(21 ޖުލައި 2019 އާ ގުޅޭ)
"ޔޫރާ!... އެބުދު މިތަނަށް ގެނޭ" އީޝަލް ބުންޏެވެ. އެއާއެކު ޔޫރާ ޣައިބުވިއެވެ. ބޭރީތު ވަށައިގެން ހޯދިއެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭ ޖިލައްޔާގެ ސޫރައަށް ހަދާފައި ހުރި ބުދު އުފުރާލައިގެން ޔޫރާ ގެނެސް އީޝަލްގެ ކައިރީ ބެހެއްޓިއެވެ.
އެންމެން އަޖައިބުކޮށްލީ ދަރުބާރުގެ ބޭރުން އިވެންފެށި އަޑުފަށްގަނޑުންނެވެ. ފެނާއެކުވެފައިވާ މަޑު އެއްޗެއް "ޗަސް"ލާފައި ތަޅުން މައްޗަށް ވެއްޓި ޖެހޭ އަޑު ފަދަ އަޑެކެވެ. ބުދަށް ހުއްޓިފައި ހުރި ބޭރީތުގެ ނަޒަރު ވެސް އެހެން އެންމެނެކޭ އެއްފަދައިން ދަރުބާރުގެ ހުޅުވިފައި ހުރި ދޮރުތަކާ ދިމާއަށް ހުއްޓިއްޖެއެވެ. އޭރު ވެސް ޒަގަންގެ ހަށިގަނޑު ހުރީ މައްޗަށް އުފުލާލެވި އޭނާގެ ހަތަރެސްފަޔަށް ވާންވެފައި ހުރި ގޮތަށެވެ. ފަރާތަކަށް ޖެހިލުމުގެ އިޒުނައާއި ބާރު އޭނާއަށް ލިބިފައި ނުވާ ކަހަލައެވެ.
"އިވޭތަ އެ އަޑު؟... އެމީހުން ވެސް ބޭނުންވަނީ މި ބުދުގެ އެތެރޭގައިވީ އެއްޗެއް" އިރުކޮޅަކު ހިމޭންވެފައި ހުރުމަށްފަހު އީޝަލް ބުންޏެވެ.
"އީޝަލް" ރައުލް ގޮވާލިއެވެ. އެ ބުދުގެ ހަޤީޤަތް އީޝަލްއަށް އެނގުނީ ކިހިނެއްބާއޭ ރައުލްގެ ހިތަށް އެވަގުތު އަރަމުންދިޔައެވެ.
"އެއީ އަހަރެންގެ މަންމަ" ރައުލް ބުނެލީ އޭނާގެ ހަށިގަނޑާ ގުޅިފައި ހުރި ލުގަލްބަންދާގެ ގާތުގައެވެ.
"ކަލޭ ސަލާމަތުން ހުރި ކަމާއި، ކަލެއާ އީޝަލްމެންގެ ނަސްލާ ގުޅިފައިވާކަމުގެ ޚަބަރު ދިނީ ޔޫރާ، އެ ބުދުން މުޅަވަސް ދުވި ވާހަކަ އީޝަލްދެއްކި އޭނާ މި ގަނޑުވަރުން އެނބުރި އައިސް، އެއީ ކިހިނެއްވާނޭ ކަމެއްތޯ އޭނާ އޭރު ހުރީ ސުވާލު އުފެދިފައި، އެ ބުދުގެ ހަޤީޤަތް ހޯދީ ޔޫރާ... ހުރިހާ ޚަބަރެއް އީޝަލްއާ ހަމައަށް ގެނެސްދިނީ އޭނާ... ރައުލް!... އެތިބީ ކަލޭގެ ޢާއިލާ، ކަލޭގެ މަންމަގެ އެއްބަނޑު އެއްބަފާ ބޭބެއާއި އޭނާގެ ފިރިހެން ދަރިފުޅު، އެމީހުން އީޝަލްއާއެކު އައިސް އެތިބީ ކަލެއަށް ޓަކައި" ލުގަލްބަންދާ ބުންޏެވެ. މީގެ ކުރީން އެއްފަހަރު ވެސް ފެނިފައިނުވާ މީހަކަށް އެންމެންގެ ތެރެއިން ރައުލްއަށް ފާހަގަވީ ބިންޏާމީނެވެ. އޭނާގެ ސިފައާއި އުމުރަށް ބަލައި ލުގަލްބަންދާ އެބުނާ އޭނާގެ މަންމަގެ ބޭބެއަކީ އެއީކަމުގައި ރައުލްގެ ހިތް ބުންޏެވެ. ފިނިނޭވާއަކާއެކު އޭނާއަށް އިސްޖަހާލެވުނީ ހިތަށް ކުރި އަސަރުންނެވެ. ޒޮރައިދާ ބުނި ފަދައިން ރައުލްވަނީ އޭނާގެ ޢާއިލާ މީހުންގެ ގާތުގައެވެ. ނޭނގުމުގެ ތެރޭ ވެސް ތަގުދީރު އެވަނީ އޭނާގެ މަންޒިލަށް އޭނާ ގެންގޮސްދީފައެވެ. އޭނާގެ އަހުލުންގެ ގާތަށެވެ. ރައުލްގެ ސަމާލުކަން އަތުލީ އީޝަލްއެވެ. އޭނާ ދެވަނަ ފަހަރަށް ބޭރީތާ ސުވާލުކުރިއެވެ. އެ އިވޭ އަޑުތަކާމެދުއެވެ. އަދި އެ ސުވާލަށް އީޝަލް އަމިއްލައަށް ޖަވާބުދިނެވެ. ކަނޑުގައިވި ގިންނޯށްޓާއި މާވަރުގެ ދިރުންތައް އެވަނީ އެ ބުދުގެ ތެރޭގައިވާ އެއްޗަކަށް ދަހިވެތިފައިކަމުގައެވެ. ރަނުގެ ފަށަލައިގެ ތެރެއިން ވެސް އޭގައިވީ އެއްޗެއްގެ ވަސް އެތަކެއްޗަށް ދުވާކަމުގައި އީޝަލް ބުންޏެވެ. އެއްވެސް ބުއްދިއެއްނެތް އެއްޗަކަށްވާތީ އެ ސޮރުމެން ފެންގަނޑުގެ ތެރެއިން އެ ދަތުރުކުރަނީ ހަމައެކަނި އެވަހަށެވެ. އަދި ގަނޑުވަރުގެ ތެރެއަށް އެތަކެތި ވަންނަން މަސައްކަތްކުރަނީ ކަމުގައެވެ.
ކުއްލިއަކަށް ވިދުވަރެއް ކަނޑައިގެން ދިއުމާއެކު ތޫލި އަޑެއް އިވުނެވެ. އީޝަލްގެ ވައަތު ވަރައިން ބުދު ދެބައިވެ އެ ސޫރައިގެ އުނަގަނޑުން މަތި ތިރިއަށް ވެއްޓުނެވެ. އެއާއެކު އޮޅާލާފައި އޮތް ފޮތިގަނޑެއް ބުދުގެ ތެރެއިން ފެންނަން ހުއްޓެވެ. އޭގެ ކައިރިއަށް ރައުލް ޖެހިލިއެވެ. އަދި އީޝަލްއަށް ބަލާލި ހިނދު އޭނާ ރައުލްއަށް ބޯޖަހާލީ ކަމެއް އަންގައިދޭން އުޅޭ ފަދައަކުންނެވެ.
"މީ ކަލޭގެ އަނިޔާވެރިކަން، އޭނާ އަދިވެސް އެވޭން ތަޙައްމަލުކުރޭ" ބޭރީތަށް ބަލަން ހުރެ އީޝަލް ބުންޏެވެ.
ބުދުގެ ތެރެއިން ދެ ފޮތިގަނޑެއް ފެނުނެވެ. ރައުލް އެތަކެތި ނަގާ ތަޅުން މަތީ ފަތުރާލުމާއެކު ލިބުނު ސިހުމުން ފަހަތަށް ޖެހިލެވުނެވެ. ބިންޏާމީންއަށް އޭނާގެ ހިތަށްކުރި އަސަރު ނުހިފެއްޓުނެވެ. ދެފައިމައްޗަށް އޭނާ ތިރިވީ މޫނުގައި ދެއަތްތިލަ އަޅައިގެން ރޮމުންނެވެ. އޭރު ހުއްޓުމެއްނެތި އޭނާއަށް "ޖިލައްޔާ"ގެ ނަން ތަކުރާރުކުރެވުނެވެ.
"ސާ...ހި...ބު... ޒޮރައިދާ... އަޅުގަނޑު..." ވަރުދެރަ އަޑަކުން ޒޮރައިދާ ގޮވާލިއެވެ. ބޭރީތާ މުޚާޠިބުކޮށް ޒޮރައިދާގެ ނަން ރައުލް ހާމަކުރުމުން އެކަމާ ބިންޏާމީން ހުރީ އޭރު ވެސް ސުވާލު އުފެދިފައެވެ. އޭނާއަށް އެއީ ކާކުގެ ނަމެއްކަން އެނގޭތީއެވެ. ނަމަވެސް އެ ޒޮރައިދާ މިހާރުވީ ކޮންތާކުކަމެއް ރައުލް ވެސް ހާމައެއްނުކުރެއެވެ. އެ އަންހެންމީހާގެ އަޑު އެ އިވުނީ އެކަމާ ބިންޏާމީން ސުވާލު އުފެދިފައި ވަނިކޮށެވެ.
"ޒޮރައިދާ... ތީ... ތީ އުއްމު ޒޮރައިދާތަ؟ މަރިޔަމް... އަހަރެންގެ މަރިޔަމްގެ ޚާއްޞަ ޚާދިމާތަ؟" އިކަރޯސްގެ އަތުތެރޭ ނިވާކޮށްލެވިފައި އޮތް އަންހެންމީހާއަށް ބިންޏާމީންގެ ސަމާލުކަން ހުއްޓުނީ ދެނެވެ. އަވަސްއަވަހަށް ދެފައި މައްޗަށް ތެދުވެ އިކަރޯސްގެ ގާތަށް ޖެހިލިއެވެ.
"ސުބުޙާނައްﷲ!... ކަލޭ ތިޔަވަނީ ކޮންފަދަ ހާލެއްގައި" ޒޮރައިދާ ފެނި ސިހުނުވަރުން ބިންޏާމީނަށް ބުނެވުނެވެ.
"ކޮއިފުޅާ، އަހަރެން ތިރިއަށް ބަލާބަލަ... އަހަރެންގެ ވަގުތު ޖެހިއްޖެ، އަހަރެންގެ ސާހިބުއާ ވާހަކަނުދެއްކެނީސް މީ އަހަރެންގެ ފަހުނޭވާކަމުގަ ވެދާނެ" ނިކަން ލަސްލަހުން ޒޮރައިދާ އެދުނީ އިކަރޯސްގެ ގާތުންނެވެ. އޭނާ ކުޑަކަކޫ ޖަހާލުމާއެކު ތަޅުން މަތީ ޒޮރައިދާ ބާއްވައިފިއެވެ. އެހިނދު ލާމިއާއާއި ޒިޔަޒެލް އޭނާގެ ގާތަށް ޖެހިލިއެވެ. ވަގުތުން ވަގުތަށް އޭނާއަށް ދެވޭނޭ ފަރުވާއެއްވޭތޯ އެމީހުން ބަލަންފެށިއެވެ. ނަމަވެސް ޒޮރައިދާ ހީވަނީ މަރުގެ ތަންމަތީގައިވާ ހެނެވެ. އެ މަރު އޭނާ ބަލައި އައިސް ގާތުގައި ހުރި ފަދައެވެ. އެހެންމީހުން ދުރަށް ދިއުމަށް އަތުންކޮށްލި އިޝާރާތަށްފަހު ދެން ޒޮރައިދާ ގޮވާލީ ބިންޏާމީނަށެވެ. އޭނާގެ ދާދި ގާތުގައި ބިންޏާމީން އިށީނެވެ.
"އެހުރީ... އެއީ ރައުލް... ސާހިބުގެ ލޯބިވާ ކޮއްކޮގެ އަމާނާތެއް، ޖިލައްޔާ ވިހޭ ދަރިފުޅު... ރައުލް..." ޒޮރައިދާގެ އަޑުގައި އުފެދުނު ތުރުތުރުން އޭނާއަށް ރޮވެނީކަން ބިންޏާމީން ދެނެގަތެވެ.
"އެ ކުއްޖާގެ ޚަބަރު ލިބިގެން އަހަރެން މިއައީ، ކޮންމެގޮތަކުން ވެސް އޭނާ އަހަރެމެންނާއެކު ގެންދަން ގަސްދުކޮށްގެން މިއައީ... ކަލެއަކީ މަރިޔަމް އެންމެ އިތުބާރުކުރާ ޚާދިމާ، ޖިލައްޔާވަކިވިއިރު އޭނާގެ ހަށިގަނޑުގައި އޮޅުލައިގަނެގެން ހުރިތަން އަހަރެން ދުށީން، އެމީހުން ގެންދިޔައީ ކަލޭމެން ދެމީހުން އެކުގައި... ހިތްވަރުކުރޭ... މިތަނުން އިރާދަކުރެއްވިއްޔާ ޖިލައްޔާގެ ދަރިފުޅާއި ކަލޭ ވެސް ސަލާމަތުން އަހަރެމެންނާއެކު އެނބުރިދާނެ" ފިލައިގެން ނުދިޔަ ހަނދާންތަކަށް ގެއްލި އިނދެ ބިންޏާމީން ބުންޏެވެ.
"މިދުވަސް ފެންނަންދެން ދިރިހުރީތީ އެކަމާ ޝުކުރުވެރިވަން، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ... ކަލޭމެންނާއެކު އެނބުރި ދިއުމަށް އިރާދަކުރެއްވީ އެ އިލާހު... ފުރާނައިގެ ވެރިފަރާތަކީ ވެސް އެ އިލާހު.... ޖިލައްޔާ ބޭނުންވި ފަދައިން ބޭރީތުގެ ނިމުންކަމުގައި ރައުލްވެއްޖެ" ޒޮރައިދާ ބުންޏެވެ. އެއަށްފަހު އޭނާ އިތުރު ވާހަކައެއް ނުދެއްކިއެވެ. މަޑުމަޑުން ވައިއަޑުން ތުންތަޅުވާލިއެވެ. ބިންޏާމީން ކަންފަތް ކައިރިކޮށްލަންވީ ހިނދު ޒޮރައިދާގެ ފަހުނޭވާ އޭނާއަށް އިޙްސާސް ކުރެވުނެވެ. ސިފަގެއްލިފައިވީ ނަމަވެސް ޒޮރައިދާގެ ތުންފަތްމަތިން ފިނިކަން އެކުލެވޭ ހިނިތުންވުމެއް ފާޅުވެއެވެ. މަޑު އާހެއް ފަދައިން ޒޮރައިދާއަށް ދެތިން ފަހަރު އިކަރޯސް ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނައުމުން އޭނާގެ އަޖަލު ޖެހުނީކަން ޔަގީންވިއެވެ. އެހެންވެ ޒޮރައިދާގެ ގައިގާ އޮޅާލެވިފައިވާ ފޮތިގަނޑުން މުޅި މީހާ އެއްކޮށް އިކަރޯސް ނިވާކޮށްލައިފިއެވެ.
"އެއީ ތެދުވެރި... ކެތްތެރި އަންހެނެއް... އަހަރެމެންގެ ތެރެއަށް އެނބުރި ދެވެންދެން މި ހަށިގަނޑު ކަލެއާ ހަވާލު، ޔަގީންނުންވެސް ޒޮރައިދާ ކަލެއަށް ވަރަށް އިތުބާރުކުރާކަން ޔަގީން، ކަލެއާ ވާހަކަދެއްކިއިރު އޭނާގެ އަޑުގައިވަނީ ދަރިއަކާމެދު މަޔަކު ވާހަކަދައްކާ ފަދަ އަސަރުތަކެއް... ޒޮރައިދާގެ ހަށިގަނޑު މި އަނދިރިކަމުގެ ތެރެއިން ނެރެ އަހަރެމެންގެ ތެރެއަށް ގެންދަން އަހަރެން ބޭނުން" ބިންޏާމީން ވާހަކަދެއްކީ އިކަރޯސްއަށް ބަލަން އިނދެއެވެ. މަޑުމަޑުން އެއްބަސްވުމުގެ އިޝާރާތެއްގެ ގޮތުން އިކަރޯސް ބޯޖަހާލިއެވެ. އަދި އޭނާގެ އަތްދަނޑިމައްޗަށް ޒޮރައިދާގެ ހަށިގަނޑުލައި ކޮޅަށް ތެދުވިއެވެ.
"ރައުލް..." ރައުލްގެ ގާތުގައި ހުއްޓިލައި އީޝަލް ގޮވާލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން އީޝަލްއާ ދިމާއަށް ރައުލް ބަލާލިއެވެ. އަދި ދެ ފޮތިގަނޑުގެ ތެރޭ އޭގެ ދިރުން ގެއްލިފައިވާ ބޮޑު ވަރައަކާއި ކުޑަކުޑަ ވަރައަށް އޭނާ އިޝާރާތްކުރިއެވެ. އޭރު ލުގަލްބަންދާ ވެސް ރައުލްއަށް ގޮވަމުންދިޔައެވެ. ނަފްސު ބެހިގެންދިޔަ ނުދިނުމަށް އޭނާ ގޮވާލިއެވެ.
"އެ ކުޑަކުޑަ ވަރައަކީ ތި ބުރަކަށިން ބުރިކޮށްލި ވަރަ، އޭގެ ދިރުން އެވަނީ މުޅިން ގެއްލިފައި، ދެން އެ އޮތީ ކާކުގެ ވަރައެއްކަން އެނގެއެއްނު... މި ހުރިހާކަމެއް ކުރީ އޭނާ..." އީޝަލް އިޝާރާތްކޮށްލީ ބޭރީތަށެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ރައުލް ދެފާރަތަށް ބޯހުރުވަން ފެށިއެވެ. އެއާއެކު އީޝަލް އޭނާގެ ކޮނޑުގައި ދެ ފަރާތުން ހިފެހެއްޓިއެވެ. ވައިސިންނީގެ ބާރުގައި މަތީގައި ހުރި ޒަގަންގެ ހަޅޭކުގެ އަޑު ފަޒާގައި ގުގުމާލިއެވެ. އިސާހިތަކު އޭނާގެ ކަނދުރާ މައްޗަށްވާހެން އިސްއުފުލުވައި ކަރަށް ބާރުވެއްޖެއެވެ.
"މިވެސް އަހަރެމެންނާއެކު ގެންދާނެ... ލުގަލް..." އީޝަލް ބުންޏެވެ. ލުގަލްބަންދާއަށް ގޮވާލުމުން ރައުލްގެ މައްޗަށް ލުގަލްބަންދާގެ ބާރު ގަދަވެ އޭނާ އިސްވިއެވެ. ވަރަތައް އިހު ހުރިހެން ފޮތިގަނޑުގެ ތެރެއަށްލާ އޮޅާލައި ލުގަލްބަންދާ ނެގިއެވެ. އޭނާ އެތަކެތި ހިފައިގެން އީޝަލްގެ ފަހަތަށް ޖެހުނެވެ. އެއާއެކު މަތީގައި ޒަގަންއަށް އީޝަލް ބަލާލިއެވެ. އަދި އޭނާގެ އަތް ހަރަކާތްކޮށްލިއެވެ. ދެންފެނުނީ ހޫރާލީމާ ދާ ފަދައިން ޒަގަންގެ ހަށިގަނޑި އައިސް ބޭރީތުގެ ފައިބުޑަށް ވެއްޓުނުތަނެވެ.
"އަހަރެންނަކީ ހަމައެކަނި ރައުލްގެ ހައްޤެއް، އަހަރެން އޭނާ ޚިޔާރުކުރީ، ކަލޭގެ މި ސުންޕާ ދަރިއަށް އަހަރެންނާ ދިމާކުރެވުނީ އަހަރެންނަށް ތަންދޮރުއޮޅުންނުފިލާ ހުރި ވަގުތެއްގައި، ދެވަނަ ފަހަރަށް އެހެންނުވާނެކަން އެނގިއްޖެއެއްނު... އޭނާގެ ހަރުކަށިކަމާއި ބާރު މިހާރު ކޮބާ؟... އަހަރެންގެ ރައުލް މަރާލާނަމޭ ބުނި... ކީއްވެ މިހާރު އެ އޮންނަނީ، ތިބުނާ ބާރެއްހުރިއްޔާ އަހަރެންނާ ކުރިމަތިނުލާ ކަލޭމެން ތި ތިބެނީ ކީއްވެ... އަހަރެން މިހުރީ ތައްޔާރަށް" އީޝަލް ވާހަކަދެއްކީ ބޭރީތާއެވެ. އަދި އޭނާގެ ނަޒަރު ލާވީއަށް ހުއްޓުނެވެ. އެއާއެކު އޭނާ އަވަސްއަވަހަށް އިސްޖަހައިފިއެވެ.
"އޭނާ ދޫކޮށްލާ... އަހަރެމެންގެ ފުށުން ދެން ދުވަހަކުވެސް އުދަނގުލެއްނުފޯރާނެ" ޒަގަންއަށް ބަލާލުމަށްފަހު ބޭރީތު ބުންޏެވެ.
"އަހަރެން ވެސް ހާދަ އާދޭހެއްކުރީމޭ، ހާދަ ރުއިމޭ... ދެ ދަރީންގެ ދެމެދު އުފެދުނު ފިތުނައިގެ ފައިދާ ކަލޭ ނެގިއިރު އެ ދެމީހުންނަކީ ވެސް ކަލޭގެ ދަރީންނެއްނޫންތަ؟... ކަލޭ ގަސްދުކުރީ އަހަރެން މިތަނުގައި ޤައިދުކުރަން، ކަލޭގެ ބާރު ހިނގާ ހިސާބަށް ގެންނަން، އެކަމަކު ރައުލްއަށް ކަލޭގެ ގޮތް މާކުރިން އެނގިއްޖެ، އޭނާ ކަލޭގެ އިޝާރާތަށް ބޯނުލަނބާނޭކަން އެނގުމުން އަހަރެން ހޯދުމުގެ ދަހިވެތިކަން ކަލޭގެ ބޮޑުވީ" އީޝަލް ބުންޏެވެ.
