(17 ޖުލައި 2019 އާ ގުޅޭ)
ޒާރާ ދާއިންއަށްވުރެ ބޮޑަށް ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ތެދުވެ ދާއިންގެ ގާތުގައި އެނދުގައި ދެފައިވައްކޮއްލައިގެން އިށީނދެ އިނދެ ވާހަކަދެއްކިއެވެ.
"އަހަންނަށް އަދިވެސް ހަމަ ގަބޫލުނުކުރެވެނީ، މަންހާ ބާރަށް ބަހެއްވެސް ބުނާއަޑެއް އަހަރެން ނާހަން، ދެންނޭގެ، ޒާރާ އާއި ދިމާލަށް އޭނަ އެއްޗެހި ކިޔާތަ؟ އަހަންނަށް ހަމަ ޔަގީންނުވާ ކަމަކަށް އެއްޗެއް ބުނަން ދަތީ، ޒާރާ ހަނދާންކުރައްޗޭ ތީ ދޮގަކަށްވެއްޖެއްޔާ ތިދެއްކުނީ ކިހާވަރެއްގެ ވާހަކައެއްކަން" މިހެންބުނެ ދާއިން ނިތުގައި އަތްބާއްވާލިއެވެ.
"އެހެންވެއެއްނު މިބުނަނީ ސާބިތުކޮއްދެން ހޭ، އަހަންނަށްވެސް އެނގެޔޭ މިދެއްކެނީ ކޮންކަހަލަ ވާހަކައެއްކަން، މަންހާ އާއި ދާއިންގެ މެދުގައި އޮންނަ ގުޅުމަށް ބަދަލުތަކެއް އަންނާނެކަން، އަހަރެން ތިދެމީހުންކުރެ އެކަކަށްވެސް ދެރައެއް ދޭކަށް ނޫން މިއުޅެނީ، އެކަމަކު މިފަދަ ކަމެއްވާއިރު ނުބުނެއެއްވެސް ނުހުރެވޭނެއެއްނު" ޒާރާ ކުރިއަށްވުރެވެސް ބޮޑަށް މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ.
"މައްސަލައެއްނެއް، ތީ ތެދަކަށްވަންޏާ އަހަރެން ބޭނުން އަހަރެންގެ ދެލޮލުން ތިކަން ދެކެން، އެކަމަކު ޒާރާއަށް އަހަންނަށް ތިކަން ސާބިތު ނުކޮއްދެވިއްޖެއްޔާ ދުވަހަކުވެސް މަންހާ އޭ ކިޔައިގެން އެއްވެސް ވާހަކައެއް އަހަރެން ކައިރީ ދައްކައިގެން ނުވާނެ، އަދި ބުނަން، އެއީ އަހަރެންގެ އަންބެއް، އޭނައަށްވެސް އަހަރެންގެ ފަރާތުން ލޯތްބާއި އަޅާލުން ބޭނުންވާނެ، އެކަންތައްތައް އަހަރެން ފުރިހަމަ ކޮއްދިނުމުގައި ތަފާތު ކުރާކަށް އިތުރަށް ބޭނުމެއްނޫން، ޒާރާވެސް ނުވާނެ އަހަރެން ކައިރީ ޝަކުވާކޮއްގެން، އަހަރެން ބޭނުންވަނީ ޒާރާވެސް އަހަރެންގެ އިތުރު އަންބެއް އިންކަން ދެނެގެން ސުލްހަވެރިކޮށް އުޅުން" ދާއިން ނިތުގައި އަތްބާއްވާލައިގެން އޮތްގޮތަށް އޮވެ ބުނެލިއެވެ.
"އެހެންވީރު ދާއިންވެސް ޖެހޭނެ އަހަންނަށް ކަމެއްކޮއްދޭން، އަހަރެން މިކަން ސާބިތުކުރުމަށްފަހު މަންހާ މިގޭގައި ބަހައްޓާކަށް ބޭނުމެއްނޫން، އަދި އެކަހަލަ ވިޔާނުދާ އަންހެނަކު ދާއިންގެ ދަރިފުޅު ބަލަން ހަވާލުކުރާކަށްވެސް ބޭނުމެއްނޫން، ދާއިން ޖެހޭނީ އޭނަ އާއި ދުރުވާން" ޒާރާ ފުރުޞަތުގެ ބޭނުންހިފާ އޭނަގެ ޝަރުތު ކަނޑައެޅިއެވެ. ދާއިން ވަކިއެއްޗެއް ނުބުނެ އޮތީއެވެ. ޒާރާ އަނެއްކާވެސް ސުވާލުކުރުމުން މިރޭ ދެން ނިދަން ހިނގާށޭ ބުނެ ޒާރާގެ އަތުގައި ހިފާގެނެސް ކައިރިކޮއްލިއެވެ.
