ކުޅިވަރު

11 އަހަރުގެ ދީމާގެ ހިތްވަރަށް ތައުރީފު

މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗުގެ ތިން ވަނަ ގޭމުން ރާއްޖެ ބަލިވުމުން، ހަތަރު ވަނަ ގޭމަށް ރާއްޖެއިން ނުކުތީ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އެވެ.

ތިން ވަނަ ގޭމުން ބަލިވުމުން، ނޭވާ ހިފަހައްޓައިލައިގެން ތިބި އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނަށާއި، މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިތްހަމަޖެހުން ލިބުނީ ދީމާ ނުކުމެ ރާއްޖެއަށް މެޗު ކާމިޔާބު ކޮށްދިނުމުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ އިވެންޓްގެ ފައިނަލަށް ރާއްޖޭގެ އަންހެން ޓީމު ގެންގޮސް ދިނީ ދީމާ އެވެ. މުޅި ދިވެހި ކުޅިވަރުގެ އާއިލާ އާއި އާންމުންގެ ތައުރީފު ދީމާއަށް އޮހެނީ އެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުން ދަނީ، އުމުރުން ހަގު ކުޅުންތެރިޔާގެ ހިތްވަރަށް އޮއްސާލާ ތައުރީފް ބަސްތެކެވެ.

މެޗުގެ ވީޑިއޯ އާއި ފޮޓޯ ޝެއާކޮށް، ދީމާގެ ހިތްވަރަށް ޝުކުރާއި ތައުރީފު ބަސް ނޫން އެހެން ވާހަކަ އެއް ސޯޝަލް މީޑިއާގައި މިއަދު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއަދު ރާއްޖޭގެ އެންމެ މަގުބޫލު ޝަހްސިއްޔަތަކީ ދީމާ އެވެ.

ކުޅިވަރުގައި ދިވެހި އާބަދީ އެންމެ ބޮޑު ސަމާލު ކަމެއް ދޭ ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގޭމްސްއަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުން ދިން ސަމާލުކަން ކުޑަވުމާއެކު މުބާރާތުގައި ފުޓްބޯޅައިން ހޯދަމުންދާ ދަށް ނަތީޖާތަކުން ފާޑު ކިޔުން އަމާޒުވެފައި ވެއެވެ.

ފުޓްބޯޅަ ޓީމުގެ ދަށް ނަތީޖާ ތަކާމެދު މާޔޫސްވެފައި ތިބި އެތައް ބަޔަކަށް ވެސް ހިތްހަމަޖެހުން ހޯދައިދިނީ ޓޭބަލް ޓެނިސް ޓީމުން ހޯދަމުންދާ ބޮޑު ކުރި އެރުމެވެ.