ކުރިން ވިއްސައިގެން ގޮސްފައި އޮތް ރައުލްއަށް އައިޒަން ދިން ކަނޑިއާ ދިމާއަށް އީޝަލް އަތްދިއްކޮށްލިއެވެ. އެއާއެކު ވައިސިންނީ އެ ކަނޑި ގެނެސް އީޝަލްގެ އަތްތިލައިގެ ތެރެއަށް ލައިދީފިއެވެ. އޭނާ ބަލާކަށް ނުކުރެ ދެއަތުން ކަނޑި އުފުލާލުމާއެކު އެ ޖެހީ ބޭރީތުގެ ފައިބުޑަށް ބަންޑުން ވެއްޓިފައި އޮތް ޒަގަންގެ ބުރަކައްޓަށެވެ. މާކުރިން ހަރަކާތްތެރި ކެނޑިފައި އޮތް މީހަކު ފަދައިން ޒަގަންގެ ފުށުން އެއްވެސް އަޑެއް ނީވުނެވެ. އޭގެ ބަދަލުގައި ބޭރީތުގެ އަނގައިން ހަޅޭކެއްގެ އަޑު ނުކުތެވެ. އޭނާ ފަހަތަށް ދެމިގަތެވެ. ކަމަރުގައިވީ ކަނޑި ދަމައިގަތުމާއެކު އެކި ނަންނަމުން ގޮވަންފެށި ގޮތުން ބަޔަކަށް ގޮވާލާ ކަހަލައެވެ. ތަޚުތުގެ ކައިރިން އޭނާ ފުންމައިލިއެވެ. ބޯމަތިން އެއްޗެއް ފާޅުވާން އުޅޭހެން އިމާރާތުގެ ފުރާޅު ތެޅިގަނެ ކުނޑިތައް ފައިބަން ފެށިއެވެ. ބޭރީތު އަވަސްއަވަހަށް ކޮޅުކޮޅަށް އެނބުރި މަތި ބަލަންފެށިއެވެ. ބަޔަކު ހޯދާ ފަދައިންނެވެ. އެކަމުގެ ޚަބަރު ޔޫރާ ވަގުތުން އީޝަލްއަށް ދީފިއެވެ.
"އެމީހުން ކަލޭ ސަލާމަތްކުރަން މިތަނަށް އަތުވެއްޖެނަމަ އެއީ އެމީހުންގެ ވެސް ނިމުން" އީޝަލް އިންޒާރުދިނެވެ.
އިސްކޮމާންޑަރު ވަގުތުގެ ބޭނުންހިފައި ބޭރީތަށް ފިލަން ފުރުޞަތު ހޯދާދިނުމަށް އޭނާ އީޝަލްއާ ކުރިމަތިލިއެވެ. އޭނާ އީޝަލްއާ ހަމައަށް ނުފޯރަނީސް އޭނާގެ ވަރައިގައި ހަމަލާގައި ޖެހި ނިމުން އަތުވެއްޖެއެވެ. ބިރުން ހަލާކުވެފައި ހުރި ލާވީ ތަޚުތުގެ ކައިރިން ފައިބަން ނުކެރި ހުރި ދިމާއަށް ތިރިވެ ކިޔެވެލިތަކެއް ކިޔަވަންފެށިއެވެ. ވަށައިގެން އެނބުރެނިކޮށް ބޭރީތަށް މަތިން އެތަނަށް ފޭބި ހަތަރު ޖިންނީން ފެނުނެވެ. ނަމަވެސް އެމީހުން އޭނާ ގޮވައިގެން އެތަނުން ޣައިބުވާކަށް ނޫޅުނެވެ.
"އަހަރެންގެ ކުރިމައްޗަށް އެރުމަށްފަހު އަހަރެންގެ އިޒުނައެއްނެތި އެމީހުންނަށް އެއްކަމެއްވެސް ނުކުރެވޭނެ، ޣައިބުވެވޭނީ އެއިން މީހަކު ކަލެއާ ކައިރިވެއްޖެނަމަ... އެކަމަކު އެމީހުންގެ މައްޗަށް މިހާރު ކަލޭގެ ބާރެއްނުހިނގާ" އީޝަލް ބުންޏެވެ. އެހިނދު ބޭރީތުގެ ހަރަކާތްހުއްޓި އީޝަލްއާ ދިމާއަށް ބަލާލީ ޤަބޫލުނުކުރެވިފައިވާ ފަދައަކުންނެވެ.
