ރާއްޖޭގައި މިހާރު ކުރިއަށްދާ، ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިއްޔާގެ މައްޗަށް 4-1 ން ކާމިޔާބު ހޯދައި ލެޓްވިއާއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ޔޫރަޕުން ވާދަ ކުރަނީ ލެޓްވިއާ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ލެޓްވިއާއިން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ނަމަވެސް އެންމެ ފުރަތަމަ ލީޑް ނެގީ ސައުދީ އަރަބިއްޔާއިންނެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ބަދުރު ވަލީދެވެ.
ލެޓްވިއާއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 30 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ކްރިސްޓަސް ވޮލްކޮވްސް އެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލެޓްވިއާއިން ލީޑް ނެގީ، ސައުދީގެ މަޝްހުރު އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ލެޓްވިއާގެ ތިން ވަނަ ލަނޑު ބުރުނޯ ނެލްނިސް ކާމިޔާބު ކުރީ، 56 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ 73 ވަނަ މިނެޓްގައި ނިކްސް ސިލެޑާ އެވެ.
މުބާރާތުގައި ދެން މެޗެއް ކޫޅޭނީ އަންގާރަ ދުވަހު އެވެ. އެ މެޗުގައި ވާދަ ކުރާނީ، ރާއްޖެ އާއި ސައުދީ އަރަބިއްޔާ އެވެ.