށްލި ހެންނެވެ. ޖިންނިތައް ބުރައިގެން ދިޔައެވެ. އެއްބައެއްގެ ފުރާނަ ވަގުތުން ނެތިގެން ހިނގައްޖެއެވެ. އެވީ ގޮތަކާމެދު އަޖައިބުވެ ހިނދުކޮޅަކަށް ހަނގުރާމަވެރީން މައިތިރިވެ އީޝަލްއަށް ބަލަން ހުއްޓެވެ.
"އީޝަލް... ކުރިއަށްވުރެ ކަލެއަށް އަހަރެންގެ ހިތް ލެނބިއްޖެ" ބޭރީތުގެ ތަޚުތު ހުރިތަނުން ތިރިއަށް ޒަގަން ފައިބަން ފެށިއެވެ. އެތަނުގެ ވަށައިގެން ތިބި ހަނގުރާމަވެރީން ދެފަރާތަށް ޖެހި ޒަގަންއަށް މަގު ހަދައިދިނެވެ. ލާނެތް ހިނިތުންވުމަކާއެކު ޒަގަންގެ ލޯ އަމާޒުވެފައި ހުރީ އީޝަލްއަށެވެ. ނަމަވެސް އީޝަލް އޭނާއަށް ބަލައެއްނުލިއެވެ. ރައުލްއާ ދިމާކުރާ ހަނގުރާމަވެރީން އީޝަލްކޮށްލި އިޝާރާތާއެކު ބުރައިގެން ހިނގައްޖެއެވެ. އޭނާގެ ސަމާލުކަން އެވަގުތު ވެސް ދެވިފައި ހުރީ ރައުލްއަށްކަން އެނގުމުން ޒަގަންގެ މޭގައި ދިލަ އާތްވެއް އުފެދުނެވެ. ނަމަވެސް އޭނާއަށް ސިހުން ލިބި ކުއްލިއަކަށް ހުއްޓުނީ ދަރުބާރުގެ ތެރެއަށް ޖަމާވެފައި ތިބި ހަނގުރާމަވެރިންގެ ވިއްސައިގެން އައިސް ޒަގަންގެ ކުރިމައްޗަށް ޖެހެންފެށުމުންނެވެ. ތަޚުތުގެ ވަށައިގެން އެތުރިތިބި ސިފައިންގެ ސަފު އެއްވެ އެމީހުންގެ ތެރެއަށް ޒަގަންލައި ނިވާކޮށްލިއެވެ.
އެންމެން ބަލަބަލާ ތިއްބަ ދަރިބާރުގެ ތެރެ ހުސްވާން ފެށިއެވެ. އިރުކޮޅެއްކުރީން ދަރުބާރުގެ ތެރޭ ހޯބޯލަވަމުންދިޔަ އެތައްހާސް ހަނގުރާމަވެރީންނެއް ނެތި އަދި ބޭރުން ވަންނަމުން ދިޔަ ޖިންނީންގެ ޖަމާޢަތް ވެސް މަދުވެއްޖެކަން އެންމެންނަށް އެނގުނެވެ. ރައުލްއާއި އޭނާއާއެކު ތިބި ބަޔަކު އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލީ ދެނެވެ. ބޭރީތުގެ ގާތުން ދުރަށް ޖެހެމުން ދިޔަ ކަސްދިޔާ ކުރިއަށް ނުކުތެވެ. އޭނާގެ ނިޔަތް އީޝަލްއަށް އެނގުނު ކަހަލައެވެ. އެންމެންނަށްވުރެ ކުރިއަށް އީޝަލް ވެސް ޖެހިލިއެވެ. ޚާއްޞަ އިފުރީތުންގެ ބަޔަކަށް ލާވީ ގޮވާލިއެވެ. އެހިނދު ދަރުބާރުގެ ތެރެއަށް އެބައިމީހުން ވަދެ އީޝަލްމެން ވަށާލައިފިއެވެ.
"އެމީހުންގެ ގާތުގައި ކަލޭމެންނަށް ގަދައެއްނުދެއްކޭނެ" ޒަގަން ގޮވާލިއެވެ.
ރައުލްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. އޭނާއާއި އީޝަލްއާ ވަކިވާންޖެހުނު ގޮތް ހަނދާނަށް އައީއެވެ. އެމީހުންގެ ތެރެއަށް އެ އިފުރީތުން އަތްގަދަކުރި ގޮތް ރައުލް ހަނދާނެއްނުނެތޭނެއެވެ. އެވަގުތު ލުގަލްބަންދާ ގޮވާލީ އެމީހުންނާ ކުރިމަތިލާން އަދި ވަގުތު ނުޖެހޭކަމަށެވެ. ކުރިން ކަންތައްވީހެން މިފަހަރު ނުވާނޭކަމުގެ ޔަގީންކަން ލުގަލްބަންދާ ދިނެވެ. ބޮޑެތި ފަރުބަދަތަކެއް ފަދަ ޖިންނީންތަކެއް ކުއްލިއަކަށް އެތަނަށް ވަދެ އިފުރީތުންގެ ފަހަތުގައި މަޑުކޮށްލިތަން ފެނުނެވެ. އެއާއެކު ޒަގަންގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފާޅުވިއެވެ. ބޭރީތާއި ލާވީއަށް އެ އައީ ކޮންބައެއްކަން އެނގުނެވެ. އީޝަލް ކުރިއަށް ނުކުމެ ހުރެ އޭނާގެ ދެ ވަރަ ހުޅުވާލިއެވެ. އެއާއެކު ވަރައިގެ ވައަތްފަރާތުން ރެދަން ކަނޑައިގެން ދިޔައެވެ. އަދި ބިއްލޫރިކޮޅުތަކެއް އެކުވެފައި ހުރި ފަދައިން އެ ވަރަ ފެތުރިފައި ވިއެވެ. އެވަގުތު އިސްއިފުލާލި އީޝަލްގެ ނަޒަރު ރައުލްއަށް ހުއްޓުނެވެ. އީޝަލްގެ ދެލޮލުން ފާޅުވި އަސަރުތައް ރައުލްގެ ހިތަށް އުނދަގޫކުރުވިއެވެ. ނަމަވެސް އޭނާއަށް އެއްޗެއް ބުނެވެންވާއިރަށް އީޝަލް ނަޒަރު ވަކިކޮށްލާ އިސްޖަހާލައިފިއެވެ.
"ލުގަލް... އީޝަލްގެ ވަރަ... ކިހިނެއްވެފަ އެހުރީ" ރައުލްއަށް އީޝަލްގެ ވަރަ ފެނުމާއެކު ސުވާލުކުރިއެވެ.
"ކަލޭގެ ހުރިހާ ސުވާލަކަށް އީޝަލް ޖަވާބުދޭނެ... އޭނާ ކަލެއަށް ޓަކައި ވަރަށް ހިތްވަރުކުރި، ވަރުގަދަ އިމްތިހާނަކާ އޭނާ ކުރިމަތިލި" ލުގަލްބަންދާ ބުންޏެވެ. ރައުލްގެ ހަށިގަނޑާ ގުޅިފައި ހުރުމުން ރައުލްގެ ކޮންމެ އިޙްސާސެއް ލުގަލްބަންދާއަށް ވެސް އިޙްސާސް ކުރެވުނެވެ. އޭނާ އީޝަލްދެކެވާ ލޯބި އަންދާޒާކުރެވުނެވެ.
"އީޝަލް" އަޖައިބުވެފައި ހުރި ޒަގަން ގޮވާލީ އެއީ ކިހިނެއްވީ ކަމެއްތޯ އަހާފަދައަކުންނެވެ.
"ޔޫރާ... ވައިސިންނީ..." އީޝަލް ސިއްރުން ގޮވާލިއެވެ. އެމީހުން އެ ގޮވާލުމަށް އިޖާބަދިނެވެ.
