އެމްޓީސީސީ

މައުމޫނާ ދެކޮޅަށް އެމްޓީސީސީ އިން އިސްތިއުނާފް ކުރި މައްސަލަ ބޭރުކޮށްލައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް ފައިސާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޑީއާރްޕީން އެ ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ. އަދި މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޕާޓީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ. އެކަމަކު ސިވިލް ކޯޓުން މިދިޔަ ޖޫން މަހު މިމައްސަލަ ނިންމީ އެމްޓީސީސީން ބުނާ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ދަށު ކޯޓުގެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފް ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެމްޓީސީސީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ ޖޫން އަށްވަނަ ދުވަހު އެވެ. އެހެންކަމަށްވާނަމަ މިމައްސަލަ އެ ކުންފުނިން މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފް ކުރަންޖެހެ އެވެ. ނަމަވެސް އެމްޓީސީސީން މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މިމަހުގެ 25 ވަނަ ދުވަހު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ މައްސަލަ އިސްތިއުނާފް ކުރަން އެމްޓީސީސީ އިން ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށް ޖުލައި 10 ދުވަހު ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބުނާ ދުވަހަށް ވުރެ ފަހުން މައްސަލަ އިސްތިއުނާފް ކުރުމާ ގުޅިގެން ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ އުވާލާފަ އެވެ.