ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގެ ގާބިލުކަން ނެތް ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބުނެފި އެވެ.
ދެ ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފެށިގެން ކެބިނެޓާއި ކުންފުނިތަކުގެ މަގާމުތަކަށް ބެލި ނަމަވެސް މި ސަރުކާރުގައި ތަރައްގީގެ ގެނެސްދިނުމުގެ ގާބިލު ކަން ނެތް ކަމަށެވެ.
"އެހެން ނަމަވެސް ވަރަށް ބޮޑަށް ދަތުރު ކުރައްވަން މޮޅު ބޭފުޅުން އެބަ ތިއްބެވި، ނަމަވެސް އެ ކުރައްވާ ދަތުރުފުޅުތަކުން ލިބޭ ފައިދާއެއް ނުފެނޭ. ފައިދާ ނުވާތީ ދެއްތޯ ރައްކާކޮށްފައިވާ ރިޒާވުން ފައިސާ މަދު ވަނީ،" ސަރުކާރުގެ އިސް ބޭފުޅުން ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި އަހަރު 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިން ކަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ ދަތުރުފުޅުތަކުން ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯއްދެވި ކަމަށް ވިދާޅުވާ ނަމަވެސް މިއަދު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޝްރޫއުތައް ހިންގަން ބަޖެޓުގައި އޮތީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. ބޮޑު މަޝްރޫއެއް ހިންގަން ބަޖެޓުގައި އެކަށީގެންވާ ފައިސާއެއް ނެތް ކަމަށެވެ.
"ޕްލޭނިން މިނިސްޓަރު ވިދާޅުވާ ކޮންމެ ޕްރޮޖެކްޓެއްގެ ކޮޅު މި ޖެހެނީ އިންޑިއަން އެގްޒަމިން ބޭންކްގައި. ވިދާޅުވަނީ އެ ތަނުގައި ޕްރޮސެސް ކުރަނީއޭ. މި ދަންނަވާ ތަނުން ޕްރޮސެސް ކުރަން ފަސް އަހަރު ނަގާނެ. ފަސް އަހަރު ވަން ދެން އަޅުގަނޑުމެން ދިވެހި ރައްޔިތުން ހަމަ ތިބެންވީތޯ،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން މީހުން ވަކިކުރަމުންދާތީ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު ދަށަށް ގޮސް ވިޔަފާރިތައް ހަލާކުވަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.