މިފަހަރު އީޝަލް މަޑެއްނުކުރިއެވެ. އޭނާގެ އަމުރަށް ވައިސިންނީ ހަމަލާ އުފެއްދިއެވެ. އޭނާގެ އެއްވެސް ހަރަކާތެއް އީޝަލްނޫން މީހަކަށް ނުފެނުނެވެ. އެންމެންނަށް ވެސް ފެނުނީ އިފުރީތުންގެ ހަށިތައް ދެފަޅިވަމުން ގޮސް ތިބިދިމާއަށް ވެއްޓެމުންދާތަނެވެ. އިފުރީތުންގެ ފަހަތުގައި ތިބި ބިޔަ ޖިންނިތައް ވެސް ކުނޑިތަކެއް ފަދައިން ބުރައިގެން ދިޔައެވެ. ހީވީ އެބައިމީހުންގެ ހަށިގަނޑުތަކުގެ އެތެރެއިން އެއްޗެއް ގޮވީ ހެންނެވެ. ވެލިތަކެއް ފަދައިން ފުރާނަނެތް އެ ހަށިތައް ފައިބައިގަތެވެ. ހަރަކާތެއްކުރަން ނޭނގިފައި އެންމެން ތިއްބާ އީޝަލް އިހުނަށްވުރެ ވެސް ކުރިއަށް ނުކުތެވެ. އޭނާގެ އަތުގެ އިޝާރާތާއެކު ޔޫރާގެ ފޮތް ހުޅުވުނެވެ. އެ ފޮތުން ޔޫރާ ކިޔެވި އެއްޗެއް އީޝަލް ތަކުރާރުކޮށްލުމާއެކު ފުމެލިއެވެ. އެހިނދު ވައިރޯޅިތަކެއް ފަދައިން ހަރަކާތްތެރިވާ ޖިންނިތަކެއް ފާޅުވެ، މީހުންގެ ލޮލަށް ފެނި ގެއްލެމުން ގޮސް ތަޚުތުގެ ކައިރީ އެތުރިތިބި ސިފައިން ވަށާލައިފިއެވެ. ދެންފެނުނީ ނިދިޖެހިގެން ވެއްޓޭ ބަޔަކުހެން ސަފުތައް ރޫޅި ސިފައިންތައް ވެއްޓެމުންދިޔަތަނެވެ. މިކަންތައްގަނޑު ފެނި އިސް ކޮމާންޑަރަށް ވެސް ފަހަތަށް ޖެހިލެވުނެވެ. އަދި އެނބުރި ބޭރީތަށް ބަލާލަމުން ގޮވާލީ ދެން ހަދާނީ ކިހިނެއްހޭ އަހާލާ ފަދައިންނެވެ. އެވަގުތު އެތަނަށް ވެއްޓިފައި އޮތް ހަނގުރާމަވެރިއެއްގެ ކަނޑި ކަސްދިޔާ ނަގައި އީޝަލްއާ ދިމާއަށް ހޫރާލިއެވެ. ނަމަވެސް އެ ކަނޑި އީޝަލްއާ ހަމައަށް ފޯރުމުގެ ކުރިން ދުރަށް ވިއްސައިގެން ހިނގައްޖެއެވެ.
"އަދިވެސް ބަލި ޤަބޫލުކުރާކަށްނުވޭތަ؟" އީޝަލް ވާހަކަދެއްކިއެވެ.
"ތިހާ ހިތްވަރެއް ލިބުނީ ކިހިނެއް؟" ޒަގަން ސުވާލުކުރިއެވެ.
"ޒަގަން!... އެއީ އަހަރެމެންގެ ތެރެއަށް އައި އީޝަލްއެއްނޫން، މިކަމުގެ މަޢުލޫމާތު އަހަރެންނަށް ނުދިނީ ކީއްވެ؟ ކަލޭގެ އެއްވެސް ވާހަކައެއް ދެކޮޅެއްނުޖެހޭ... ރާވިންނޫން އެކަކުވެސް ސަލާމަތެއްނުވެޔޭ ބުނިއިރު އަހަރެންނަށް މިފެންނަނީ ދެން ކޮންބައެއް؟... ޒަގަން، އަހަރެންނަށް ޖަވާބުދީބަލަ" ބޭރީތު ހުރީ އެނގެން ބޭނުންވެފައެވެ.
