ހަބަރު

ޑީއާރުޕީން އާމިރަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 16.3 މިލިއަން ހައިކޯޓުން އުނިކޮށްފި

ސިވިލް ކޯޓުގެ ހުކުމަކުން، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޖޫރިމަނާގެ ބައި އުނިކޮށް، ހިދުމަތުގެ އަގަށްވާ ފައިސާ އެކަނި ދައްކަން ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މެމްބަރު އާމިރުގެ ވީޑިއޯ ޕްރޮޑަކްޝަން ދެ ސްޓޯޑިއޯއަކުން 2007 ވަނަ އަަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަކަށް އެ ޕާޓީން އާމިރުއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 4.5 މިލިޔަން ރުފިޔާއާއި، އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ 16.3 މިލިޔަން ރުފިޔާގެ ޖޫރިމަނާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެމައްސަލަ ޑީއާރުޕީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ، އާމިރުގެ ދެ ސްޓޫޑިއޯއިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހި ދައްކާފައިނުވާ ޖުމްލަ އަދަދު ކަމުގައިވާ ހަތަރު މިލިއަން ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ އެއްމަސް ދުވަހުގެ ނިޔަލަށް ސިވިލްކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.

އެފައިސާ ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމުގެ އޮތް ބަޔަށް ހައިކޯޓުން ތާއިދު ކުރި ނަމަވެސް، އެ ހުކުމުގައިވާ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެއިންވޮއިސްތަކުގެ ތިންމަސް ދުވަހަށް ޖޫރިމަނާގެ ގޮތުގައި ނެގުމަށް ކަނޑައެޅި، ފަނަރަ މިލިއަން އައްލައްކަ ފަސްދޮޅަސް ދެހާސް ހަސަތޭކަ ސައްބީސް ރުފިޔާ އަކީ ޑީއާރުޕީން ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖޫރިމަނާގެ ފައިސާ ސިވިލް ކޯޓުން ނަގައި ދޭން ނިންމަވާފައިވަނީ އޭގެ ކުރިން އެދެފަރާތުގެ ދެމެދުގައި އެމުއާމަލާތާ ގުޅިގެން އަމަލު ކުރަމުން ދިޔަގޮތާ ހިލާފަށްކަން އެނގެން އޮންނަކަމަށެވެ. އެގޮތުން އިންވޮއިސްތަކުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ވާނެ ކަމަށް ހިމަނާފައިވީނަމަވެސް، އެބިލްތަކަށް ޖޫރިމަނާ ނަގާފައިނުވާކަން ދެފަރާތުގެ ދެމެދުގައި އަމަލުކޮށްފައިވާ ގޮތުން އެނގޭތީ، އެއީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްފަރާތުން އަނެއްފަރާތަށް ދީފައިވާ ލުޔެއްކަމުގައި ބެލެވެން އޮންނަ ކަމަށެވެ.

ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފަ އެވެ. އަދި އެ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާ އެޕާޓީން ދައްކާފައިވާ އިރު، އަދިވެސް އެޕާޓީގައި ދަރަނިއޮތްކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މަޝްހޫރު ވިޔަފާރި ވެރިޔާ އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެން އެޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަން ފައްޓަވާނެ ކަން ހާމަކުރައްވާފަ އެވެ.