(22 ޖުލައި 2019 އާ ގުޅޭ)
ދާއިން ގެއަށް ކާންއަންނަންވާއިރަށް މަންހާ ކުޑަކުޑަ ދަރިއަކު ބަލަމުން ކައްކާހެދީ އަމިއްލައަށެވެ. ޒާރާ ރީތިކޮށް ހުރިހާ ކަމެއް ބަލަން އިނީއެވެ. އެވެސް ދާއިންގެ އަންބެކެވެ. ދެއަންބިން އެކުގައި ފިރިމީހާއަށްޓަކައި ކެއުން ތައްޔާރުކުރަން އުޅުނުނަމައޭ މޫމިނާގެ ހިތަށްއެރީއެވެ. އެހުރިހާ ކަމެއް ކުރުމުން އެންމެ ފަހުވަގުތުވެސް ޒާރާ މަންހާއަށް ފުރުޞަތެއްދޭން ބޭނުންނުވާކަން މޫމިނާއަށް ފާހަގަކުރެވި ޔަގީންވީއެވެ. ނަސީބުވެސް އެވަގުތު މޫމިނާ އާއި އެއްބާރުލުން ދިނީއެވެ. ނެހާގެ ނެޕީ ބަދަލު ކުރުމަށް ޒާރާ ފޮނުވާލީ ދާއިންއަށް މަންހާ އާއިއެކުވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
މަންހާގެ ގާތުގައި ހުއްޓިލަމުން މަންހާގެ އުނަގަނޑުގައި ފަހަތުން އަތްޖައްސާލި ދާއިންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހިފައިވާކަމުގެ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އޭނަ ސުފުރާމަތީ އަތުރާފައިވާ ތަށިތަކަށް ނަޒަރު ހިންގާލިއެވެ.
"ހަމަތެދެއް މިބުނީ، ވަރަށް މީރުވަސް ދުވާ، މިހާރު ހީވަނީ ކުރިއަށްވުރެވެސް ބޮޑަށް ބަނޑުހައިވެއްޖެހެން" ދާއިން މަންހާ ކުޑަކޮށް ގާތްކޮއްލަމުން ބުނެލިއެވެ.
"ދާއިން، އޮފީސް ހެދުމުގައި ތިހުރީ، އަހަރެން މިހިރީ ވަރަށް ހޫނުވެފަ، ކައްކަންއުޅުނުވަސް ހިފާފާނެ ދާއިންގެ ގަމީހުގައި..........އަވަހަށް އިށީނދޭ ކާން، އަހަރެން މިކަން ނިންމާލާފަ ގުޅަންވެގެން ހުރީ، އަދި ބުނަންހުރީ އަންނައިރު ކާއިލްވެސް ގޮވައިގެން އަންނައްޗޭ...........އަދި ޒައުލްއަށްވެސް ގުޅާފަ އާދެވޭނެތޯ ބެލުމަށް.......މާލަސްވީ ދޯ" މަންހާ ދާއިން އާއި ދުރަށް ޖެހިލަމުން ބުނެލިއެވެ.
"ނޫނޭ، ކާއިލް އަދި އޮފީހުގައި އެބައިންހެން ހީވަނީ، މިގުޅާލަނީ، ޒައުލް ހުންނާނީ ނުބުނެގެންކަން އަހަންނަށް ޔަގީން، އޭނައަށްވެސް އަހަރެން ގުޅާލަފާނަން، އެހެންވީރު އަދި މަޑުކުރޭ ތައްޓަށް ކާއެއްޗެހި ނާޅާ، މަންހާގެ ތިހިޔާލު ވަރަށް ރަނގަޅު، ވަރަށް ޒަމާންވެއްޖެ ގޭގައި މިފަދަ ކެއުމެއް ކުރިއަށްނުގެންދާތާ........އަހަރެންވެސް ކާންފަށާނީ އެމީހުންގެ ޚަބަރެއް ބަލާލާފަ" ދާއިން ކާމޭޒުގެ ވަށައިގެން ހުރިތަނުން ގޮނޑިއެއްގައި އިށިންނަމުން ބުނެލިއެވެ. މަންހާ ހީލާފައި އިމީގެ ގާތަށް ޖެހިލިއެވެ. އަދި މޫމިނާއަށް ކާއެއްޗެއް ދިނުމަށް އަވަސްވެގަތެވެ. ދާއިންގެ ފޯންކޯލާއިއެކު ކާއިލް އާއި ޒައުލްވެސް ހުރީ އެކެއުމުގައި ބައިވެރިވާގޮތަށެވެ.
ނެހާގެ ނެޕީ ބަދަލުކޮއްލައިގެން ޒާރާ ސިޓިންރޫމަށް ނުކުތްއިރު މަންހާ މޫމިނާއަށް ކާއެއްޗެހި އަޅާފައި ހުރި ތައްޓަކާއި ޖޫސްތައްޓެއް ހިފައިގެން އައިސް ސޯފާގެ ކުރިމަތީ ހުރި ބިއްލޫރި ކުޑަމޭޒުގެ މަތީ ބަހައްޓަނީއެވެ.
"މަންމާ، އަދި ހަނދާން ނެތުނިއްޔޭ، މަންމަގެ ފުރުމުގެ ކަންތައް ހަމަޖައްސައިފިން، މިރޭގެ ފްލައިޓުން ފުރާގޮތަށް، މަންބުނި މަންމަ މިހާރު މާތަދުވާތިއޭ އުޅެނީ، އަޅުގަނޑު ދޮންބެއަށްވެސް ގުޅައިފިން، ދޮންބެ ދާނެ އެކޮޅުން މަންމަ ބަލާ، ހަވީރުން މަންމައަށް ގުޅާނަމޭ ބުނި" ފޯނުން ވާހަކަދައްކާލާފައި ތެދުވި ދާއިން ސޯފާގައި އޮތް މޫމިނާއަށް ތަންކޮޅެއްބާރަށް ބުނެލީ އަޑުނުފޯރަފާނެއޭ ހިތާއެވެ.
