ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި

Jul 23, 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ހަތަކަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު މިއަދު ތަސްދީގު ކުރައްވައި މިހާރު ވަނީ ގެޒެޓް ކުރައްވާފަ އެވެ. މިއާއެކު، ސުޕްރީމް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ފެށިގެން ދާނެ އެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް، 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.

ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނެ އެވެ. މިކަން ކުރުމަށް މަޖިލީހަށް ސަރުކާރުގެ އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.