"ކަލޭގެ ބާރު ވެސް ކެނޑުނީ، ކަލޭ ފަޚުރުވެރިވާ ރަސްކަން ވެސް ނިމުމަކަށް އަތުވެއްޖެ" އީޝަލް ބުންޏެވެ. އަދި އޭނާގެ އިޝާރާތާއެކު ބިންގަނޑު ފަޅައިގެން ގޮސް ބޭރީތުގެ ތަޚުތު ފުނޑުފުނޑުވެ ބާގަނޑެއް ހެދިއްޖެއެވެ. ދަރުބާރުގެ ތަނބުތަކުގައި ރެނދުލައި ފުނޑުފުނޑުވާން ފެށިއެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުރި ބޭރީތަށް އޭނާގެ ބުރަކަށީގައި ނުފެންނަ އަތަކުން ހިފިކަން އެނގުނެވެ. ފަޅިސިކުންތެއް ވެސް ނުވެ އޭނާ ދެން އޮތީ އީޝަލްގެ ކުރިމަތީ އެވެ. ސަލާމަތެއްނުވާނޭކަން ކަށަވަރުވުމާއެކު އިތުރު އަނިޔާއެއް ލިބުމުގެ ކުރީން ބޭރީތު އަމިއްލައަށް އީޝަލްގެ އަތުގައި އޮތް ކަނޑިއަށް އެމުނިއްޖެއެވެ. އޭނާގެ މެޔަށް ވަދެގެންދިޔަ ކަނޑި އީޝަލްއަށް ދަމައިގަނެވުނީ ނުވިސްނާ ހުރި މީހަކު ފަދައިންނެވެ. ބޭރީތުގެ ކިބައިން ބަދަލު ހިފަން އީޝަލް ބޭނުންވީ އެގޮތަކަށްނޫނެވެ. އެހާ ފަސޭހައިން އޭނާ މަރުވާން ދޫކޮށްލާކަށް އީޝަލް ބޭނުމެއްނެތެވެ. އެހެންނަމަވެސް ބޭރީތުގެ ފުރާނަވަކިވި ހިނދު އެ ހަށިގަނޑުގައި ހުޅުހިފައިފިއެވެ. ފަހަތަށް އީޝަލްއަށް ޖެހެން މަޖުބޫރުވީ ދެނެވެ. ބޭރީތުގެ ނަމުން ލާވީ ގޮވާލި އަޑު އިވުނެވެ.
"ކަލެއަށް ގޮތެއް ނިންމާނީ ރާވިން" ލާވީއަށް ބަލަން ހުރެ އީޝަލް ބުންޏެވެ. އަދި ރާވިންއަށް ގޮވާލުމާއެކު އޭނާ ހުރި ސަފުން ނުކުމެގެން އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ.
"އަހަރެން ބައްޕަ ދުލެއްނުކުރަން... އަދިވެސް ވީ ހުރިހާ ކަމަކަށް މަޢާފުކުރާނަން، އެކަމަކު... އަހަރެން އެމީހުން ދޫކޮށް ބައްޕަގެ ގާތަކަށް ނާންނާނަން، އަހަރެންނާއެކު އުޅެން ބައްޕަ އައުން އަހަރެން އެދެނީ، ރައުލްގެ މައްޗަށް އަނިޔާވެރިވި މީހުންގެ ކަންތައް ނިމިއްޖެ، ބައްޕައަށް ބޭނުންވާ މީހަކަށް ހުރީ ހަމައެކަނި އަހަރެން.... ބަދަލުހިފުމުގެ ޚިޔާލުކުރާނަމަ އެ ޚިޔާލު ދޫކޮށްލާ، ހުރިހާކަމެއް ނިމިއްޖެ" ރާވިން ބުންޏެވެ. ލާވީ އިންގޮތަށް އިނީއެވެ. އޭނާގެ ގާތަށް ރާވިން ހިނގައިގަތެވެ. އެހިނދު ކަނާއަތް ހިއްލާލާއި ލާވީ އިޝާރާތްކުރީ އޭނާގެ ގާތަށް ނައުމަށެވެ.
"އަހަރެންގެ ދިރިއުޅުންވަނީ މިތަނުގައި... މިގަނޑުވަރު ނެތިގެންދިޔަސް، މި ގަނޑުވަރާ ގުޅިފައިވާ ޝަޚަރު ނެތިގެނެއްނުދާނެ، އަހަރެންގެ އުމުރުގެ ބާކީބައި ހޭދަކުރަން އެދެނީ އެތަނުގައި، އަހަރެންގެ އަމިއްލަ ގޭގައި" ރާވިންއާ ނަޒަރު ސީދާކޮށްލުމެއްނެތި ލާވީ ވާހަކަދެއްކިއެވެ.
"ބައްޕާ!... ބޯހަރުނުވޭ... ބައްޕަ ތިވަނީ އެކަނިވެފަ، އަހަރެންނޫނީ ބައްޕަގެ ހާލުބަލާނީ ކާކު؟ އަހަރެންނާއި ޔާފިއާއެކު އުޅެން އާދޭ" ރާވިން އަނެއްކާ ވެސް އެދުނެވެ. މިފަހަރު އާދޭސްކުރާ ފަދައިންނެވެ.