"މަންމަ ވަރަށް ދެރަވޭ ދާން، ދަރިފުޅުވެސް ދާންހިނގާ މަންމަ އާއިއެކު" މޫމިނާ މަންހާއަށް ބަލާލާފައި ބުނެލިއެވެ.
"މަންމަ އަވަހަށް ރަނގަޅުވާނީ ދިޔައީމައޭ، އަޅުގަނޑާ ދާއިން އާ ޒާރާ ދާނަން ތަންކޮޅެއް ފަހުން.............ހީސްލީދޯ........." މަންހާ މޫމިނާއާއި ވާހަކަދައްކަނިކޮށް އެދިމާލަށް އައި ޒާރާ އާއި އޭނަގެ އަތުގައި އޮތް ނެހާ ފެނުމުން ހީލާފައި އަހާލިއެވެ. އަދި ސޯފާގައި އޮތް މޫމިނާ ތެދުވުމަށް އެހީތެރިވިއެވެ. ޒާރާ ނެހާ އުނދޯލީގެ ތެރޭ ބާއްވާލަމުން އަވަސްވެގަތީ ދާއިންގެ ގާތަށް ދިއުމަށެވެ. މޫމިނާ ތެދުވެ ކާންފެށުމާއިއެކު މަންހާގެ ދެން އެންމެ މުހިއްމު ކަމަކަށްވީ އޭނަގެ ދަރިފުޅަށް އެއްޗެއްދިނުމެވެ. އެހިނދު އެޕާރޓްމެންޓުގެ ދޮރުހުޅުވާލާފައިވަނީ ކާއިލްއެވެ.
"ކޮންމުނާސަބަތަކާ ގުޅިގެންތަ؟ އެނިވާސަރީތަ؟" ކާއިލް އައިސް މަންހާގެ ގާތުގައި ހުއްޓިލަމުން އަހާލިއެވެ. މަންހާ ހީލާފައި ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޒާރާ ކާއިލްއަށް ގޮވާލިއަޑުއިވުނެވެ. އެއާއިއެކު ކާއިލް ހިނގައިގަތީ ޒަރާއާއި ދައިންގެ ގާތަށެވެ.
ކާމޭޒުދޮށަށް ހުރިހާ އެންމެން ހަމަވުމާއިއެކު އަޑުވެސް ގަދަވެގެން ހިނގައްޖެއެވެ. ޒާރާ ދާއިންގެ ގާތުގައި އިށީނދެލައިގެން އެހެންމީހުންނާއިއެކު ކެއުމުގައި ބައިވެރިވަމުންދިޔައިރު މަންހާ މޭޒުގެ އެއްފަރާތުގައި މަޑުކޮއްލައިގެން ހުއްޓެވެ. އެމީހުންނަށް ބޭނުންވެދާނެ ކޮންމެ ކަމެއްކޮއްދޭން ތައްޔާރަށެވެ. އެތަށް ފަހަރަކު ދާއިން އެމީހުންނާއިއެކު ކާން އިށީނުމަށް އެދުމުންވެސް މަންހާ އެކަމާ ދެކޮޅުހެދިއެވެ. އެހެނީ އޭނަގެ އަތުން ބަޔަކަށްދިން ފުރަތަމަ ދައުވަތަށްވެފައި މޭޒުގެ ދޮށުގައި ތިބީ އެކުވެރިންނާއި އާއިލާއަށްވިޔަސް އެމީހުންނަށް ކުރާ އިޙްތިރާމް ކުޑަވެދާނެއޭ ހިތާއެވެ. ޒައުލް ފުރުޞަތުގެ ބޭނުންހިފާ އޭނަ އޮޅުންފިލުވަން ބޭނުންވާ ކަންތައް އޮޅުންފިލުވުމަށް އަވަސްވެގަތެވެ. އަދި ޚާއްޞަކަމެއް ޒާރާގެ ހަރަކާތްތަކަށް ދެވިފައިވިއެވެ. އެންމެ ގާތް އެކުވެރިޔާގެ އަނބިމީހާއަށް ވިއެއްކަމަކު ޒައުލްގެ ހިތުންވެސް މަންހާއަށް ތަޢުރީފުކުރެވުނެވެ. ހިތްތިރި ރަނގަޅު އަންހެނުންވެސް ދުނިޔޭގައި އުޅޭކަމުގެ މިސާލެއް އޭނަގެ ކުރިމަތިން ފެނިގެންދިއުމުންނެވެ. ކޮންމެ ފިރިހެނެއްގެ ދިރުއުޅުއުޅުމުގައި އެފަދަ އަންހެނަކު ލިބުމުގެ ނަސީބު މިންވަރުކުރައްވާނެނަމައޭ އޭނަގެ ހިތަށްއެރިއެވެ. ދާއިންއަށް އޭނައަށް ލިބިފައިވާ އަގުބޮޑު ޖަވާހިރުގެ އޮފުކަމާއި ނަލަކަމުގެ އަގު އަދިވެސް ވަޒަން ނުކުރެވޭކަން ޒައުލްއަށް މިއަދު އެނގިއްޖެއެވެ. ދިރިއުޅުން ކުރިއަށްގެންދިއުމަށްޓަކައި ލޯތްބައްޓަކައި ހަނގުރާމަ ކުރުމަށް މިއަދު އެއަންހެން ކުއްޖާ ނުކުމެ ހުރީ ހުސްއަތާއެވެ. ހަމައެކަނިވަނީ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާއިއެކު ވިދަމުންދާ ދެލޮލެވެ. ކައިރިން ބަލައިފިނަމަ އެވިދުމަކީ އެރީތި ލޮލުގެ ތެރޭ ހިފަހައްޓަމުންދާ ކަރުނައިގެ މުތީތަކުން ފާޅުވަމުންދާ ވިދުމާއި ބެބުޅުމެއްކަން އެނގޭނެއެވެ. ދާއިންއަށް އެކަން އަދިވެސް ނޭގެނީހެއްޔެވެ. މީ އެއްވެސް އިންސާފެއްނޫނެވެ. އެފަދަ ދަރަޖައަކަށް އިންސާނާ ގެންދިޔައީ ހަމަ ލޯބިބާއެވެ. އެދަރަޖައަށް ކެތްތެރިވާން ދަސްކޮއްދިނީވެސް ހަމައެލޯބިބާއެވެ.
ކާމޭޒުމަތީ މަންހާއަށް ތައުރީފު ކުރުމުގެ ފުރުޞަތު ޒާރާ އެކަކަށްވެސް ނުދިނެވެ. އެކަމާ މަންހާވެސް ވަކި ދެރައެއްނުވެއެވެ. މިހާރު އޭނައަށް ޒާރާ އެނގެއެވެ. އޭނަގެ ހިތުގައި މަންހާ އާއިމެދުވަނީ ކީކޭކަންވެސް އެނގެއެވެ. ކަންބޮޑުވެ ބިރުގަންނަނީ އެންމެ ކަމަކާއެވެ. ދާއިންގެ ދިރިއުޅުމުން ދުރަށް ދާންޖެހިދާނެތީއެވެ. ކައިނިމުމާއިއެކު އެންމެނަށް ދުފަންތައްޔާރުކޮއްފައިވާ ތަބަށް ގެނެސް ސިޓިންރޫމު ސޯފާގޮނޑިތަކުގެ މެދުގައި ހުރި ބިއްލޫރި ކުޑަމޭޒުގެމަތީ ބެހެއްޓިއެވެ.
ވާހަކައިގައި މާގިނައިރު ތިބުމަކަށް ދާއިން ހިޔާލެއް ނުކުރިއެވެ. އަދި އޮފީސްގަޑި ނުނިމޭތީއާއިވެސް އެކުގައެވެ. އެހެންވެ ކާއިލް އާއިއެކު އޭނަ އޮފީހަށް ދާން ނުކުތެވެ. ނަމަވެސް ޒައުލް ބޭނުންވީ އަދި މަޑުކޮއްލުމަށެވެ. އޭނަ ޒާރާ އާއި ވާހަކަދައްކާލަން ބޭނުންވަނީއެވެ. ދާއިން އެކަމަށް އެއްވެސް އެއްޗެއް ނުބުނިކަމުގައިވިޔަސް ދިއުމުގެ ކުރިން އޭނަ އަށް އަންގާލަދިނުމަށް އެދުނެވެ.
"މަންމާ، އިމީ އާއިއެކު ކޮޓަރިއަށް ދާންވީނު، އެނދުގައި އޮށޯވެލައިގެން އޮންނަން މާފަސޭހަވާނެ، އަޅުގަނޑު ދާނަން އިޝާ ނަމާދުކޮއްލައިގެން މަންމަގެ ފޮށިތައްޔާރުކޮއްދެން، ނެހާވެސް އެހާއިރަށް ނިދާނެ........" މަންހާ ދާއިން ނުކުތުމާއިއެކު މޫމިނާއަށް ބުނެލިއެވެ.
"އެންމެރަނގަޅު، އެކަމަކު ދަރިފުޅު ކަނީ ކޮންއިރަކުންތަ؟ މަންމައަށް އެނގޭ އަދިވެސް ނުކައިކަން ތިއުޅެނީ" މޫމިނާ ބުނެލިއެވެ.
ފެންވަރާލާ ނަމާދުކޮއްލައިގެން ކާނީ، އަދި މިހުރީ މެންދުރު ނަމާދުވެސް ނުކޮށް، ނެހާވެސް ހަނދުނު ފެންވެރުވި ގޮތަށް އެއޮތީ، ހަވީރު ވުމުގެ ކުރިން އޭނަވެސް ފެންވަރުވާލަން ޖެހޭނެ، ފަހަރެއްގަ ޒާރާ އާއި ދާއިން ނެހާ ގޮވައިގެން ދުއްވާލަންދާންވެސް އުޅެދާނެ........މިގުޅަނީ އިނގޭ އިމީއަށް" މަންހާ ސިޓިންރޫމު ފާރުގައި ހަރުކޮއްފައިވާ ފޯނާ ދިމާލަށް ދަމުން ބުނެލިއެވެ.
މޫމިނާ ތިރިއަށް ފޮނުވާލުމަށްފަހު މަންހާ އަވަސްވެގަތީ ފެންވެރުމަށެވެ. އެޕާޓްމެންޓުގެ ދޮރުތަޅުލުމަށްފަހު ނެހާ ގޮވައިގެން އޭނަވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރެއިން ނުކުމެވެން ހުރި ބެލްކަނީގައި ދެމީހަކު ވާހަކަދައްކާއަޑުއިވޭތީ ބަލާލިއެވެ.
"ޒައުލް، އެބައުޅެން ދޯ...........................ޒާރާ، ޒައުލް ގޮވައިގެން ސިޓިން ރޫމުގައި މަޑުކޮއްލަންވީނު، އަހަރެން މިއުޅެނީ ފެންވަރާލަންވެގެން" މަންހާ ބުނެލިއެވެ.
"ހިނގާދާން ޒައުލް، ތިރިއަށްދޯ ދާނީ" މިހެންބުނެ ޒާރާ ހިނގައިގަތެވެ. ބޮޑު އެނދުގައި ކުޑަކުޑަ ނެހާ ބާއްވާލަމުން މަންހާ އެމީހުންގެ ފަހަތުން ދިޔައީ ބޭރުދޮރުތަޅުލުމަށެވެ. ފަހަރެއްގައި ޒާރާ ތަޅުނުލާ ހިނގައިދާނެހެން މަންހާއަށް ހީވާތީއެވެ. ދާއިން އަބަދުވެސް ބޭރު ދޮރުތަޅުލުމަށް ހަނދާންކޮއްދޭނެއެވެ.
"މަންހާ ވަރަށް ރަނގަޅު ދޯ........ޒާރާ އާއި ވަރަށް ގުޅޭހެން ހީވަނީ" ޒައުލް އޭނަގެ އަސްލު މަޤުޞަދު ފޮރުވާލަމުން ބުނެލިއެވެ.
