ކުޅިވަރު

މަޑަގަސްކަރަ ބަލިކޮށް ރާއްޖެ ފައިނަލަށް

ސެމީ ފައިނަލުގައި، މަޑަގަސްކަރައިގެ މައްޗަށް 3-1 ކާމިޔާބު ހޯދައި، މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމު ދަތުރު ކޮށްފި އެވެ.

ސެމީ ފައިނަލު މެޗުގައި، ރާއްޖޭގެ ފުރަތަމަ ގޭމް، ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އެވެ. އޭނާ ގޭމް ކާމިޔާބު ކުރީ 12-10، 11-6 އަދި 11-4 ންނެވެ.

ދެ ވަނަ ގޭމްގައި، ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ މަޑަގަސްކަރަ މައްޗަށް ކާމިޔާބު ހޯދީ ފަސޭހަ ކަމާއެކު އެވެ. ދީމާ ގޭމް ކާމިޔާބު ކުރީ 11-7، 11-6 އަދި 11-4 ންނެވެ.

ތިން ވަނަ ގޭމްގައި، ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ، މުއިނާ މުހައްމަދު ވަނީ ވަރުގަދަ ޗެލެންޖެއް ދިން މަޑަގަސް ކުޅުންތެރިޔާއަތުން 3-1 ން ބަލި ވެފަ އެވެ. ފުރަތަމަ ސެޓް މުއިނާ ކާމިޔާބު ކުރީ، 11-8 ންނެވެ. ނަމަވެސް ޖެހިގެން ތިން ސެޓް މަޑަގަސްކަރަ ކާމިޔާބު ކުރީ، 11-9، 11-4 އަދި 11-9 ންނެވެ.

ޖެހިގެން އައި ސެޓަށް އެރީ ދީމާ އެވެ. އޭނާ ސެޓް ގޭމް ކާމިޔާބު ކުރީ 11-8، 11-5 އަދި 11-6 ންނެވެ.

މިހާރު ކޮމޮރޯސްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ސެމީ ފައިނަލު މެޗު ބައްލަވާ ލެއްވުމަށް ވަޑައިގެންފަ އެވެ. އަދި މެޗުން މޮޅުވުމުން ރައީސް ވަނީ ރާއްޖޭގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.