ދަންވަރުގެ ވަގުތެވެ. ދާއިންގެ ލޮލުން ނިދިފިލާ ހިނގައްޖެއެވެ. ހިތްވަނީ ބިރުގެންފައެވެ. އެދަންވަރު މަންހާ ދެކިލަން އޭނަ ބޭނުންވިއެވެ. އެވަގުތު އޭނައަށް ކުރެވެމުންދިޔަ އިޙްސާސް ދުވަހަކުވެސް އަދި ކުރެވިފައެއް ނުވެއެވެ. ޒާރާގެ ދުލުން ބުނި ކޮންމެ ލަފްޒެއްމެ އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޒާރާއަށް ބަލާލާފައި ކޮޓަރިން އޭނަ ނުކުތެވެ. އަދި މަންހާގެ އެޕާޓްމެންޓަށް ގޮސްވަނެވެ. އެތެރެއަށްވަދެ މަޑުމަޑުން ދޮރު ތަޅުލިޔެވެ. ނިދާކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދާއިން ސިއްރުން އަތުގައި އޮތް ތަޅުދަނޑިން ތަޅުހުޅުވާލާފައި ކޮޓަރިއަށްވަނެވެ. އޭރު މަންހާ އެނދުގެ ހުރަހަށް ނިދިފައިއޮތެވެ. ކައިރީގައި ނެހާއޮތެވެ. ދެމައިންވެސް ތިބީ ގަދަނިދީގައެވެ. މަންހާގެ ގާތުގައި އެނދުގައި އަރާ އޮށޮންނަން ދާއިން ބޭނުންވިއެވެ. އެހެންނަމަވެސް ދަރިފުޅާ މަންހާގެ ނިދި އޭނަގެ ސަބަބުން ގެއްލޭކަށް ބޭނުމެއްނުވިއެވެ. ތިރީ ކާޕެޓުމަތީގައި އިށީނދެ ދެއަތުން ފައިގާ ހިފަހައްޓާލަމުން ދެކަކޫ މަޔާގާތްކޮއްލިއެވެ. އޭނަ މަންހާއަށް ބަލަހައްޓައިގެން އިނެވެ.
"މަން، ޒާރާ އެދައްކަނީ ހަމަތެދުވާހަކައެއްތަ، އަހަރެން ބޭނުމެއްނޫން އެއީ ތެދަކަށްވާކަށް، މަން ބަދަލުވީތަ، އަހަރެންދެކެ ވާ ލޯބި ބަދަލުވީތަ......އައިމް ސޮރީ، އަހަރެންގެ ސަބަބުންތަ މިހުރިހާ ކަމެއްމިވަނީ، މަން، އަހަރެން ބޭނުމެއްނޫން މަން އަހަންނާ ދުރުކޮއްލާކަށް، ހަނދާން އެބަހުރިތަ، މަން އަހަރެންގެ ކައިރިން އެދުނީމެއްނު ދުވަހަކުވެސް މަން ވަރިނުކުރައްޗޭ......އަހަރެން ވައުދުވީމެއްނު، އަހަރެން މަން ވަރިއެއްނުކުރާނެއެއްނު، އަދި އަހަންނާ ދުރުކޮށެއްވެސް ނުލާނަން، އަހަރެންގެ ދިރިއުޅުމުގެ އެއްބައިތީ، މަންއަށް ނޭގުނަސް އަހަރެންވެސް.........ކޮންފަދަ ނުބައި ހިޔާލުތަކެއްތަ މީ، ތިފަދަ މައުސޫމުކަމާއި ތިފަދަ މަތިވެރި ލޯތްބެއް އަހަރެން ނުދެކެން، ވީއިރު އަހަންނަށް ބޭވަފާތެރިވެދާނެއޭ ހިތަށް މިއެރީ ކީއްވެތަ؟ މަން، އަހަރެން އަންނާނަމޭ މަންގެ ގާތަށް، ވާހަކައެއް ބުނަންތަ.........އުހޫން، އެހެން ފަހަރަކުން.........އަހަރުމެން ދެމީހުންގެ މެދަށް އިތުރުމީހަކު ނުގެންނައްޗޭ......އަހަރެންގެ ހިތުގައިވެސް އެދުވަހަކުން ނުފިލާނެ ލަކުނެއްލާނެކަން ޔަގީން، އަދި އަމުދުން ވިޝާލް، އޭނައަކީ އަހަރެންގެ ނަޒަރުގައި ރަނގަޅު މީހެއް، މަންހާއަށް ގަދަރުކުރާ ހެޔޮއެދޭ ގާތް ރަޙުމަތްތެރިއެއް، މިހިޔާލުތަކާއި މިވިސްނުން ބަދަލުކޮއްނުލައްޗޭ........." ދާއިން މަޑުމަޑުން އެނދުގެ ގޮދަޑީގައި ނިތްޖައްސާލިއެވެ. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ. މަންހާއަށް އިތުބާރު ކުރެއެވެ. އެހެންނަމަވެސް ޒާރާވެސް އެއީ އޭނަގެ އަންބެކެވެ. ދޮގުހަދާނެއޭ އޭނަގެ ހިތްނުބުނަނީއެވެ. އަނެއްކޮޅުން މަންހާ އާއި ވިޝާލްގެ ގުޅުން ސާބިތުކޮއްދީފާނަމޭ އެބުނަނީ ކެރިގެންނެވެ. ވަރަށް ޔަގީންކަމާއިއެކުއެވެ. ކަމެއްގޯސްވުމުގެ ކުރިން ދާއިން ހުރިހާކަމެއްވެސް ހައްލުކުރަން ބޭނުންވެއެވެ. އެކަމަކު ފަށާނީ ކޮންކަމަކުން ކިހިނެއްކަމެއް އޭނައަށް ނުވިސްނުނެވެ.
