ކުޅިވަރު

ގައުމީ ޓީޓީ ޓީމް ރަންމެޑަލް ހޯދައިފި, ސާބަސް

ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ މައްޗަށް ކާމިޔާބު ހޯދައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީގެ ޓީމު އިވެންޓުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ރަން މެޑަލް ހޯދައިފި އެވެ.

ރަން މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމެވެ.

ރާއްޖެއިން މެޗު ކާމިޔާބު ކުރީ 3-2 ގޭމުންނެވެ.

ރަން މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމެވެ. ފުރަތަމަ ގޭމުން ރާއްޖެ ބަލިވެފައި ވަނިކޮށް އޭނާގެ ގޭމުން މޮޅުވެ މެޗުގެ ތެރެއަށް ރާއްޖެ އަނބުރައި ގެންގޮސްދިނެވެ.

ރާއްޖެއިން ރަން މެޑަލް ހޯދުމުން، މެޗު ބައްލަވާލައްވަން ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާން ވަނީ ކުޅުންތެރިންނާއި ދިވެހި ޓީމާއެކު އުފާފާޅު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ފުރަތަމަ ގޭމްގައި، ފާތިމަތު ދީމާ އަލީ މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަތުން ބަލިވީ، 3-1 ންނެވެ. ފުރަތަމަ ސެޓުން ދީމާ ބަލިވީ 11-9 ންނެވެ. ދެ ވަނަ ސެޓްގައި އޭނާ އަތުން ގިނަ ޕޮއިންޓްތަކެއް ދޫވެ މެޗުން ބަލިވީ، 11-2 ންނެވެ. އެހެންނަމަވެސް ވަރަށް ހިތްވަރާއެކު ކުޅެ ތިން ވަނަ ސެޓް ކާމިޔާބު ކުރި އެވެ. އޭނާ ސެޓް ކާމިޔާބު ކުރީ 12-10 ންނެވެ. ހަތަރު ވަނަ ސެޓުން ބަލިވީ 11-6 ންނެވެ.

ދެ ވަނަ ގޭމަށް ރަފާ ނުކުމެ އެ ގޭމް ކާމިޔާބު ކޮށް އޭނާ ރާއްޖެއަށް ހިތްހަމަޖެހުން ގެނެސް ދިނެވެ. އޭނާ ގޭމް ކާމިޔާބު ކުރީ 3-2 ންނެވެ. އޭނާ މެޗުތައް ކާމިޔާބު ކުރީ 9-11، 12-7، 3-11 އަދި 11-9 ންނެވެ.

ތިން ވަނަ ސެޓަށް ނުކުތީ، ތަޖުރިބާކާރު ކުޅުންތެރިޔާ މުއިނާ މުހައްމަދެވެ. އޭނާ ގޭމުން ބަލިވީ ތިން ސެޓުންނެވެ. މުއިނާ އާ ދެކޮޅަށް ކުޅުނު މޮރިޝަސް ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ 11-1، 11-8 އަދި 14-12 އިންނެވެ.

ހަތަރު ވަނަ ސެޓަށް ނުކުތީ ދީމާ އެވެ. އޭނާ ވަނީ އެ ގޭމް ކާމިޔާބު ކޮށްފަ އެވެ. އޭނާ ގޭމް ކާމިޔާބު ކުރީ 3-1 ންނެވެ. އޭނާ ސެޓްތައް ގެންދިޔައީ 7-11، 11-6، 11-5 އަދި 11-6 ންނެވެ.

މެޗު ވިނިން ގޭމަށް ނުކުމެ ރަފާ ގޭމް ކާމިޔާބު ކުރީ، 3-1 ންނެވެ. އޭނާ ސެޓް ކާމިޔާބު ކުރީ 11-6، 11-5، 10-12 އަދި 12-11 އިންނެވެ. ފަހު ސެޓް އޭނާ ކާމިޔާބު ކުރީ، މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތިން ޕޮއިންޓުން ލީޑް ގޮއި އޮއްވައި ފަހަތުން އަރައި ހޯދި ޕޮއިންޓް ތަކުންނެވެ.