ދުނިޔެ

ދެކުނު ކޮރެއާއިން ރަޝިއާގެ ޖެޓަކަށް އިންޒާރުގެ ހަމަލާތައް ދީފި

ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދުން ދަތުރުކުރި ރަޝިއާ އާއި ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތަކަަށް އިންޒާރުގެ ހަމަލާތަކެއް ދެކުނު ކޮރެއާއިން ދީފި އެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިންޒާރުގެ ހަމަލާތައް ދީފައިވަނީ ރަޝިއާގެ ދެ ޖެޓެއް ކަމަށްވާ ޓީޔޫ- 95 ބޮބްބާސް، ޖެޓް 50 ގެ އިތުރުން ޗައިނާގެ އަސްކަރީ މަތިންދާ ބޯޓެއް ކަމަށްވާ އެޗް-6 ބޮމްބާސްއަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް މި ތިން އުޅަނދު ވަދެފައިވާކަން އެންގުމުގެ ގޮތުން 100 ވަރަކަށް އިންޒާރުގެ ހަމަލާ ދީފައިވާ ކަމަށެވެ.

އިންޒާރުގެ ހަމަލާތަށް ދޭން ފެށުމުން ތިން އުޅަނދު ވެސް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީގެ ކުރިންވެސް ޗައިނާ އަދި ރަޝިއާގެ އަސްކަރީ މަތިންދާ ބޯޓުތައް ވަނީ ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފަ އެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރެޓީ އޮފީހުން ވަނީ މިމައްސަލަ ބަލައި ދިނުމަށް ރަޝިއާގެ ކިބައިން އެދިފަ އެވެ. ނަމަވެސް ރަޝިއާއިން ވަނީ ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް އަސްކަރީ މަތިންދާ ބޯޓުތައް ވަންކަން ދޮގުކޮށްފަ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓުތައް ސަރަހައްދުގައި ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ދެކުނު ކޮރެއާއިން އިންޒާރުގެ ހަަމަލާތައްދީ، ބޯޓުތައް އުދުހުމަށް ހުރަސް އެޅި ކަމަށެވެ. އެއީ ގާބިލް އަސްކަރިއްޔާއެއް އޮންނަ ގައުމަކުން އަމަލުކުރާނެ ގޮތެއް ނޫން ކަމަށެވެ.