ދާއިންއަށް ހެނދުނު ހޭލެވުނީ ފިނިފިނި އަތްތިލައެއް މޫނުގައި ޖެހުމުންނެވެ. މަޑުމަޑުން ލޯހުޅުވާލަމުން މޫނުގައި ފިރުމާލި އަތްތިލާގައި ހިފިއެވެ. އޭނަގެ ކުރިމަތީގައި އިށީނދެލައިގެން އިން މަންހާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"އޮފީހަށް ދާންޖެހޭނެއެއްނު، ދޭ ފެންވަރާލަން، ނުކުންނަން ވާއިރަށް ކޮފީ ހަދައިދޭނަން، ދާއިންނާ ވާހަކައެއްވެސް ދައްކަންވެފައޭ އޮތީ......." ދާއިންގެ ނިތްކުރީގައި ބޮސްދީފައި މަންހާ ވާހަކަދެއްކިއެވެ. ދާއިން މޫނުމަތިން ކުއްލިއަކަށް ހާސްކަން ފެނިގެންދިޔައެވެ.
"ކޮންވާހަކައެއް؟" ދާއިންއަށް އަހާލެވުނެވެ.
"މަންމަގެ ވާހަކަ.......އަހަންނަށް ފެންނަނީ ދާއިންގެ ދޮންބެމެންގެ ގާތަށް އެކޮޅަށް މަންމަ ފޮނުވާލަން، ކުރިންވެސް ބޭސްކުރީ އެކޮޅުގަ ހުރެއެއްނު، މަންމަ ގިނަދުވަހު މިކޮޅުގަ ހުރެއްޖެނަމަ މާބޮޑަށް ބަލިވެދާނެ........ފައިގެ ކުޑަހުޅުގަވެސް މިހާރު ރިއްސާވާހަކަ ދެއްކި، މިހެން ތިއްބަ މަންމައަށް ފައިނޭޅޭގޮތެއް ވެއްޖެނަމަ ކިހާ ދެރަ، ދާއިންގެ ހިޔާލަކީ ކޮބާތަ، ކީއްވެތަ އެއްޗެއް ނުބުނެ ތިބަލަނީ" ދާއިން މާވަރަކަށް މަންހާއަށް ބަލަންފެށުމުން ބުނެލިއެވެ.
"މަންމަ އާއިމެދު ތިހާ ރަނގަޅަށް ކަންތައްކުރާ އަންބެއް އަހަންނަށް ލިބުނީމަ މީނީ އުފަލުން، އެއީ އަހަރެންގެ މަންމަ އެކަމަކު އަހަންނަށްވުރެ ކުރިން އެމަންމަގެ ޞިއްޙަތާއިމެދު މަން ކަންބޮޑުވެފައިވާވަރު ފެނުމުން ހިތަށް ހަމަޖެހުން ލިބިއްޖެ، އާދެ ބަލަ އަހަރެންގެ ކައިރިއަށް، ބައްދާލާނަން އާދެބަލަ........" ދާއިން ދެއަތްފުޅާކޮއްލަމުން ހުޅުވާލީ އެއަތުގެ ތެރެއަށް މަންހާ ވަނުމަށްޓަކައެވެ.
"ދެން ދާއިންވެސް ދޯ، މިހާރު އޮފީހަށް ދާ ގަޑިޖެހެނީ، އޮފީހަށްވަދެފަ ސައިގަޑީގަ އާދޭ ބައްދާލަން ބޭނުންނަމަ، ދެން ތެދުވޭ، ތެދުވެ އަވަސްކުރޭ، ނެހާވެސް އެއޮތީ ހޭލާ، އޭނަ ފެންވަރުވަންވެސް ދާންވެފަ މިހުރީ، ގަޑިން ވީއިރެއް އެގޭތަ ދާއިން ތިއިންނަނީ، ނުވައެއްޖަހައިފިއޭ" މަންހާ ތެދުވަމުން ބުނެލިއެވެ. ދާއިންއަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނަވެސް މަންހާ އާއިއެކު ތެދުވިއެވެ. އެހެންނަމަވެސް މަންހާގެ އަތުގައި ހިފާދަމާލާފައި ގެނެސް އެއަތުގެ ތެރެއަށް ލައިފިއެވެ. އަދި އެއަތުގެ ތެރޭ މަންހާގެ ހަށިގަނޑު ބާރުކޮއްލިއެވެ. މަންހާގެ މޫނުގެ އެތަންމިތަނުގައި ބޮސްދިނެވެ.
"ކީއްވެތަ އަހަންނާ ދުރަށްދާން ތިއުޅެނީ، މަންހާ ބޭނުމެއްނޫންތަ އަހަންނާއި ގާތްވާކަށް" ދާއިން މިހެން ބުނުމާއިއެކު މަންހާ ދާއިންއަށް ބަލާލިއެވެ.
