ގައުމީ ފުޓްބޯޅް ޓީމް

ސައުދީ އަތުން ބަލިވެ ޒުވާން ޓީމަށް ފުރުސަތު ހަނި ވެއްޖެ

ސައުދީ އަރަބިއްޔާ އަތުން 6-0 ން ބަލިވެ، ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް ހަނިވެއްޖެ އެވެ.

މުބާރާތުގެ ފައިނަލަށް ދާން ބޭނުންނަމަ، ރާއްޖެއަށް ދެން އޮތީ މެތެމެޓިކަލް ހަނި ފުރުސަތެކެވެ. އަމިއްލަ ބާރެއް ނެތެވެ.

މިއަދު ކުޅުނު މެޗުގައި، ސައުދީން ރާއްޖެ ކޮޅަށް ޖެހި ހަ ލަނޑުވެސް ކާމިޔާބު ކުރީ، މެޗުގެ ފުރަތަމަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުން މަސައްކަތް ކުރީ ހަމަޖެހިލައިގެން ތިބެ ކުޅޭށެވެ.

ސައުދީގެ ފުރަތަމަ ލަނޑު، އެޓީމުގެ އަވަދު އަބްދުއް ދަހަލް ކާމިޔާބު ކުރީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބު ކުރި މުހައްމަދު އަބްދުﷲ އަލް އަމްރީ އެވެ.

އެ ލަނޑަށް ފަހު ސައުދީން ވަނީ ފުލުފުލުގައި ރާއްޖޭގެ ކޮޅަށް ލަނޑުތައް ޖަހާލާފަ އެވެ. ތިން ވަނަ ލަނޑު އަބްދުއް ސަލާމް އަލީ ބަރަނަވީ ކާމިޔާބު ކުރީ 37 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން އަހްމަދު އަލީ އަސްރީ ވަނީ 40 ވަނަ މިނެޓްގައި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއްކާވެސް ތިން މިނެޓް ފަހުން ބަދުލް ވަލީދު އަލް ހަރަބީ ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ސައުދީގެ އަހްމަދު އަލީ އަސިރީ ވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ހަ ވަނަ ލަނޑު ކާމިޟިޔާބު ކޮށްފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަ ކުރާނީ ލެޓްވިއާ އާއި ސައުދީ އެވެ.