އަބްދުﷲ ޖާބިރު

މުސްކުޅިންނަށް 10000 ރ. ދިނުމުގެ އިސްލާހު ބޭރުކޮށްލައިފި

އުމުރުން ދުވަސްވީ މީހުންނަށް މަހަކު 10،000 ރުފިޔާ ދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ގޮތަށް ވޯޓު ނުދެއްވަން ތިން މެންބަރަކު ވޯޓު ދެއްވިއިރު، ބިލު ބަަލައިގަންނަން އެއްވެސް މެންބަރަކު ވޯޓު ދެއްވި އެވެ.

ޖާބިރު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދައުލަތުގެ މާލީ ގާބިލުކަމަށް ރިއާޔަތްނުކޮށް ބިލު ހުށަހެޅުއްވި ކަމަށް ވިދާޅުވެ ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވިދާޅުވި ގޮތުގައި ޖާބިރު ހުށަހެޅުއްވި އަދަދަކީ ދައުލަތުގެ މާލިއްޔަތުން ދޭން ދަތި އަދަދެކެވެ.

ޖާބިރު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލިއިރު، މީގެ ކުރިން ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް މަހަކު 5000 ރުފިޔާއާއި 7000 ރުފިޔާއާ ދެމެދުގެ އަދަދުގެ އިނާޔަތެއް މަހަކު ދޭ ގޮތަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފަ އެވެ. އެ ބިލަށް ވެސް އެމްޑީޕީގެ މެންބަރުން ދެކޮޅު ހެއްދެވި އެވެ.

ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އުމުރުން އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ފަރާތުން މިހާރު ދެމުން ގެންދަނީ 5000 ރުފިޔާ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގައި އޭގެ ކުރިން އޮތީ އުމުރުން ދުވަސްވީ މީހުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ.