ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ދޭ ބިލު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ސަރުކާރު ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ސަރުކާރު ތެރޭގައި ހިނގާ ހިޔާނާތާ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރާ މީހުންް ރައްކާތެރިކޮށްދޭ (ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ) ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް އާންމުންގެ ހިޔާލެއް ވާނަމަ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް އީމެއިލް ނޫނީ ލިޔުމުން ހުށަހަޅާ ހުޅުވާލާފައިވާ ކަމަށެވެ.
އެ ބިލުގައިވާ ގޮތުން އިންސާނީ ހައްގަކަށް އަރައިގަންނަ ކަން އެނގުމާއި، ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ މައުލޫމާތާއި، ހިޔާނާތާއި މަގާމުގެ ނުފޫޒު ފޯރުވުމުގެ މައްސަލައެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާ ފަދަަ ކަމެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ އެވެ.
އެ ފަރާތްތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބޭ ކަންތައްތަކެއް ބިލުގައި ހިމަނާފައި ވެއެވެ. އެގޮތުން ބިރު ދެއްކުމާއި ވަޒީފާ އިން ވަކި ކުރުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކަހެރި ކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ވެއެވެ.
ވިސްލްބްލޯ ގާނޫނެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.