ލައިފްސްޓައިލް

ސްޓްރޯލާއަށް ތިން ކުދިން ލައިގެން ދުވެ ރިކޯޑް ހަދައިފި

މެރަތަން އެއް ދުވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ހިތްވަރާއި ވަރުގަދަ ޑިސިޕްލިނެއް ހުރެގެން ނޫނީ މީހަކަށް މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާގެ ސިންތިއާ އާނޯލްޑް 34، ވަނީ އޭނާގެ ތިން ކުދިން ސްޓްރޯލާއަކަށް ލައިގެން މެރަތަނެއްގައި ދުވެ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ހޯދާފަ އެވެ. ސިންތިއާގެ ކުދިންގެ އުމުރަކީ ހަ އަހަރާއި، ހަަތަރު އަހަރާއި އަދި އެއް އަހަރެވެ.

މި މެރަތަންގެ 26.2 މޭލު، ސިންތިއާ އޭނާގެ ތިން ކުދިން ސްޓްރޯލާ އަށް ލައިގެން ދުވެ ނިންމާލީ ތިން ގަޑި އިރު 11 މިނެޓާއި 54 ސިކުންތުންނެވެ. މީގެ ކުރިން މި ރިކޯޑް އޮތް އޭން މަރީ ކޯޑީ ރޭސް ނިންމާފައިވަނީ 4 ގަޑި އިރާއި 6 މިނެޓާއި 33 ސިކުންތުންނެވެ.

މިއީ ސިންތިއާގެ ފުރަތަމަ ގިނިސް ރެކޯޑެއް ނޫނެވެ. ސިންތިއާ މިދިޔަ އަހަރު ހަދާފައިވާ ރެކޯޑަކީ ތިން ކުދިންނާއެކު ސްޓްރޯލާގައި ހިފައިގެން ހާފް މެރެތަނެއް ދުވެ އެންމެ އަވަހަށް ނިންމުމުގެ ރިކޯޑެވެ.

ސިންތިއާ ބުނިގޮތުގައި މިދިޔަ އަހަރާއި ހިލާފަށް މިއަހަރު މެރަތަން ދުވި އިރު ތަފާތަކަށް ވީ ދުވި ދުރުމިނުގެ އިތުރުން ކުދިން ބޮޑުވުމާއެކު އިތުރު ބަރުދަނެއް ކޮށްޕަން ޖެހުމެވެ. ކުދިން ސްޓޯރޯލާގައި ހަމަޖެހިލައިގެން ބޭތިއްބުމަށް ވެސް މިދިޔަ އަހަރާއި އަޅާބަލައި އުނދަގޫވި ކަމުގައި ސިންތިއާ ބުންޏެވެ.