"އެހެން ހީވޭތަ، އަހަރެން ރަނގަޅެކޭ ހިތަކަށް ނާރާތަ، ޒައުލް ވިސްނާލަބަލަ، އަހަރެންވެސް ކިހާ ހިތްވަރުގަދަވެ ކެތްތެރިވީމަ މަންހާ އާއިއެކު މިއުޅެވެނީ، އެކަމަކު ބައެއްފަހަރު.......ދެން ނޭގެ، އެކަހަލަ ވާހަކަ ދައްކާކަށްނުވާނެ، އަހަރެން ދާއިންދެކެ ވަރަށް ލޯބިވޭ، ދެރަވޭ އިތުރު މީހަކާ ދާއިން ޙިއްޞާ ކުރަންޖެހުނީމަ" ޒާރާ ބުނެލިއެވެ. ޒައުލް ވަރަށް ގިނަ ސުވާލުތަށް ކުރަމުންދިޔައެވެ. އެހެންނަމަވެސް ޒާރާގެ ވާހަކަތަކުން އޭނަވަރުގެ ރަނގަޅު މީހަކުނެތެވެ. މަންހާއޭ ކިޔައިގެން ނޭދެވޭ ވާހަކައެއް ނުދެއްކިއެވެ. ފަހަރެއްގައި އޭނަ ހީކުރިގޮތާއި ހިލާފަށް ޒާރާ މާވިސްނުން ތޫނެވެ. އޭނައަކީ ދާއިންގެ އެންމެ ގާތް އެކުވެރިޔާ ކަން ޒާރާއަށް އެނގޭތީ ގަސްދުގަ އެފަދަ ވާހަކައެއް ނުދެއްކީ ކަންނޭގެއެވެ. ނަމަވެސް އޭނަގެ ވާހަކަތަކާއި މިއަދު ފެނުނު ޢަމަލުތަކާއި ދިމަލެއްނުވެއެވެ.
"ހެލޯ މޭން" ޒައުލް ދާއިންގެ ކެބިންގެ ދޮރުހުޅުވާލުމާއިއެކު ބުނެލިއެވެ.
"ޒައްލޭ، ކަލޭ ދޯ، އާދޭ އާދޭ" ދާއިން ފަންސޫރަކާއި އޭފޯކަރުދާހެއް ހިފަހައްޓައިގެން އިނދެ ބުނެލިއެވެ.
"އާން މަށޭ، ތިކުރާ ކަމެއް ކުރިއަށް ގެންދިޔަޔަސް މަށަށް އެންމެ ރަނގަޅޭ، ދަމުން އަންގާލައްޗޭ ބުނީމަ މިއައީ" ޒައުލް ދާއިންގެ މޭޒުގެ ކުރިމަތީ ހުރި އެގްޒެކެޓިވް ދެގޮނޑިން ގޮނޑިއެއްގައި ދެއަތްއަޅުވާލަމުން ބުނެލިއެވެ.
"ނޫނޭ، އެހާ ބިޒީއެއްނޫނޭ..........އޭ، ކިހިނެއްވީތަ މަޑުކުރީ، މަންއަށް ޖެއްސުމެއްކޮއްލީ ދޯ، ބުނެބަލަ މީރުތަ މަގޭ ހަގު އަންބީގެ ކެއްކުންގަޑު" ދާއިން ފޮނިގޮތަކަށް އަހާލިއެވެ.
"އާން، ވަރަށް މީރު، މީގެ ކުރިން މިފަދަ ދައުވަތެއް ނުލިބޭ، އަބަދުވެސް ލިބޭނީ ގޭން ބޭރުން ކޮންމެވެސް ކެއުމެއް ބާއްވައިގެން ދައުވަތު، ކިޔަވައިގެން ހުރި ގެވެހި އަންބެއްވެސް ލިބިއްޖެދޯ.........އެކަމަކު އަހަރެން ހިތަށް އަރާ އެކަމުގެ އަގުވަޒަން ކުރެވޭބާއޭ ދާއިންއަށް" ޒައުލް ދާއިންއަށް ބަލަންހުރެ ބުނެލިއެވެ.
"ކީއްވެ ތިހެން ތިބުނީ، ހާދަ ހިތްހަމަނުޖެހިފަ ހުރިހެން ހީވެޔޭ، ކަމެއް ގޯސްވީތަ، މަންހާ އެއްޗެކޭ ބުނީތަ" މިހެން ބުނި ދާއިންގެ އަޑުވެސް ބަދަލުވިއެވެ.
"މަންހާ އެއްޗެއް ބުނާނެނަމަ ކިހާ ރަނގަޅު، އެކަމަކު އޭނަ އެއްވެސް ވާހަކައެއް ނުދައްކާ، ހިތަށްއަރާ ދާއިންއަށް ހަމަ ނުވިސްނޭތީބާއޭ ތިހެން ތިބުނަނީ، ނޫނީ ހަމަ ކުޑަކޮށްވެސް މަންހާދެކެ ލޯބިނުވަނީތަ، އަހަރެން ވާހަކަދެއްކީ ޒާރާ އާއި، އޭނަގެ ޢަމަލުތަކާއި ވާހަކަތައް ހުންނަގޮތުން ދާއިންއަށް ފާހަގައެއް ނުކެރެވޭތަ މަންހާ އާއި ޒާރާގެ މެދުގައި ނަފުރަތުގެ ފާރެއް ލެވެމުންދާކަމެއް، އަހަންނަށް އެނގޭ އެއްޗަކީ މަންހާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާނެކަން، އޭނަގެ ހަމަހިމޭންކަމާއި އެހިނިތުންވުމުން އަހަންނަށް އަންގައިދިން އެއްޗަކީ އެއީ، މަންހާ އާއި ދާއިންގެ ގުޅުން ހީނަރުވާކަން ދާއިންއަށް ފާހަގައެއް ނުކުރެވޭތަ...........އޯ ގޯޑް، ކޮންއިރަކުތަ ތިހާ ގަމާރުވީ............ނިކަން ހޭލަބަލަ، ނިދާފަކަމަށް ހެދިގެން ނުހުރެބަލަ، މަންހާގެ ހިތުގައި ޖެހޭވަރުގެ ކަމެއް ނުކުރެވެނިސް އޭނަގެ ހިތުގެ އަޑުއެހުމަށްޓަކައި ތިކަންފަތުގެ ބީރުކަން ފިލުވާލާ އެއަޑުތަކަށް ކަންފަތް ހުޅުވާލަބަލަ........." ޒައުލް ނިތްކުރީގައި އަތްޖައްސާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
"ދެން ތިބުނަނީ ޒާރާއޭތަ ހުރިހާ ނުބައެއް ހަދަނީ، ޒާރާ އަހަންނާއި މަންހާ ދުރުކުރަން ބޭނުންވަނީއޭތަ" ދާއިން ގެ ހުރިހާ ސަމާލުކަމެއް މިހާރުވަނީ ޒައުލްއަށް ހުއްޓިފައެވެ. އޭނަގެ ޒަމާންވީ އެކުވެރިޔާ މިއަދު އެދައްކަނީ ކޮންކަހަލަ ވާހަކައެއްހެއްޔެވެ.