"ކީއްވެތަ ދާއިން ތިހެން ތިބުނީ، ކަމެއްވީތަ، ރޭގަ ކީއްވެ އެނދުކައިރީ އިނީ، އަހަންނަށް ގޮވާލިނަމަ........ދާއިން، ކަމެއްވީތަ" ހައިރާންކަމާއިއެކު މަންހާ އަހާލިއެވެ. ދާއިން ވަކިއެއްޗެއް ނުބުނެއެވެ. މަންހާގެ ގައިގާ ބައްދާލީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ދާއިން މަންހާ އާއި ދުރަށްޖެހިލާފައި އެނދުގައި އޮތް ދަރިފުޅުގެ ކައިރީ އޮށޯވެލިއެވެ. އަދި ނެހާ އާއި ވާހަކަދައްކަން ފެށިއެވެ.
"މިއަދު ނެހާ ފެންވަރާނީ ޑެޑީއާއިއެކީގަ ދޯ......" ދާއިން ނެހާގެ ބަނޑުގައި ކޮއްޓާލަމުން ބުނެލިއެވެ.
"ދާއިން އަށް އެނގޭނެތަ ފެންވަރުވަން" މަންހާ އެނދުގައި އިށީނދެލަމުން ބުނެލިއެވެ.
"މަން ނުވަންނާނަންތަ" ދާއިން ލާނެއް ގޮތަކަށް އަހާލިއެވެ. މަންހާގެ މޫނުމަތިން ލަދުވެތިކަން ފާޅުވިއެވެ. އަދިވެސް ތަފާތެއްނުވާކަން ދާއިންއަށް ފާހަގަވިއެވެ. އޭނަ މަންހާ އާއި ކުޑަކޮށް ސަމާސާކޮއްލިއެވެ.
ކުއްލިއަކަށް ކޮޓަރިތެރެއަށް ވަތް ބާރުވައިރޯޅިއެކޭ ޒާރާއެކޭ އެއްގޮތެވެ. ޓަކިޖަހާލުމެއްނެތި އޭނަހުރީ މަންހާގެ ނިދާކޮޓަރިތެރެއަށްވަދެއެވެ.
"މިއަދު އޮފީހަށްވެސް ނުދާދުވަހަކީތަ، ޗުއްޓީ ދުވަހަކަށް ހަދާލިކަން އަހަންނަށްވެސް އަންގާލިނަމަ" ޒާރާ ބުނެލިއެވެ. މަންހާ އަވަސް އަވަހަށް ދާއިންގެ އަތުގެ ތެރެއިން ވީއްލިގެން އެނދުން ތެދުވިއެވެ. އަދި އެމޫނުމަތީގައިވި އުފާވެރި ހިނިތުންވުން ގެއްލި މާޔޫސްވެގެންދިޔައެވެ.
"ޗުއްޓީއެއްނޫނޭ، ތަންކޮޅެއް ލަހުން ހޭލެވުނީމަ، އެކަމަކު މިހާރު މިއުޅެނީ ދާންވެގެން، ޒާރާ ދޭބަލަ މަންމަ ސައިބޮއެފިތޯ ބަލާލަން، އަހަރެން މިދަނީ އިރުކޮޅަކުން.........." ދާއިންވެސް ތެދުވެ އެނދުގައި އިށީނދެލަމުން ބުނެލިއެވެ. އެހިނދު ޒާރާގެ ލޮލުން ހީވީ ރުޅިވެރިކަމުގެ ކަނިބުރާލިހެނެވެ. ދާއިން އޭނަ އާއި އެކު ދާން ނޫޅުނީމައެވެ.
"ދާން ތިއަންނަނީ ދޯ، އަހަރެން ސައިބޯނީ ދާންއާއިއެކު" ޒާރާ ހަމަޖެހޭގޮތް ދައްކާލުމާއިއެކު ގަދަކަމުން ހިނިތުންވެލިއެވެ. އަދި ނުކުމެގެންދިޔައީ ރުޅިއައިސް ރަތްވެފައި ހުރެއެވެ.
"ހުރިހާ އެއްޗެއް ރެޑީތަ؟" ދާއިން ފާހާނާ އާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. މަންހާ ހޫން ލައްވާލަމުން ބޯޖަހާލިއެވެ.
ދާއިން ފެންވަރައިގެން ނުކުތްއިރު މަންހާ ހުރީ ހޫނު ކޮފީތައްޓެއް ތައްޔާރުކޮއްގެން ގެނެސް ރީތިވާ މޭޒުމަތީ ބަހައްޓާފައެވެ. ދާއިން ތައްޔާރުވަމުން ދިޔައިރު އެތިއެތިފޮދުން ކޮފީތަށި ބޮމުންދިޔައެވެ. މަންހާ ދާއިންއަށް ބޭނުންވާނެ ހުރިހާ ކަމެއް ތައްޔާރުކޮއްދީފައި ދިޔައީ ނެހާ ފެންވަރުން ފާހާނާއަށެވެ. އޭނަ ނުކުތްއިރު ދާއިން ތައްޔާރުވެ ނިމިއްޖެއެވެ. މަންހާ އޮޅާލެވިފައިވާ ތުވާއްޔާއިއެކު ނެހާ ރީތިކޮށް ނެޕީޖަހާހެދުމަށް ޚާއްޞަކުރެވިފައިވާ ކަބަޑުގެމަތީ އޮތް ރަބަރު ގޮދަޑީގައި ބާއްވާލިއެވެ.