"ކަލެއަށްވުރެ ކުރިން ދުނިޔެއަށް އައީ އަހަރެން، އެހެންވީމަ އަހަރެންގެ މައްޗަށް ބަސްކިޔަން ނުހަދާ... އަހަރެން ކަލެއަކަށް ބޭނުމެއްނުވޭ، އަހަރެން މަރާލިނަމަ މާރަނގަޅުވީސް، ކޮންމެހެން އަހަރެންގެ މައްޗަށް ރަޙުމު އުފެދިގެން އުޅޭނެކަމެއްނެތް... ކަލޭމެން އައިކަންތައްވެއްޖެއެއްނު، އަހަރެންގެ ފުރާނަ ބޭނުންނުވަންޏާ ދެން މިތަނުން ދާންއުޅޭ... ރާވިން!... އަހަރެން ދުވަހަކުވެސް ކަލޭގެ މޫނު ދެކޭކަށް ބޭނުމެއްނޫން" ލާވީގެ އެންމެ ފަހު ޖުމްލައާއެކު އޭނާގެ ނަޒަރު ރާވިންއަށް ހުއްޓުނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށެވެ. ނިކަން އަވަހަށް ލާވީ އަނެއްކާ ވެސް އިސްޖަހައިފިއެވެ.
"އަހަރެން އުޅޭނީ ކޮންތާކުކަން ބައްޕައަށް އެނގޭނެ، ތިރުޅި މަޑުވީމަ އަހަރެން ހޯދަން އަންނާތި" ރާވިން އޭނާގެ ބައްޕައަށް ސަލާމް ރައްދުކުރިއެވެ. ބޭނުންވީގޮތަށް ކަންތައްނުވުމުން މާޔޫސްވިޔަސް އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތްވީތީ އެކަމާ ރާވިން ހިތްހަމަޖެހުނެވެ.
ބޭރީތުގެ ގޮވާލުމަށް އެތަނަށް ފޭބި ދަތުރުވެރީންގެ ޖިންނިތައް އީޝަލްއަށް ކުރުނީސްކޮށް ޣައިބުވެއްޖެއެވެ. އެމީހުންނަކީ ހަލުވިކަމާއެކު އެއްތަނުން އަނެއްތަނަށް ޖިންނީންނާއި މުދާ ޣައިބުގައި އުފުލާ ބައެކެވެ. އެމީހުން އައީ ބޭރީތު އެތަނުން ގެންދިއުމަށެވެ. އީޝަލްއަށް މިހާރު ލިބިފައިވާ އެވާ ބާރު ނުވާނަމަ އެބައިމީހުން އޭނާގެ އަޑެއް ނޭހީހެވެ. އީޝަލްއަށް ކިޔަމަންވާ ބާރުގަދަ ތިން ޖިންނީން ފެނުމުން އެމީހުން ވެސް ޖެހިލުންވީއެވެ. އީޝަލް ބާރުގެ ބޭނުންނުކުރަނީސް އޭނާއަށް އެބައިމީހުން ވެސް ކިޔަމަންވީއެވެ. އީޝަލް އޭނާގެ މީހުންނާ ކުރިމަތިލިއެވެ. އަދި އެނބުރި ދާންވީ ކަމުގައި ބުންޏެވެ.
ލޮނުގަނޑުގެ ތެރެއަށް ނުކުމެވުނުއިރު ވެސް އީޝަލްއަށް ހުރެވުނީ ދެ ވަރަ ހުޅުވާލައިގެންނެވެ. ނަމަވެސް ހައިރާންކަން އޭނާއަށް ލިބުނީ އޭނާގެ ވަރައަށް ބަދަލު ނާންނައިރު ބަޚުރުގެ ތެރެއަށް އަޑިއަށް ދާވަރަކަށް އިޙްސާސް ކުރެވުނު ބަރުކަމެވެ. އެ ބަރުކަން މިހާރު ފިލައިފިއެވެ. ނުހަނު ފަސޭހަކަމާއެކު އީޝަލްގެ ވަރަ ތަޅުވާލިއެވެ. ގަދަ އައްޔަކުން މާޙައުލު އަލިވެގެންދިޔައެވެ. ވައަތްފަރާތުގެ ވަރަފަތް ވަނީ ރެދަންކުލައިން ދިއްލިފައެވެ. ލުގަލްބަންދާގެ ހަށިގަނޑާ ގުޅިފައި ހުރި ރައުލްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އޭނާ ވެސް ފެންނަ މަންޒަރުން އަޖައިބުވިއެވެ. ބަޚުރު އަޖައިބުތަކުން އަޖައިބެއް އީޝަލްގެ ފުށުން ފާޅުވާންވީ ސަބަބަކާމެދު ރައުލް ސުވާލު އުފެދުނެވެ. އެންމެން ބަލަބަލާ ތިއްބާ ކުއްލިއަކަށް އީޝަލްގެ ވަރަފަތް އޭނާ ފޮރުވާލައިފިއެވެ. އަދި އެމީހުން އެހިސާބަށް އުފުލައިގެން ކަނޑުގެ ބޭރިއަށް ގޮވާލައިފިއެވެ. ގިނައިރެއްނުވެ އަނދިރިކަމުގެ ތެރެއަށް އެ ސޮރު ތިލަވާތަން ފެނުނެވެ.
(ނުނިމޭ)