"ޒާރާގެ ހަގީގީ ބޭނުމަކީ ކޮބާކަމެއް އަހަންނަކަށް ނޭގެ، އޭނަވެސް ދާއިންދެކެ ލޯބިވޭ، ހަމައެގޮތަށް މަންހާވެސް ދާއިންދެކެ ލޯބިވޭ، އަހަންނަށް ހީވަނީ ހުރިހާވެސް މައްސަލައަކީ ދާއިންހެން، ދާއިންއަށް ހަމަހަމައަށް ކަންތައްނުކޮއްދެވެނީހެން، މިހާރު ޒާރާއަކީ ބަލިމީހެއްނޫން، އޭނަގެ ވާހަކަތައް އެކަމަށް އެއްބަހެއްނުވޭ، ހުދުއަހަރެންވެސް ގަބޫލުކުރަނީ އެގޮތަށް.........ދާއިން ބުނީމެއްނު މަންހާ އަކީ ނާޒުކު ފިޔަތަކެއްލިބިފައިވާ ރީތި މަލެކޭ، އަދި ޒާރާއަކީ ހޫނުކަމާއިއެކު އަނދަމުންދާ އަލިފާންފަދައޭ، ބުނަން، ނާޒުކުމަލުގެ ފިޔަތަށް މޯޅިވެ ނުދަނިސް އަދި އަނދަމުންދާ އަލިފާނުގެ ހުޅުގަނޑުގެ ހުޅުފަޅައިގެން ނުދަނިސް ދާއިން އެބަޖެހޭ އެދެމީހުންނަށްވެސް ފިނިކަމެއް އިޙްސާސްކޮއްދެން، އެދެމީހުން ދެކެވެސް ލޯބިވަނީ ހަމަ އެއްވަރަކަށްކަން އަންގާދެން، ޒާރާއަށް އޭނައެކޭ އެއްފަދައިން މަންހާއަކީވެސް ދާއިންއަށް މުހިއްމު މީހެއްކަން އަންގައިދޭން އެބަޖެހޭ، ޒާރާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމުމަކުން ކަންތައްތައް ހައްލެއްނުވާނެ" ޒައުލް ވިސްނާދިނެވެ.
"އަހަންނަށް އެނގޭ ޒާރާއަށްޓަކައި މަންހާ ދުރުކޮއްލެވުނުކަން، އެކަމަކު އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ އެއީ އަހަރެންގެ ދަރިފުޅުގެ މަންމަކަން، އަހަންނަށް ޒާރާއެކޭ އެއްގޮތަށް މަންހާވެސް ޚާއްޞަވެގެންވޭ، ދެމީހުންކުރެ އެކަކުވެސް ބީވެގެން ދާކަށް ބޭނުމެއްނޫން..........ޒައުލް، ޕްލީޒް، ރުޅި ނާދެބަލަ، އަހަރެންނަށް މިކަންތައްތައް މާލުއިކޮށްނެގުނީ، ދެއަންބިންނަށް ހަމަހަމަކޮއްދީގެން ގެންގުޅުމަކީ ކިހާވަރެއްގެ ޒިންމާއެއްކަން އަހަންނަށް ނެގުނީ ވަރަށް ލުއިކޮށް، ތަފާތު ނުކުރާނަމޭ ހިތުގައޮތަސް އެގޮތަށް ޢަމަލެއް ނުކުރެވުނު............އެވްރިތިންގްސް ގޮނާބީ އޯކޭ.........އައި ވިލް ޓޭކް ކެއަރ އޮފް އެވްރީތިންގ.........ދެން ކަންތައްކުރަންވީ ގޮތާއި ދާންވީ މަގު އަލިވެ ސާފުވެއްޖެ" ދާއިން ގޮނޑިން ތެދުވެ ހުރެ ވާހަކަދެއްކިއެވެ.
ޒާރާ އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ހިތްއަވަސްވެފައިވާ މީހަކުފަދައިންނެވެ. އޭނަގެ ތުންފަތަށް ހިނިތުންވުން ގެނުވީ އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި ވަތް ފަލަކްފެނުމުންނެވެ. އަދި އޭނަ އާއިއެކު އޭނަގެ ދެރަޙުމަތްތެރިންވެސް ވަނެވެ.
"ދޮންތައަށް ނާދެވިދާނެތީ އަހަރެން މީނީ ވަރަށް ކަންބޮޑުވެފަ، ޔަގީން ކުރަންވެގެން އާމޯސް ކާރުގަ ފޮނުވީވެސް" ސޯފާއިން ތެދުވި ޒާރާ ބުނެލިއެވެ.
"ނައިހެއްނުހުންނާނެއެއްނު، މަވެސް ބޭނުންވިއްޔަ ތިކުޅިވަރަށް ހެކިވާމީހަކަށްވާން، އެކުން ކުޑަކޮށް ލަސްވީ މިތިބަ ދެމީހުން ބަލާދިޔައީމަ، ގުރޫޕުގަނޑު ބޮޑުކޮއްލީމައެއްނު މިކަމުގެ ފޯރިގަދަވާނީ، ކޮބާތަ މިހާރު އޭނަ، ދާއިން އޮފީހުގަ ދޯ" ފަލަކް ވާހަކަދައްކަމުން އައިސް ޒާރާގެ އަތުގައި ހިފާލިއެވެ.