"މިދަނީ ދާން......ސައިބޯން ހިއެއްނުވޭ އާދެވޭނެހެން، އެކަމަކު އަހަރެން މެންދުރު ކާން އަންނާނަން، މީރު އެއްޗެއް ހަދާލާފަ ބަހައްޓައްޗޭ" ދާއިން ނެހާގެ ކޮޓަރިތެރޭގައި ހުރި މަންހާގެ ގާތުގައި އައިސް ހުއްޓެމުން ބުނެލިއެވެ. މަންހާ ބޯޖަހާލަމުން ހިނިތުންވެލިއެވެ. އަދި ދާއިންގެ ޓައީ ރަނގަޅުކޮއްލަދީފައި ނެހާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.
"ދަރިފުޅު، ޑެޑީއަށް ބާއިކިޔާ.........." މަންހާ ނެހާގެ އަތުގައި ހިފާލަމުން ކުޑަކޮށް ތަޅުވާލަމުން ބުނެލިއެވެ. ދާއިން ގުދުވެލާފައި ނެހާގެ މޫނުން ދޮންނެގިއެވެ. އަދި ލޯބިން ނެހާގެ ބަނޑުގައި ކޮއްޓާލާފައި ދިޔައީ މަންހާގެ ކޯތާފަތުގަވެސް ފިރުމާލާފައެވެ. ލޯމަތިން ދާއިން ގެއްލުމާއިއެކު މަންހާގެ މޫނުމަތިން ހަނދު އޮއްސިގެން ދިޔައެވެ. ދާއިންއަށް ކޮންމެވެސް ކަމެއްވެއްޖެކަން އޭނައަށް އެނގެއެވެ. ނަމަވެސް މާގިނަ ސުވާލުކުރުމަކީ އޭނަގެ އާދައެއްނޫނެވެ. ޒާރާ ބޭނުންވާގޮތަށް ދާއިން ކަންތައްކުރަން ބޭނުންވަނީބާއޭ މަންހާގެ ހިތަށްއެރިއެވެ.
ޒާރާގެ އެހީގައި ސިޓިންރޫމަށް ނުކުތް މޫމިނާ މަންހާ ކޮބާތޯ ސުވާލުކުރިއެވެ. އެއާއިއެކު ޒާރާ އޭނައަށް ނޭގޭކަމަށް ބުނީ ރުންކުރުގޮތަކަށެވެ. މޫމިނާ ކިހިނެއްތޯވީ އޮޅުންފިލުވަން ސުވާލުކުރުމުން ޒާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. އަދި މޭޒުމަތީ ތަށިތައް ނަގަންއުޅުނު އިމީއަށް ބާރަށް ގޮވާލަމުން މަންހާއަށް ގުޅާފައި އަންނާށޭ ބުނުމަށް ބުންޏެވެ. މޫމިނާއަށް އެއްގޮތަކަށްވެސް ޒާރާގެ ހަރަކާތްތައް ކަމަކު ނުދިޔައެވެ. އެކަކަށްވެސް ނޭގޭކަމަކީ ފަތިސްނަމާދު ކޮއްގެން މަންހާ މޫމިނާއަށް ގޮވަން އެކޮޓަރިއަށް އައިކަމެވެ. އަދި މޫމިނާ ފަތިސް ނަމާދުކޮއްނިމުމާއިއެކު އޭނަގެ ހަތަރެސްފައިގެ ހުޅުތަކުގައި ދިވެހިބޭސްވެރިއެއްލައްވާ މޫމިނާ ހަދުވައިގެން އުޅޭ ބޭސް ތެޔޮފުޅިން ތެޔޮއުނގުޅައިދީ އޭނައަށް ކިރުތައްޓެއް މަންހާ ދިންކަމެވެ. މޫމިނާ ބަލިވި ދުވަހު މީގެ ކުރިން ދުވަހަކުވެސް އިޙްސާސް ނުކުރެވެހޭ ލޯތްބާއި އޯގާތެރިކަން މަންހާގެ ފަރާތުން ލިބުނެވެ. މައެއްގެ ހިތް ދަރިއެއްގެ އޯގާތެރިކަން ދެނެގަންނަ ފަދައިން މަންހާގެ ހިތްހެޔޮކަމާއި އޭނަގެ އޯގާތެރިކަން ދެނެގަތެވެ. މަންހާއަކީ ދެއްކުންތެރި ކުއްޖެއް ނޫންކަން މޫމިނާއަށް އެނގެއެވެ. މީހަކު ކައިރީ ނުބުނި ކަމުގައި ވިޔަސް އޭނަގެ ހިތުގައި މަންހާއަށް ޚާއްޞަމަގާމެއް ދެވިފައިވެއެވެ. އެވަރުގެ ޅީދަރިއެއް އޭނައަށް އަދި ނުލިބެއެވެ. މިއަދު ދެފަހަރު ހަމައަށް އޭނަގެ ކަމެއް ކުރަން ޒާރާއަށް ޖެހުމުން އެވަނީ ބުރަވެފައެވެ. ހުރިހާ ކަމަކާ ވިސްނުން ހިނގަމުން މޫމިނާދިޔައެވެ.
