ކުޅިވަރު

ތަފާތު ރޫހެއް ނެރުނު ރަން ވަގުތުކޮޅު!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސްގެ އަންހެން ޓީމު އިވެންޓްގެ ފައިނަލު ކާމިޔާބު ކޮށްދީ ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އެވެ.

މެޗުގެ ފުރަތަމަ ގޭމުން ރާއްޖެ ބަލިވުމުން، މާޔޫސް ކަމުގައި ތިބި ދިވެހިންގެ ހިތްތަކަށް ހަމަޖެހުން ގެނެސް ދިނީ ރަފާ ކުޅެން އަރައި ދެ ވަނަ ގޭމް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުންނެވެ. ޓީވީން މެޗު ބަލަމުން ދިޔައިރު އަޅުގަނޑަށް ފާހަގަ ކުރެވުނީ، މެޗުގެ ޓްރެކަށް ރާއްޖެ ގެންގޮސް ދިނުމުގައި ރަފާގެ "ވިނިން މެންޓަލިޓީ" އެވެ.

އެ ގޭމުން ރާއްޖެ ބަލިވިނަމަ، އުނދަގޫ ހާލަތަކަށް ރާއްޖޭގެ ޓީމު ވެއްޓުނީހެވެ. އެ ގޭމްގައި ދެކޮޅަށް ކުޅެން ނުކުތް މޮރިޝަސްގެ ކުޅުންތެރިޔާ އަތުން ގުރޫޕް ސްޓޭޖުގައި ރަފާ ވަނީ ބަލިވެފަ އެވެ. އެ ގޭމަށް މޮރިޝަސްގެ ކުޅުންތެރިޔާ ނުކުތީ އިތުބާރާއެކު ކަން އޭނާ ކުޅެން ތައްޔާރުވި ގޮތުންވެސް އެނގިގެން ދިޔަ އެވެ.

މޮރިޝަސްގެ އެ ކުޅުންތެރިޔާ އަތުން ދެ ވަނަ ބަލި ނުވުމުގެ އަޒުމު ރަފާގެ ސިކުނޑީގައި އޭނާ ހުރީ ހަރުލައްވައިގެންނެވެ. ގޭމް ކާމިޔާބު ކުރުމުގެ ފުރުސަތު މޮރިޝަސްގެ ޓީމަށް ދޭން ރަފާ ދުލެއް ނުދިނެވެ.

އޭނާގެ އާދަޔާ ހިލާފު ޖޯޝް މެޗުން ފެނިގެން ދިޔަ އެވެ. އެއީ ކުޅިވަރުގެ ކޮންމެ ޝަހްސިއްޔަތެއްގެ ކިބައިންވެސް ފެންނަން ޖެހޭނެ ޖޯޝެވެ. ރަފާގެ އާންމު ދިރި އުޅުމުގައިވެސް އޭނާ އަކީ ފަސޭހައިން ދޫ ދޭކުއްޖެއް ނޫނެވެ. ކިޔެވުމުގައިވެސް އޭނާ ހިމެނެނީ ސްކޫލްގެ އެންމެ "ބްރައިޓް" ދަރިވަރުންގެ ތެރޭގަ އެވެ.

"ކިޔެވުމުގައިވެސް ކާމިޔާބު ނޫން އެއްޗެއް ރަފާ ބޭނުމެއް ނުވާނެ،" ރަފާގެ ބައްޕަ އަބްދުﷲ ނާޒިމް 'އަވަސް' އަށް ކިޔައި ދިނެވެ. "ސްކޫލްގެ ޓެސްޓަށް ވެސް ދުރާލައި ތައްޔާރު ވާނެ، އެއީ ރަފާ އަކީ އެހާ ފަސޭހައިން ފެއިލްވާން ބޭނުންވާ ކުއްޖެއް ނޫން، ރަފާ ގަބޫލު ކުރާ ގޮތުގައި ސްކޫލަށް ދާއިރު ފިލާވަޅެއް ނުނިމި އޮވެގެން ނުވާނެ."

ނާޒިމް ބުނީ، ސްޕޯޓްސް ލައިފްގައިވެސް ރަފާ އެޕްލައި ކުރަނީ ހަމަ އެ ވިސްނުން ކަމަށެވެ. އިއްޔަގެ ފައިނަލު މެޗުގައި، ވިނިން ގޭމަށް ވުރެ ނާޒިމަށް އެންމެ ހާއްސަވީ، ރަފާ ކުޅެން ނުކުމެ ރާއްޖެއަށް ހޯދައިދިން ދެ ވަނަ ގޭމް އެވެ.

"އެ ގޭމް ގެއްލުނު ނަމަ ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުވިސް، ޓީވީން މެޗު ބަލަމުން ދިޔައިރުވެސް އަޅުގަނޑުވެސް އިނީ ވާނެ ގޮތެއް ނޭންގޭތީ ވަރަށް ކަންބޮޑު ވެފައި،" އޭނާގެ އިހްސާސްތައް ނާޒިމް ހިއްސާ ކޮށްދިނެވެ. "އަދި އަނެއްކާ ގުރޫޕް ސްޓޭޖުގައި އެ ކުޅުންތެރިޔާ އަތުން ބަލިވެފަ އިނީމަޔާވެސް އެކު އެ ގޭމް ކާމިޔާބު ކުރީމަ އަޅުގަނޑަށް އެންމެ ހާއްސަ ގޭމްއަކީ އެއީ."

މެޗުގެ ކުރީކޮޅު ބަލިވިޔަސް މާޔޫސް ނުވުމަށް ރަފާ އަށް އަބަދުވެސް ހިތްވަރު ދޭ ކަމަށާއި އިއްޔަގެ މެޗު ކާމިޔާބު ކުރެވުނީ އެ ވިސްނުމުގައި ކުޅުމުން ކަމަށް ނާޒިމް ބުންޏެވެ.

"މިއަދު ހެނދުނުވެސް ގުޅުމުންވެސް އަޅުގަނޑު ބުނިން މުބާރާތުގައި ކުރިއަށް ހުރި އިވެންޓްތަކަށް ދާއިރުވެސް މެޗުގެ ކުރީ ކޮޅު ބަލިވިޔަސް މާޔޫސް ނުވައްޗޭ، އެ ވިސްނުމުގައި މަސައްކަތް ކުރާށޭ."