"އާން، ހިނގާ ދަމާދޯ...........އެހަށް މަޑުކޮއްބަލަ، ދާއިން މަންމަ ކައިރިއަށް ވަދެލަންވާނެއެއްނު އައިފަހަރު، މިރޭ ފުރަންވެގެން އުޅެނީ..........ނަސީބެއް މިރޭ ފުރާކަން، ތަންކޮޅެއް ކުރިން ފުރާގޮތަށް ނިންމި ނަމަވެސް މިކަމެއް ނުފެންނާނެ، އަހަރެން ބޭނުންވަނީ ގޭގައި ތިބިއްޔާ ތިބިބަޔަކަށް މިކުޅިގަނޑު ދައްކާލަން" މިހެން ބުނެ ވިހަ ހިނިތުންވުމެއް ޒާރާ ދިނެވެ.
"މަންމާ، އަޅުގަނޑުގެ ދޮންތަ އައިސްގެން، މަންމަ ބަލިވެ އުޅޭތީ އައިފަހަރު ބައްދަލުކޮއްލާފައޭ ދާނީ ބުނީމަ، ކޮޓަރިއަށް ވައްދަންވީތޯ" ޒާރާ އަހާލިއެވެ.
"އާން އާން، އާދޭ އެމީހުން ގޮވައިގެން" ބުރަކައްޓާއިދިމާލުން ބާލީހެއްލައްވާލައިގެން ދީނީ ފޮތެއްކިޔަން އިން މޫމިނާ ބުނެލިއެވެ.
"ދާއިން މަންމާ، ކިހިނެއްތަ ހާލު، ޒާރާ ބުނި މިރޭ ފުރާވާހަކަވެސް" ފަލަކް މޫމިނާ އާއި ސަލާމްކޮއްލަމުން ބުނެލިއެވެ. ދޮރުކައިރީގައި ޒާރާ އާއިއެކު ފަލަކްގެ ދެރަޙުމަތްތެރިން މަޑުކޮއްލައިގެން ތިއްބެވެ. މާގިނައިރަކު މޫމިނާގެ ގާތުގައި އެމީހުން ނުތިއްބެވެ. އެމީހުން ނުކުތީ ބެލްކަންޏެވެ. އެތަނުގައި އެގެއަށް ވިޝާލްއަންނަންދެން ތިއްބެވެ. ވިޝާލްގެ ކާރު އެގޭ މަގަށް ވަނުމާއިއެކު ޒާރާ ފަލަކްއަށް އަންގާލައިފިއެވެ. އެމީހުން އަވަސް އަވަހަށް މަންހާގެ އެޕާޓްމެންޓަށް ދިއުމަށް ލިފްޓަށް އެރިއެވެ.
ދަރިފުޅު ނުނިދާއޮތެއްކަމަކު މަންހާ ނެހާ އޮތީ ކުޑައެނދުގައި ބާއްވާފައެވެ. އެކުއްޖާ އަމިއްލަ ދުނިޔެއެއްގައި ފޫހިކަމެއްނެތި އުޅެމުންދިޔައެވެ. މަންހާ އައިސް އެނދުގައި ހަމަޖެހިލައިގެން އިށީނދެ ޓީވީ ހުޅުވާލިއެވެ. އެހެންއިންދާ ކުއްލިއަކު މީހަކު އޭނަގެ ކޮޓަރި ދޮރުހުޅުވާލިއަޑަށް ބަލާލިއެވެ. ދޮރުމަތީ ހުރީ ޒާރާއެވެ.
"މަންހާ ދެކިލަން މީހަކު އައިސް އެބަހުރި" ޒާރާ ނުބައިގޮތަކަށް ބަލާލަމުން ބުނެލިއެވެ
"ކާކު.......ވިޝާލްތައް" މަންހާ އެނދުން ތެދުވަމުން ބުނެލިއެވެ. އަދި ބޭރަށް ނުކުތެވެ.
"ނޭގުނު ކޮންބައެއްކަމެއް" މަންހާ ހައިރާންވެފައި ޒާރާއަށް ބަލާލާފައި މަޑުމަޑުން ބުނެލިއެވެ.
"މީ އެމަންހާއަކީ، އެއީ އަހަރެންގެ ދޮންތަ، ދާއިންގެ ދެވަނަ އަންބި ބަލާލަން ބޭނުންވެގެން އުޅޭތީ މިއައީ ގޮވައިގެން" ޒާރާ ފޫހިގޮތަކަށް ބުނެލިއެވެ.
"ހެލޯ، ކިހިނެއްތަ، މީ މަންހާ، އިށިންނަންވީނު، އައިފަހަރު ސައިބޮއެގެންނު ދާންވާނީ، ނޫނީ ކޮފީ ހަދައިދެންތަ" މަންހާއަށް ޒަރާގެ ބޭނުމަކީ ކޮބައިކަން ނަގައިގަނެވުނެއްކަމަކު ހިނިތުންވެލާފައި ފަލަކްއަށް ބަލާލަމުން ބުނެލިއެވެ.
"އާން، އާދެވުނު ފަހަރު ދިންއެއްޗެއް ވެއްޖެއްޔާ ކައިގެން ބޮއެގެން ދާނީ، އަހަރުމެންނަށް ކޮފީ ގެނޭ" ފަލަކް ބުނެލިއެވެ. މަންހާ ބަދިގެ ފަރާތަށް ދިޔައެވެ. އަދި ހޫނުފެންކައްކާ ޖަގަށް ފެންއަޅާލުމަށްފަހު ކަރަންޓަށް ގުޅާލިއެވެ. އެވަގުތު ޒާރާ މަންހާގެ ކޮޓަރިއަށްވަތްތަން މަންހާއަށް ފެނުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ފަލަކް މަންހާގެ ފަހަތުން ގޮސް ކާމޭޒުގެ ގޮނޑިތަކުން ގޮނޑިއެއްގައި އޭނަގެ ރަޙުމަތްތެރިންނާއިއެކު އިށީނދެއްޖެއެވެ.