މަންހާ ދަރިފުޅު ރީތިކޮއްލާފައި ބޮޑު އެނދުގައި ބާއްވާފަ ޓީވީ ހުޅުވާލިއެވެ. އަދި ނެހާއަށް ބުއްފުޅިއެއް ދިނުމުގެ މަސައްކަތްފެށިއެވެ. އޭނައަށް ފޯނެއް އައީ އެވަގުތުއެވެ. ސިޓިން ރޫމުގައި ހުރި ލޭންޑްލައިން ފޯނު ނަގަން އަވަސްވެ ގަތެވެ. އޭނައަށް ގުޅީ އިމީއެވެ. ނެހާއަށް ބުއްފުޅި ދީފައި އެކުއްޖާ ގޮވައިގެން ތިރިއަށް ދާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.
"ބައްޕާ، އަޅުގަނޑު ކައިވެނިކުރަން އެބަ ގަސްދުކުރަން" ކާރުގައި ސައީދު އާއިއެކު ހެނދުނުގެ ސައިބުއިމަށް ތަނަކަށް ދަމުން ޝަރަފް ބުނެލިއެވެ.
"އެހެންތަ، ކޮންކުއްޖަކާ.....ޝަރަފް އާއި އިންނާނެ ކުއްޖަކުވެއްޖެތަ، ބައްޕަ ހީކޮއްގެން މިހުންނަނީ ދަރިފުޅު ކައިވެންޏާއިމެދު އަދިވެސް ނުވިސްނަނީއޭ" ސަޢީދު ޝަރަފްއަށް ބަލާލާފައި ބުނެލިއެވެ.
"ނޫނޭ، ބައްޕައަށްވެސް އެނގިލައްވާނެ މިހާރު އެއީ ކޮންކުއްޖެއްކަން" ޝަރަފް ކުޑަކޮށް ހީލާފައި ބުނެލިއެވެ.
"ނާ ބުނެބަލަ، ކޮންކުއްޖެއްތަ، ދަރިފުޅު ބުނީމައެއްނު ބައްޕައަށް އެނގޭނީ" ސަޢީދުވެސް ބޭނުންވީ ޝަރަފް އެވާހަކައެއް ދައްކަން ޖެހިލުންވެފައިވާ ވާހަކަ ދިގުކޮއްލާށެވެ.
"ޖެނީ........." ޝަރަފް ބުނެލިއެވެ. ސަޢީދު ހީލާފައި ޝަރަފްގެ ކޮނޑުގައި ޖަހާލިއެވެ.
"ބައްޕަ މިހުންނަނީ ތިވާހަކަ ނުދައްކައިގެން، ތިދެކުދިންގެ ގުޅުމަށް ކިހާ ދުވަހެއްވެއްޖެކަން ބައްޕައަށް އެނގޭ" ސަޢީދު ބުނެލިއެވެ.
"ކުރިން ކައިވެނީގެ ވާހަކަދައްކަން ނުކެރުނީ، މަންކޮއަށް މަންމަގެ ފަރާތުން ކުރިމަތިވި މަޖުބޫރުކުރުމާ ކަންތައްތަކުގެ ސަބަބުން ޖެނީވެސް ބޭނުންވީ އެފަދަ ވާހަކައެއް ނުދެއްކުމަށް، އެކަމަކު ދެން އިތުރަށް ލަސްކުރާކަށް އަޅުގަނޑު ބޭނުމެއްނޫން، އަދި ކައިވެނި ކުރުމުގެ ކުރިން އަޅުގަނޑު ބައްޕަ ގާތުބުނަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބައޮތް، އެކަމަކު އެކަން ސިއްރެއްގެ ގޮތުގައި ބާއްވާދިނުން އަޅުގަނޑު އެދެނީ" ޝަރަފް ވާހަކަދެއްކިއެވެ.
"ސިއްރުކުރާވަރުގެ ކޮންވާހަކައެއް، އަނެއްކާ ދަރިފުޅުމެންގެ މެދުގައި ކަމެއް ހިނގީތަ" ސަޢީދު ސުވާލުން ފުރިގެންވި ބަލާލުމަކާއިއެކު ބުނެލިއެވެ.