"އޭނާ އަހަރެން އެއްލާލީ މި ގަނޑުވަރާ ދުރުގައި ހުރި ބިންގަރާހެއްގެ ތެރެއަށް، އެއީ އަހަރެންގެ ހަޤީޤަތް އެނގެން އިރާދައިގައިވީމަ، އެ ހުރަގެއިން އަހަރެންނާ ޒޮރައިދާ ދިމާވީ... ކަލޭގެ ހުރިހާ ސިއްރެއް ބޭޒާރުވެއްޖެ" ރައުލް ވާހަކަދެއްކިއެވެ.
"އެތަނަށްވަންނަން އެނގުނީ ކިހިނެއް؟" ބޭރީތު ސުވާލުކުރީ ޒަގަންއާއެވެ.
"އާން! އަހަރެން އޭނާ ގެނެސް އެތަނަށްލީ، އޭނާ މަރާލަން ބޭނުންވީ ވޭންހުރި ގޮތަކަށް، އަހަރެންގެ މިލްކަކަށް އީޝަލް ހެދުމަށްފަހު... މިހެންމިވީ ބައްޕައާ ހެދި، އެމީހުން ތައްޔާރުވާން ވަގުތުދިން މީހަކީ ތީ، މިހިނެއްނުވީސް އަހަރެން އެނބުރި ދާން ހުއްދަ ދިންނަމަ" ޒަގަން ނުރުހުން ފާޅުކުރިއެވެ. އަދި އޭނާ ކުރިއަށް ހިނގައިގަތެވެ.
"ތިހުރިހާ ކުޅިވަރެއް ދެއްކިޔަސް އަހަރެން ބިރެއްނުގަނޭ، ރުހުމުގައި އަހަރެންނާއެކު އާދޭ... އޭރުން އެމީހުން މިތަނުން އެނބުރިދާނީ ސަލާމަތުން، އަހަރެން ބޭނުމީ ހަމައެކަނި އީޝަލް... ބުނޭ އަހަރެންގެ މީހަކަށްވާނަމޭ، އަހަރެން ހަޤީޤަތުގަ ވެސް އީޝަލްދެކެ ލޯބިވޭ، އީޝަލް އެދޭނަމަ މިއެންމެނާ ދުރުގަ ވެސް އުޅެވިދާނެ، އަހަރެން އީޝަލް އުފާކޮށްދޭނަން، އަހަރެންގެ ގާތަށް އާދޭ އީޝަލް" ޒަގަން ހުއްޓުނީ އީޝަލްގެ ކުރިމަތީއެވެ. ރައުލް ކުރިއަށް ޖެހެން އުޅުމުން ވެސް އޭނާގެ ހަށިގަނޑު ހިފެހެއްޓީ ލުގަލްބަންދާއެވެ.
"އަހަރެން ނުބުނަންތަ ދުވަހަކުވެސް އަހަރެން ކަލޭގެ ހައްޤަކަށްނުވާނޭ، ރައުލް ނެތް ދުވަހެއްގައި ވެސް ކަލޭ ތި އެދޭ އެދުން ފުރިހަމައެއްނުވާނެ" އީޝަލް ބުންޏެވެ. ލުއި ހީނލުމަކުން ޒަގަން ހީނލިއެވެ. އޭނާގެ ހަރަކާތްތަކަށް އީޝަލްގެ ވަރަ ސަމާލުވެފައި ހުރި ކަހަލައެވެ. އެވެސް އޭގެ އަމިއްލަ ޒާތުގައި ހަރަކާތްތެރިވާތީ ފެނެއެވެ.
ޒަގަންގެ ކަމަރުގައިވީ ކަނޑި އޭނާ ނަގައި އީޝަލްއަށް ދައްކާލިއެވެ. އެއީ ރައުލްއަށް އައިޒަން ދިން ކަނޑިކަން އީޝަލްގެ ފަހަތުގައި ތިބި އެންމެންނަށް އެނގުނެވެ.
"އަހަރެން މިކަނޑިން އޭނާ މަރާލައިފިއްޔާ، އަހަރެންނާއެކު ރުހިގެން އުޅޭނަންތަ؟" ޒަގަން އެއްސެވެ. ނަމަވެސް އީޝަލް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާގެ ނަޒަރު ޒަގަންއާ އަމާޒުކުރަން ވެސް ބޭނުންނުވެފައި ހުރި ކަހަލައެވެ.