"މީގެކުރިން މިގޭގައި ކަންތައްކުރާނެ މީހުން ތިބޭ، ތިމާ އަމިއްލައަށް ނޯކަރަކަށް ވާކަށް ނުޖެހޭ، ޒަމާން ބަދަލުވީމަ ވާނީހެން، މިހާރުވެސް ޖާރިޔާއިން މީހުން ގެންގުޅެޔޭ ބުނާތީ އަޑުއަހަން، އެމީހުންނަކީ ކީއްކުރަން ގެންގުޅޭ ބައެއްކަން އެނގެއެއްނު ދޯ" މަލާމާތުގެ ރާގެއްގައި ފަލަކް ވާހަކަދައްކަމުންދިޔައެވެ. މަންހާގެ ހިތުގައި ޒާރާއަށް ދެވިފައިވާ ގަދަރުވެއްޔާމޮޑެވި ހިރަފުހަށްވެ ނިމިއްޖެއެވެ. އެހެންނަމަވެސް އޭނަގެ ދޫ އޭނަ ރައްކާތެރިކުރިއެވެ.
ބޭރުދޮރު ހުޅުވިހެން ހީވެގެން މަންހާ އެއްފަރާތަކަށް ޖެހިލިއިރު ވިޝާލް ވަދެގެން އަންނަނީއެވެ.
"ވިޝާލް..........." މަންހާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ. އެހެނީ އޭނަ އެއައީ ކޮންފަދަ ނުބައި ގަޑިއެއްގަހެއްޔެވެ.
"ކިހިނެއްވީ ބިޒީ ގަޑިއެއްތަ، އެހެންވީރު ދަނީ" ވިޝާލްއަށް މަންހާގެ ފަހަތުން ފެނުނު ފަލަކް އާއި އޭނަގެ ރަޙުމަތްތެރިން ފެނި ބުނެލެވުނެވެ.
"ތީތަ ވިޝާލްއަކީ، ވަރަށް ހެންޑްސަމް، ފެނިލުމުގެ ނަސީބުވެސް ލިބިއްޖެ" ފަލަކް ކުރިއަށް ޖެހިލަމުން ފުންނަޒަރަކުން ވިޝާލްއަށް ބަލާލިއެވެ. ވިޝާލް ހިނިތުންވެލީ މަންހާގެ ރަޙުމަތްތެރިންނޭ ހިތާއެވެ. އޭރު ޒާރާ މަންހާގެ ކޮޓަރިން ނުކުންނަނީއެވެ. އޭނަގެ އަތުގައި ނެހާ އޮތެވެ.
"ވިޝާލް........" ޒާރާވެސް ބުނެލިއެވެ. އަދި ފަލަކްއަށް ލޮލުން އިޝާރާތްކޮއްލީ އެތަނުން ދިއުމަށެވެ.
"އަހަރެން ދިއުމުގެ ކުރިން މަންހާ ހަނދާންނުނެތޭވަރުގެ ހަދިޔާއެއް ދީފަދާނީ......................." މިހެންބުނެ ފަލަކް އައިސްއަލަމާރީގެ ދޮރުފަތް ހުޅުވާލިއެވެ.
"ޗަސް" ދެންއިވުނީ ފަލަކްގެ އަތުގައި އޮތް ކުކުޅުބިސް މަންހާގެ ބޮލަށް ފަޅާލިއަޑެވެ. ނުވިސްނާހުރި މަންހާ ދިޔައީ ސިއްސައިގެންނެވެ. މަންހާއަށް ބަލާލެވުނީ ޓައިލްސް ތަކުގެ މައްޗަށް ބިސްތައްއެޅުނުތޯއެވެ. ނިތަށްރޫއަރުވާލަމުން ދެބުމަގޮއްޖަހާލި މަންހާ ފަލަކްއަށް ބަލާލުމަށްފަހު ދުއްވައިގައިތީ ކޮޓަރިތެރެއަށެވެ. ހައިރާންވެފައި މިވަނީ ކީއްކަން ނޭގިހުރި ވިޝާލްވެސް މަންހާގެ ފަހަތުންވަނީ ކޮޓަރިއަށެވެ. ޒާރާ އައިސް ވިޝާލްގެ އަތަށް ނެހާ ދީފައި އެތެރެއަށް އިޝާރާތްކޮއްލަމުން ކުޑައެނދުގައި ބޭއްވުމަށް ބުންޏެވެ. ވިޝާލް އެއްވެސް އެއްޗެއް ނުބުނެ ނެހާ އުރާލާފައި އެކުއްޖާގެ ކޮލުގައި ކޮއްޓާލިއެވެ. އަދި ކުޑައެނދުގައި ބޭއްވުމަށް ހިނގައިގަތެވެ.
