ލޭނު މަސްވެރިކަމުގައި ހިމެނޭ ލޯ ބޮޑު ކެންނެލީގެ މަސްވެރިކަން ކުރުމަށް ދިވެހިން ތަމްރީނުކޮށް، ކުރިއަށް އޮތް ތަނުގައި އެއީ ދިވެހިން ކުރާ މަސްވެރިކަމެއްގެ ގޮތުގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ ވިސްނުން ސަރުކާރުގައި އެބަ އޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފަ އެވެ.
ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ ދާދި ފަހުން ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބޯޓު ފަހަރުގެ ލައިސަންސްތައް ބާތިލުކޮށް ލޭނުގެ މަސްވެރިކަން ކުރުން އެއްކޮށް ހުއްޓާލަން ސަރުކާރުން ނިންމުމުން އެކަމާ ގުޅޭ ގޮތުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ލޭނުގެ މަސްވެރިކަން މުޅިން ހުއްޓާލަން ސަރުކާރުން ނިންމި އެއް ސަބަބަކީ ސަރުކާރުން ހުއްދަ ދީފައިވާ އުސޫލާ ހިލާފަށް ލޯ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ބަދަލުގައި ރީނދޫ އުރަހަ ކެންނެލީގެ މަސްވެރިކަން އެ އުޅަނދު ފަހަރުތަކުން ކުރަމުންދާތީ ކަމަށެވެ.
"ލޭނު މަސްވެރިކަމަށް ހުޅުވާލި މަގްސަދު ހަގީގަތުގައި ހާސިލެއް ނުވި. މި މަސްވެރިކަން ބައްޓަން ކުރެވިފައިވާ ގޮތުން ބޭނެމުން ދިޔައީ ރީނދޫ އުރަހަ ކަންނެލި. އެއީއެއް ނޫން އަޅުގަނޑުމެންގެ ޓާގެޓް ސްޕެސީސްއަކީ. އަޅުގަނޑުމެން ބޭނުންވަނީ ލޯ ބޮޑު ކަންނެލީގެ މަސްވެރިކަން ތައާރަފުކޮށް އޭގެ ފައިދާ ދިވެހިންނަށް ހޯދައި ދިނުން،" ޒަހާ ވިދާޅުވި އެވެ.
އަނެއް ސަބަބެއްގެ ގޮތުގައި ޒަހާ ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުތަކުގައި ކަނޑުމަތީގައި މަސް ބަދަލު ކުރުން ފަދަ ގަވާއިދާ ހިލާފު ހަރަކާތްތައް ހިންގުމުގައި ހުއްދަ ދިން ކުންފުނިތަކުގައި އުޅަނދުފަހަރުތަކުގެ ކޮންޓްރޯލް ބިދޭސީންގެ އަތުގައި އޮތުން ކަމަށެވެ.
"ހަގީގަތަށް ބަލާއިރު ދިވެހި ނަމުގައި ހުރި ކުންފުނިތަކަކަށް ވިޔަސް މީގެ ބެނިފިޝަލް އޯނާސްއަކީ ދިވެހިން ކަމުގައި ނުބެލެވޭ. ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް ދިވެހިންނަކަށް މި ކުންފުނިތަކަކަށް ހަގީގަތުގައި ބާރެއް ނުފޯރުވޭ. އެހެންވެ ހުރިހާ ދިވެހި މަސްވެރިންގެ މަސްލަހަތުގައި އެ މަސްވެރިކަން ހުއްޓާލުމުގެ ޑިޒިޝަން ސަރުކާރުން ނެގީ،" ޒަހާ ވިދާޅުވި އެވެ.
ޒަހާ ވިދާޅުވި ގޮތުގައި ލޭނު މަސްވެރިކަން ހުއްދަ ދިން 28 އުޅަނދު ފަހަރުން ދިވެހިންނަށް 2017 އަހަރު ލިބުނީ 310 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރަށް ލައިސަންސް ފީގެ ގޮތުގައި ލިބުނީ 1.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއީ އެ މަސްވެރިކަމުން ދިވެހިންނަށް ލިބެން އޮތް އެންމެ ބޮޑު މަންފާ ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.
ލޭނުގެ މަސްވެރިކަމަކީ ލޯ ބޮޑު ކަންނެލީގެ މަސްވެރިކަމަށް އަމާޒުކޮށް، ދިވެހިންނަށް އެ މަސްވެރިކަން ކުރެވޭ ގޮތަށް ބައްޓަން ކުރެވިގެން ކުރާ މަސްވެރިކަމަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން އާދައިގެ ކަންނެލީގެ ބާވަތަށްވުރެ ލޯ ބޮޑު ކަންނެލީގެ ބާވަތުގެ އަގު ވެސް ބޮޑު ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެ ބާވަތުގެ އާބާދީ މަދު ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާކޮށްފައި ދިވެހިންނަށް މި މަސްވެރިކަމުން އެންމެ ބޮޑު ގޮތަކަށް ނަފާ ނެރެވޭ ގޮތަށް މި މަސްވެރިކަން ކުރިއަށް ގެންދާނީ. އަޅުުގަނޑުމެން މިހާރު ވެސް މި ތިބީ ތައްޔާރަށް ލޯ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން މީހުން ތަމްރީނު ކުރަން ޖެހޭނަމަ އެ ކަން ކުރަން ވެސް. މި އަހަރު ވެސް އިއުލާން ކުރިން. ނަމަވެސް އެއްވެސް ފަރާތެއްގެ ތަރުހީބެއް ނުލިބޭ،" ސަރުކާރުގެ ވިސްނުން މިނިސްޓަރު ތަފުސީލު ކޮށްދެއްވި އެވެ.
ލޭނުގެ މަސްވެރިކަން ކުރުމުގެ ލައިސަންސްތައް ސަރުކާރުން ބާތިލުކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ މެރިޓައިން އެފެއާސް އެންޑް ފިޝަރީޒްގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރުގައި އެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ލޭނުގެ މަސްވެރިކަމުގައި ހުރި ގަވާއިދާ ހިލާފު ހަރަކާތްތައް ފާހަގަކޮށްފަ އެވެ. އަދި ރާއްޖޭގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް އިސްތިސްނާ ނުކޮށް ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުން މަނާ ކުރާ ހިސާބަށް ރާއްޖޭގައި ލޭނުގެ މަސްވެރިކަމުގެ ކަންކަން ގޮސްފައިވާ ކަމަށް އެ ފަރާތްތަކުން އޭރު ބުންޏެވެ.