އިދިކޮޅު ފަރާތްތައް

އަންނަ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅުން ރެލީއެއް ބާއްވަނީ

އަންނަ އޮޯގަސްޓު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ރެލީއެއް މާލޭ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.

ދެ ޕާޓީގެ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ކައުްނސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ކުރަން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ މާލެ ސަރަހައްދުގައި އިތުރު ރެލީއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ރެލީގެ ތަފުސީލުތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ ރެލީގެ ތަފުސީލުތަކާއި ރެލީއަށް ކިޔާނެ ނަން ހާމަ ކުރަން ވަކި ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބާއްވާ ރެލީއަށް ފަހު އަތޮޅުތަކުގެ ރަށްތަކުގައި އެ ދެ ޕާޓީގެ އިތުރު ރެލީތައް ބާއްވާނެ ކަމަށެވެ.

ދާދި ފަހުން ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ވަނީ "ފޭރުމާ ދެކޮޅަށް" ނަމުގައި ރެލީއެއް ބާއްވާފަ އެވެ. އެ ރެލީގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުގެ ގިނަ ސިޔާސަތުތަކަށާއި ސަރުކާރުން ގާއިމު ކުރަން އުޅޭ އެއްބަސްވުންތަކަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރެލީތަކުގައި ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެންމެ ފަހުން ބޭއްވި ރެލީގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވެމުން އިދިކޮޅު ފަރާތްތަކަށް އާ ރޫހެއް ލިބި ރައްޔިތުންނަށް ގިނަ ކަންކަން ސާފުވެގެން ދިޔަ ކަމަށް އަދުރޭ ވިދާޅުވި އެވެ.