"އާދޭ... ކަލޭގެ ހަށިގަނޑުތެރެއިން ތި ހައިވާނު ނެރެ ނިކަން އަހަރެންނާ ކުރިމަތިލާބަލަ، އޭރުން މިކަން ނިމުމަކަށް އަންނާނީ" ޒަގަން ކުރިމަތިލީ ރައުލްއާއެވެ. ނަމަވެސް އޭނާ ބަލާލީ އީޝަލްއަށެވެ. ލުގަލްބަންދާ ބުނިހެން އީޝަލްގެ އިޝާރާތަކަށް އޭނާ ވެސް މަޑުކުރީއެވެ. އެތަނުގައި އައިޒަންއާއި މީކާޢިލްގެ އިތުރުން ޒިޔަޒެލް ވެސް ހިމޭނުންތިބީކަން ރައުލް ދެނެގަތެވެ. ޒަގަންއަށް ރައްދުދޭން އަވަސްވެގަތުމުގެ ބޭނުން ކެނޑުނީ އެހެންވެއެވެ.
"އީޝަލް..." ޒަގަން ގޮވާލިއެވެ. އަދި އޭނާ އީޝަލްގެ ކޮނޑުގައި އަތުގައި އޮތް ކަނޑި ޖައްސާލަން އުޅުނެވެ. ނަމަވެސް އެކަނޑި އީޝަލްގެ ގައިގާ ޖެހިމުގެ ކުރިން ވިއްސައިގެން ހިނގައްޖެއެވެ. ވައިސިންނީ އީޝަލްއާ ކަނޑިއާ ދެމެދަށް ވަނީއެވެ. އީޝަލް ސިއްރުން ގޮވާލުމާއެކު ކިޔަމަންތެރިކަމާއެކު ވައިސިންނީ ފަހަތަށް ޖެހުނެވެ.
"ކީއްވެފަ ތިހުރީ؟ އަހަރެންނާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފަ... އަހަރެން ތި ހަށިގަނޑުގައި ބީހިދާނެތީ ބިރުންތަ ތިހުރީ" ޒަގަން އިހުނަށްވުރެ އީޝަލްއާ ގާތްވެލިއެވެ. އޭނާ އީޝަލްގެ ކޯތާފަތުގައި އަތްލަން ވައަތްތިލަ ދަމާލިއެވެ. ނަމަވެސް އީޝަލްގެ ކޯތާފަތާ ހަމައަށް އޭނާގެ އަތްފޯރުމުގެ ކުރިން ހީވީ ބާރުގަދަ ދެއަތުން ޒަގަންގެ ކޮނޑުގައި ހިފައި ހުރިތަނަށް ގަންނަވާލި ހެނެވެ. ތަޅުމުގައި ރެނދުލައި މުޅި ދަރުބާރުގެ ފާރުތަކަށް ގުޑުން އެރިއެވެ. ބާރު ހަޅޭކެއް ޒަގަންގެ އަނގައިން ނުކުތެވެ. އެދިމާއަށް ދުވެފައި އައި ކަސްދިޔާއަށް ޒަގަންއާ ހަމައަށް ނުފޯރަނީސް ގާތުން ފިނި ވައިރޯޅިއެއް ޖެހިލިހެން ހީވިއެވެ. ދެންފެނުނީ އީޝަލްގެ ވައަތު ފިޔަފަތްގަނޑު އޭގެ މަޤާމަށް އައިތަނެވެ. އޭރު ކަސްދިޔާ އަރިއަޅާލައިގެން ވެއްޓެނީއެވެ. ތަޅުމުގައި ޖެހުމުގެ ކުރީން އޭނާގެ ބޯ ހަށިގަނޑާ ވަކިވެއްޖެއެވެ. ގަދަ ހަދާލި ޒަގަންގެ ފުށުން މީގެ ކުރިން ފާޅުނުވާ ބާރުވެރިކަމެއް އުފަންވި ކަހަލައެވެ. ގަދަ ހަޅޭކަކާއެކު އޭނާ ދުރަށް ފުއްމައިގަތެވެ. އީޝަލް ހުރި ގޮތަކަށް ހުރީއެވެ. ކަސްދިޔާއާ ދިމާއަށް ބޭރީތު ދާން އުޅެން ފެށުމުން އޭނާގެ ދެފަރާތުން ހިފެހެއްޓީ ލާވީއާއި އިސްކޮމާންޑަރެވެ. އެތަނުން ފިލަން ވަޒީރު ދުއްވައި ގަތީ އެވަގުތެވެ. ލާވީގެ އަމުރަށް ހުސިޔާރުވެ ހުރި ކޮމާންޑަރު އޭނާގެ ކަނޑިން ވަޒީރުގެ ފުރާނަ ދުއްވާލައިފިއެވެ. އެތަނުގައި ހިނގާ އެއްވެސް ކަމެއްގެ ޚަބަރު ބަޔަކަށް ލިބުމަކީ ބޭރީތު އެދޭނޭ ގޮތެއްނޫންކަން ލާވީ ދެނަހުއްޓެވެ.