"ނޫން ނޫން، އެފަދަ ކަމެއްނޫން.........ބައްޕާ، ޖެނީގެ މާޒީއަކީ މާރަގަނޅު ކަންތައްތައް ހިނގާފައިވާ މާޒީއެއްނޫން، އެކަމުގެ ސަބަބުން އޭނައަކީ ދަރިން ލިބުމުން މަޙްރޫމްވެފައިވާ އަންހެން ކުއްޖެއް، އެކަމަކު އޭނައަކީ ކުރީގެ ޖެނީއެއްނޫން، އަޅުގަނޑު ކައިވެނީގެ ގޮތުން ގުޅޭނަމަ ގުޅެންބޭނުންވާ ހަމައެކަނި އަންހެން ކުއްޖަކީ އެއީ، މިވާހަކަ ބައްޕަގެ ގާތުގައި ނަންގަންނަން ޖެހުނީ ކައިވެންޏަށްފަހު ޖެނީ ބަލިވެ ނީންނަނަމަ މަންމަ ނޫނީ ބައްޕަ ސުވާލުކޮށް އެކަން މައްސަލައަކަށްވެދާނެތީ، އަޅުގަނޑު ޖެނީ އާއި ކައިވެނި ކުރަންނިންމުމުގެ މާކުރިން ޖެނީ އަޅުގަނޑަށްވަނީ ހުރިހާ ކަމެއް ކިޔާދީފަ" ޝަރަފްގެ ވާހަކައަޑުއަހަން އިން ސަޢީދުއަށް ކުރީގެ ހަނދާންތަކެއްވަމުންދިޔައެވެ. އޭނަގެ ދުވަސްވީ ރަޙުމަތްތެރިޔާ ދެއްކި ވާހަކަތަކެވެ. އޭނައަށްވެސް ޖެނީގެ ހަގީގަތްއެނގެއެވެ. ޖެނީފަދަ އަންހެން ކުދިންނަށްވެސް ދިރިއުޅުމުގެ ފުރުޞަތު ލިބެންވާނެކަން ސަޢީދު ގަބޫލުކުރެއެވެ. ޝަރަފްއަށް ޝަކުވާއެއްނެތި މުޅިއުމުރު ދުވަހަށް ޖެނީއަށް އަންބެއްގެ މަގާމުދެވިދާނެކަން ޔަގީންވާނަމަ އެކައިވެނި ކުރިއަށް ގެންދިއުމަށް ސަޢީދު އެދުނެވެ. އަދި އޭނަ އެކައިވެންޏަށް ގަބޫލުކަންވެސް ބުންޏެވެ.
މެންދުރަށް އަތްމަތި އަވަސްކޮއްލާފައި އުޅުނު މަންހާގެ އެޕާޓްމެންޓުގައި މޫމިނާ އާއި ޒާރާގެ އިތުރުން އިމީ އާއި ސޯފިއާވެސް އުޅުނެވެ. އިމީ އާއި ސޯފިއާ މަންހާއަށް ކެއްކުމުގައި އެހީތެރިކަން ފޯރުކޮއްދެއްމުން ދިޔައިރު މޫމިނާ އޮތީ ސޯފާގައި އޮށޯވެލައިގެން ޓީވީ ބަލާށޭވެ. އޭނަގެ ކައިރީ ހެއްލޭ ކުޑަކުދިންގެ އުނދޯއްޔެއްގައި ނެހާއޮތެވެ. ދޭތެރެއަކުން މޫމިނާ ނެހާއަށް ބަލާލައެވެ. މަންހާ ބަދިގެ ފަރާތުގައި ކެއްކުމާއިގެން މަސްއޫލުވެ އުޅުނު ވަގުތު ޒާރާ އޭނަގެ ސިކުނޑީގައި ފަލަކްގެ ހިޔާލާ އެއްގޮތަށް ރާވާލާފައިވާ ނުބައި ޕްލޭން ކުރިއަށް ގެންދިއުމަށް ފުރުޞަތު ހޯދިއެވެ. މަންހާގެ ކޮޓަރިއަށް ވަދެ ރީތިވާ މޭޒުމަތީގައި އޮތް ފޯނުނެގިއެވެ. އަދި ވިޝާލްގެ ނަންބަރު ހޯދާލުމަށްފަހު މެސެޖުކޮއްލިއެވެ.
"ވިޝާލް، މިއަދު ހަވީރުން އަންނާނަންތަ މިގެއަށް، އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" ޒާރާ މަންހާގެ ފޯނުގައި މިހެން ލިޔެ މެސެޖު ފޮނުވާލިއެވެ.
"އޯކޭ، އޭސް ޔޫޝުއަލް އޮފީސް ނިމޭއިރަށް ދާނަން" ބިޒީކޮއް އޮފީހުގައި އުޅެމުންދިޔަ ވިޝާލްގެ ޖަވާބު ގިނައިރެއްނުވެ މަންހާގެ ފޯނަށް ލިބުނެވެ. ޒާރާ އަވަސް އަވަހަށް އެދެމެސެޖުވެސް ޑިލީޓްކޮއްލިއެވެ. މަންހާއަށް ފެނިދާނެތީއެވެ.
އެކެއްޖެހިއިރު ޒާރާ މަންހާއަށްވުރެ ކުރިން ދާއިންއަށް ގުޅާލާފައި ކާންއަންނަނީ ކޮންއިރަކުން ތޯއަހާލިއެވެ. އޭރު މަންހާ މޭޒުމަތީ ހުރިހާ ތަށިތަކެއް އަތުރާނިމިއްޖެއެވެ. އޭނަ ހުރީ އެކަން ކޮއްލާފައި ދާއިންއަށް ގުޅަންވެގެންނެވެ. ދެންފެނުނީ ފޯނުން ވާހަކަދައްކަމުން ދާއިން އެ އެޕާޓްމެންޓަށް ވަތްތަނެވެ. މަންހާއަށް ކުޑަކޮށް ބަދިގެ ފަރާތުން ނުކުމެވުނެވެ.
