ޝަރުއީ ދާއިރާ ރިފޯމް ކުރުން

އުއްތަމަ ފަނޑިޔާރާއި ދެފަނޑިޔާރަކަށް ނަސޭހަތްދީ ޖަވާބުދޭން 30 ދުވަސް ދީފި

Jul 22, 2019
5

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދަށް ނަސޭހަތްތެރިވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމެޓީއިން ލަފާ ދީފި އެވެ.

މިއަދު ޖޭއެސްސީއިން ބުނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބަލައި ތަހުގީގުކޮށް ކޮމެޓީން އެކުލަވައިލި ރިޕޯޓް މިއަދު ކޮމިޝަނަށް ބަލައިގެންފައިވާ ކަމަށެވެ. އެ ރިޕޯޓްގައި ކޮމެޓީއިން ލަފާ ދީފައިވަނީ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށެވެ.

ރިޕޯޓް ބަލައިގަތް އިރު ކޮމިޝަންގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަރީފު ކަމަށްވާތީ އެމަނިކުފާނު ބައްދަލުވުމުން ވަނީ ތަނާޒުލުވެ ވަޑައިގެންފަ އެވެ.

ޖޭއެސްސީން ބުނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީގެ ރިޔާސަތުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރިޕޯޓް ކޮމިޝަނަށް ބަލައިގެންފައިވާ ކަމަށާއި އަދި ރިޕޯޓްގައިވާ ނަސޭހަތް ދިނުމުގެ ނިންމުމާ އެއްގޮތަށް އެ ތިން ފަނޑިޔާރުން ޖަވާބުދާރީވާން މާދަމާއިން ފެށިގެން 30 ދުވަސް ދީފައިވާ ކަމަށެވެ.

ޖޭއެސްސީއިން އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއްކަން ހާމަ ކޮށްފައެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން ބަލަމުންދާ އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން ނެގީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދަށު ކޯޓުތަކުގައި ހިނގާ ބައެއް މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓުން ނެގުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އެކަން ސުޕްރީމް ކޯޓަށް ނުކުރެވޭނެ ގޮތް ގާނޫނުގެ ތެރެއިން ހަދަން އެމްޑީޕީއިން ދަނީ ވިސްނަމުންނެވެ.

ސުޕްރީމް ކޯޓުން އޭރު ބުނެފައިވަނީ އިކްރާމްގެ މައްސަލާގެ ލިޔުންތައް ނެގީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތެއް ސާފެއް ނޫނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު މިފަހަކާ ޖެހެންދެން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނެވި ލަތީފާ ގާސިމަކީ އިކްރާމްގެ އަނބިކަނބަލުންނެވެ. ލަތީފާގެ މަގާމު ގެއްލުނީ ބާ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އޭނާ ޖޭއެސްސީގައި އިންނެވީ ވަކީލުންގެ ފަރާތުން މެންބަރެއްގެ ގޮތުގަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރާ ގުޅޭ ގޮތުން ދެން ބަލަން ނިންމާފައިވާ ޝަކުވާއަކީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލް ކުރީ މި ތިން ފަނޑިޔާރުންނެވެ.

އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް އެ އަމުރާ ގުޅިގެން ރިޝްވަތު ތުހުމަތުކޮށް ހައްޔަރުކޮށް ޖަލަށް ވެސްލި އެވެ. ނަމަވެސް ތިން ފަނޑިޔާރުންނަށް އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެ ބޭފުޅުންގެ ނިޔަތުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭރު ދައުލަތުން ވަނީ ބުނެފަ އެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން ވަނީ ހަތް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސެއިން ހިމެނެ އެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ރިޕޯޓް އެކުލަވާލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ވަނީ ލަފާ ދީފަ އެވެ.