"އީ...ޝަ...ލް" ޒަގަން ހަޅޭލައިގަތެވެ. އޭނާގެ ސިފަ ހުތުރުވިއެވެ. ސަމާލުވެ ތިބުމަށް ރައުލް އެހިނދު ގޮވާލިއެވެ. ބޮޑެތި ހަނގުރާމަ ކުރެވުނުއިރު ޒަގަންގެ ސިފަ ބަދަލުކުރާކަން ރައުލް ދެނަހުއްޓެވެ. އެހެންނަމަވެސް އެމީހުން ވެސް ޒަގަންގެ ސިފަ ބަދަލުވާތީ ދުށް މީ ފުރަތަމަ ފަހަރެވެ. ޒަގަންގެ ހަރަކާތް އަވަސްވެފައި އޭނާ ދޭ ހަމަލާގެ ބާރު ގަދަވެއެވެ. އެކަން ސޭމެސް އިޢުލާން ކުރިއެވެ. ނަމަވެސް އީޝަލް ފެންނަނީ ހުއްޓުން އަރާފައި ހުރި ތަނެވެ. އޭނާ ހަރަކާތެއްކޮށްނުލައި ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކަސްދިޔާގެ ފުރާނަ ދުއްވާލިކަމުގެ ނިޝާން އީޝަލްގެ ވައަތު ވަރައިން ފާޅުވާން ހުއްޓެވެ. އެ އަސަރު ފިލުވާލުމަށް އޭނާ ވަރަފަތް ތަޅުވާލިއެވެ.
ޒަގަން ފެންނަނީ ބަޚުރުގެ ތެރެއިން ފާޅުވި ބިޔަ ވަރުގަދަ ބޭރިއެއް ހެންނެވެ. އޭނާ ރުޅިވެރިކަމާއެކު އައިސް އީޝަލްއާ ދިމާކުރަން އުޅުނެވެ. ނަމަވެސް އޭނާގެ ހަމަލާ އަމާޒުކުރީ ރައުލްއަށެވެ. ލުގަލްބަންދާއާއި ރައުލް އެމީހުންގެ ކަނާއަތް ހިއްލާލީ ޒަގަންގެ ހަމަލާ ދިފާއުކުރުމަށެވެ. އެއަށްވުރެ ކުރިން އެ ދެމެދަށް އީޝަލް ވަނެވެ. ޒަގަން ދިޔައީ ވިއްސައިގެންނެވެ. ދަރިފުޅުގެ ނަމުން ބޭރީތަށް ނިކަން ބާރަށް ގޮވާލެވުނެވެ. އީޝަލްގެ ނަޒަރު ބޭރީތާ ހަމައަށް ދަތުރުކޮށްލިއެވެ. އެއާއެކު ބޭރީތަށް ހީވީ މަތިން ބޮޑު ފަރުބަދައެއް ބޯމައްޗަށް ވެއްޓުނީ ހެނެވެ. ދެކަކޫ މައްޗަށް އޭނާ ވެއްޓުނު އިރު މޫނުމަތިން ފެންނަނީ ބިރުގެންފައި ހުރި ކަމުގެ އަސަރެވެ.
"ލާވީ... އަހަރެމެން އަމާންދޭންވީ ވަގުތު ޖެހިއްޖެ، އޭނާއާ ކުރިމައްޗެއްނުލެވޭނެ" ބޭރީތު ގޮވާލިއެވެ. ނަމަވެސް ޒަގަން ހުރީ ދޫދޭ ގޮތަކަށްނޫނެވެ.
ހަމަބުއްދިފިލާފައިވާ ޖަނަވާރެއްހެން ޒަގަން އައެވެ. ދެން ވެސް އީޝަލްއާ ހަމައަށް އޭނާ އަޔަކަނުދިނެވެ. އީޝަލްގެ ކަނާއަތްތިލަ ހޫރާލި ގޮތުން އަނގަވަތަށް އޭނާގެ ފައިބުޑަށް ޒަގަން ވެއްޓުނެވެ. ކުރިނުލިބޭތީ ޒަގަންގެ ރުޅިގަނޑު ގަދަވިއެވެ. ހަތަރެސްފައި ޖަހައިގެން އޮވެ އޭނާ ބޯ ހިއްލާލައި އީޝަލްއަށް ބަލާލިއެވެ.
"އަހަރެންގެ ނަޒަރު ކަލެއާ ސީދާވާނެ ހަމައެކަނި ގޮތަކީ މީ" އީޝަލް ބުންޏެވެ. ބަލައިގަންނަން އުނދަގޫވި ކަމަކަށް އެކަން ޒަގަންއަށް ވިއެވެ. އީޝަލް އޭނާ ނިކަމެތިކޮށްލުމުގެ ގޮތުން ބުނި އެއްޗެއްކަން ޔަގީންވާތީއެވެ. ބޭރީތު ފިޔަވައި އޭނާގެ ބޯ އެމީހަކަށް ތިރިކުރާނޭ އެކަކުވެސް ނެތެވެ. އެހެންނަމަވެސް މިއަދު އޭނާއަށް ގަދައެއް ނުހެދުނެވެ. އީޝަލްއަށް ލިބިފައިވާ ބާރާ އެއްވަރުނުވެވޭނެކަން ވެސް އެނގިއްޖެއެވެ. އެހެންވިޔަސް ޒަގަން ގަދަދެއްކިއެވެ. އީޝަލް ކުރިއަށް ހިނގައިގަތުމާއެކު އޭނާއާއެކު ޒަގަންގެ ހަށިގަނޑު ދަމަމުން ގެންދިޔައެވެ.
"އަނިޔާވެރިއަކަށްވާން ކަލޭ މަޖުބޫރުކޮށްފީމު" ބޭރީތާ ދިމާއަށް ބަލަން ހުރެ އީޝަލް ބުންޏެވެ.
"ދޭ... މިތަނުން ދޭ... ކަލޭގެ ފިރިމީހާ ގޮވައިގެން ދޭ... އަހަރެން ދުވަހަކުވެސް ކަލޭ ހޯދާކަށް ނޫޅޭނަން، ކަލޭގެ އަހުލުންނާއެކު ދޭ..." ބޭރީތު ފަހަތަށް ޖެހެމުން ބުންޏެވެ.
"އެކަމަކު މީނާއަށް މަޢާފުކުރާނީ ކިހިނެއް؟" އީޝަލް މިހެންބުނެ ޒަގަން ދައްކާލިއެވެ. ޒަގަންގެ ހަތަރެސްފަޔަށް ވާންވުމާއެކު އޭނާ މައްޗަށް އުފުލިފައި ހުއްޓެވެ. ބޭރީތުގެ އަނގައިން އާހުގެ އަޑުނުކުތެވެ. އޭނާއަށް ޒަގަންއާ ދިމާއަށް ދެއަތް ދިއްކޮށްލެވުނެވެ.
"ޔޫރާ!... އެބުދު މިތަނަށް ގެނޭ" އީޝަލް ބުންޏެވެ. އެއާއެކު ޔޫރާ ޣައިބުވިއެވެ. ބޭރީތު ވަށައިގެން ހޯދިއެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭ ޖިލައްޔާގެ ސޫރައަށް ހަދާފައި ހުރި ބުދު އުފުރާލައިގެން ޔޫރާ ގެނެސް އީޝަލްގެ ކައިރީ ބެހެއްޓިއެވެ.
(ނުނިމޭ)