"ހާދަ މީރުވަހެކޭ......." ދާއިން މަންހާއަށް ބަލަން ހުރެ ބުނެލިއެވެ. އެވަގުތު ޒާރާގޮސް ދާއިންގެ އަތުގައި ހިފާލިއެވެ.
"ހިނގާކާން، ތައްޔާރުވެ ނިމިފަ އެހުރީ" ޒާރާ ބުނެލިއެވެ.
"ޒާރާ..........." މޫމިނާ ޒާރާއަށް ގޮވާލިއަޑުއިވުނެވެ. ދާއިންއާއިއެކު ބަދިގެ ފަރާތަށް ހިނގައިގަންނަން އުޅުނު ޒާރާއަށް ލޮލުގެ އިޝާރާތުން މަންމަގެ ގާތަށް ދިއުމަށް އިޝާރާތްކޮއްލިއެވެ. ޒާރާ މޫނަށް ގޮތެއް ހަދާލަމުން މަންހާއަށް އެއްފަހަރު އަނެއްފަހަރު ދާއިންއަށް ބަލާލާފައި މޫމިނާގެ ގާތަށް ދިޔައެވެ. ދާއިން ހިނގައިގަތީ ހިނިއައިސްފައި ހުރެ މަންހާގެ ގާތަށް ދިއުމަށެވެ.
"ކިހިނެއްވީތޯ މަންމާ" ޒާރާ ސޯފާގައި އޮށޯވެލައިގެން މޫމިނާގެ ކުރިމަތީ ހުއްޓެމުން އަހާލިއެވެ.
"ދަރިފުޅާ، ނެހާއަށް ހީސްލެވިފަ އެއޮތީ، އެމަންޖެ މާވަރަކަށް ދެފަރާތަށް ފުރޮޅެން އުޅޭތީ މަންމަ ބަލާލީ، ދޭބަލަ އެމަންޖެ ދޮއްވާލާ ނެޕީ ބަދަލުކޮއްލަން" މޫމިނާ ބުނެލިއެވެ.
"މަންމާ، މަންހާ ގާތު ބުނަންވީނު......" ޒާރާ ދާއިންގެ ގާތަށް ދާންބޭނުންވެފަ ހުރިވަރުން ބުނެލިއެވެ.
"މަންހާ ކެއްކުމުގެ ހުރިހާކަމެއްގަ އެއުޅެނީ، ދަރިފުޅު ކަމެއްނެތިފަ ހުރިއިރު އެކުއްޖާ ސާފުކޮއްލުން އެއީ އެވަރުކަމެއްނޫނެއްނު، މަންހާއަށްވެސް ފަސޭހަވާނެއެއްނު...........މަންހާ މިހާރު ހުންނާނީ ދާއިންއަށް ކާންވެސް ހަދާފަ، މަންހާވެސް ދާއިންއަށް ހުރިހާ ކަމެއް ކޮއްދޭނެއޭ، އެވެސް ދާއިންގެ އަންބެއްނު.........ދެން ދޭބަލަ މިމަންޖެގެ ނެޕީ ބަދަލުކޮއްލަން" މޫމިނާ އަނެއްކާވެސް ބުނެލިއެވެ. ހަގީގަތަކީ މޫމިނާއަށް ޒާރާ އާއިމެދު ހިތްހަމަ ނުޖެހިފައިވާކަމެވެ. އޭނަގެ ލޯކުރިމަތީ ގައި ހުރިހާ ކަމެއް ވަމުންދާއިރު އެކަމަށް ފިޔަވަޅެއް ނާޅާ އަޅާނުލާ ހުރުން އިންސާފުވެރިގޮތަކަށް ނުވީއެވެ. ދާއިން ގެއަށް ކާންއަންނަންވާއިރަށް މަންހާ ކުޑަކުޑަ ދަރިއަކު ބަލަމުން ކައްކާހެދީ އަމިއްލައަށެވެ. ޒާރާ ރީތިކޮށް ހުރިހާ ކަމެއް ބަލަން އިނީއެވެ. އެވެސް ދާއިންގެ އަންބެކެވެ. ދެއަންބިން އެކުގައި ފިރިމީހާއަށްޓަކައި ކެއުން ތައްޔާރުކުރަން އުޅުނުނަމައޭ މޫމިނާގެ ހިތަށްއެރީއެވެ. އެހުރިހާ ކަމެއް ކުރުމުން އެންމެ ފަހުވަގުތުވެސް ޒާރާ މަންހާއަށް ފުރުޞަތެއްދޭން ބޭނުންނުވާކަން މޫމިނާއަށް ފާހަގަކުރެވި ޔަގީންވީއެވެ. ނަސީބުވެސް އެވަގުތު މޫމިނާ އާއި އެއްބާރުލުން ދިނީއެވެ. ނެހާގެ ނެޕީ ބަދަލު ކުރުމަށް ޒާރާ ފޮނުވާލީ ދާއިންއަށް މަންހާ އާއިއެކުވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
(ނުނިމޭ)