ޒާރާމެން ދާކަމަށް ހަދާލާފައި ވިޝާލް ނެހާގެ ކޮޓަރިއަށް ވަނުމާއިއެކު މަންހާގެ ކޮޓަރީގެ ދޮރުކިރިޔާ ހުޅުވިފައި ހުންނަވަރަށް ދޮރުފަތާއި ގާތްކޮއްލައިގެން ކޮޓަރިތެރެއަށް ކަންފަތްދިއްކޮއްގެން ތިބިއެވެ. މަންހާވަނީ ފާހާއަށެވެ. އޭނަ ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިގަނޑުގައި ހަރުލާފައިވާ ބިސްތޮށިތައް ނައްޓަމުން ފާހާނާގައި ހުންނަ ޑަސްބިނަށް އަޅަމުން ދިޔައެވެ. އަދި ސިއްރުން މީހަކަށް އަޑުނީވޭނޭ ފަދަ ގޮތަކަށް ކުދިކިޔަމުންދިޔައެވެ. އަދި މަޑުމަޑުން އޭނައަށް ރޮވެންފެށުނެވެ. ލައިގެން ހުރި ދިގު ސްކާޓްވެސްވަނީ މުޅިން ހަރާބުވެފައެވެ. އެހެންވެ ސްކާރޓް ބާލާލުމަށްފަހު ލައިގެން ހުރި ކުރު ޓައިޓްކޮޅާއިއެކު ބިލިނގާއަށް އެރެން ދިޔައެވެ. އަދި ފެނުގެ ފިނިހޫނުމިން ހުރީ ކިހާވަރެއްގަތޯ ޗެކުކޮއްލަމުން ބިލިގާގެ ކައިރިއަށް ފައިޅާލިގޮތަށް މަންހާ ކައްސާލައިގެން ވެއްޓުނެވެ. ވެއްޓެމުންދިޔަ ވަގުތު ބޮލުގެ ފުއްކިބަޖެހުނީ ކޮންތާކުކަމެއް ނޭގެއެވެ. މަންހާއަށް ވަރަށް ބޮޑަށްތަދުވިއެވެ. ފަޅައިގެން ދިޔަހެންވެސް ހީވިއެވެ.
"މަންމާ................" ފާހާނާގެ ތެރެއިން މަންހާގެ ހަޅޭކުގެ އަޑުއިވުނެވެ. އޭރު ވިޝާލް ނެހާ ބާއްވާފައި ނުކުންނަނީއެވެ. ދޮރުކައިރީ ކަންފަތް ދިއްކޮގެން ތިބި ޒާރާ އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލިއެވެ. އަދި އެންމެންވެގެން ގޮސް ސިޓިންރޫމު ސޯފާގައި އިށީނެވެ. ވިޝާލް އަވަސް ހިނގުމުގައި ފާހާނާ އާއި ކައިރިވެލިއެވެ.
"މަންހާ...........މަންހާ.........ކިހިނެއްވީ، ދޮރުހުޅުވުބަލަ" ވިޝާލް މަންހާއަށް ގޮވަންފެށިއެވެ.
"އައްދޯއި، ވިޝާލް...........އަޅެ އަހަރެންގެ ބޯ.............އައްދޯއި...............ދޮރާހަމައަކަށް ނުދެވޭނެ، ވިޝާލް ދޮރުހުޅުވަބަލަ، އަހަރެންގެ ފައި...............ޕްލީޒް ދޮރުހުޅުވަބަލަ، ޒާރާ ކައިރީ ބުނެބަލަ" ފާހާނާތެރެއިން މަންހާ ރޯއަޑުއިވުނެވެ. އޭނައަށް ވިޝާލްގެ އަޑުއިވުމުން ރޮމުން ދޮރުހުޅުވުމަށް ބުންޏެވެ. އޭނަގެ ފައިގެ ކުޑަހުޅަށްވެސްވަނީ ތަދުވެފައެވެ.
"އެމީހުން އެދިޔައީ، ކޮބާ ފޯނު ދާއިންއަށް ގުޅަން.............." ވިޝާލް ކުރިއަށްވުރެވެސް ބޮޑަށް ދޮރާކައިރިވެލާފައި ބުނެލިއެވެ. އޭނަހުރީ ވަރަށް ކަންބޮޑުވެފައެވެ. މަންހާ ރޯއަޑުއިވުމުން އޭނައަށް ވަރަށްބޮޑު އަނިޔާއެއްވެއްޖެކަން ވިޝާލްއަށް ޔަގީންވިއެވެ.
"ޓީވީ އިން ފަރާތު ކަނުގައި ހުރި ކަބަޑުމަތީ ވަށިގަނޑެއް ހުންނާނެ، އޭގެތެރޭ ތަޅުދަނޑި ފައްޗެއް އޮންނާނެ" މަންހާ މިހެން ބުނެލުމާއިއެކު ވިޝާލްގެ ލޯ އެދިމާލަށް ހުއްޓިގެން ދިޔައެވެ. އޭނަ ތަޅުދަނޑުފަތި ހިފައިގެން އައިސް އޭގައި އޮތް ހަތަރު ތަޅުދަނޑިން ހުޅުވޭތޯ ބަލަމުންދަނިކޮށް އެއްތަޅުދަނޑި ތަޅަށް ފިޓުވިއެވެ. އަދި އަނބުރާލުމާއިއެކު ފާހާނާގެ ދޮރުހުޅުވިގެން ދިޔައެވެ. ވިޝާލް އަވަހަށް ފާހާނާގެ ތެރެއަށްވަނެވެ. އޭނައަށް ކުރުއަތްމައްޗަށް ގުޑިނުލެވިފައި އޮތް މަންހާފެނި ހުއްޓުންއެރިއެވެ. އޭނަގެ ހިތުގެ ލޭއަވަސްވެ ޖަޒުބާތުގެ ވިންދުޖަހާލިއެވެ. މަންހާގެ ދޮންދޮން ދެފައިގެ ބޮޑުބައެއް ހާމަކަމާއިއެކު ފެންނަން އޮތުމުން ނޭވާ އަވަސްވާ ގޮތްވީއެވެ. ނުބަލަން ހުރިކަމުގައި ވިޔަސް އޭނައަށް ބެލެނީއެވެ. މަންހާ ވިޝާލްއަށް ގޮވާލިއެވެ. އެހާލުގައި އޮއްވާ އޭނަ ވިޝާލްއަށް ފެނުމުން ލަދުވެސްގަތެވެ. ވިޝާލް ވަށައިގެން ހޯދާލުމަށްފަހު އެއްފަރާތުގައި އަޅުވާލާފައި ހުރި ތުވާއްޔެއްނަގާ މަންހާގެ އުނަގަނޑުން ތިރީގައި އޮޅާލިއެވެ. އޭގެ ސަބަބުންވެސް މަންހާގެ ފައިގެ ބޮޑުބައެއް ނިވާވެގެންދިޔައެވެ.
"ޕްލީޒް ވިޝާލް ބަލައިގެން.........." ވިޝާލް މަންހާ އުފުލާލަން އުޅުނުވަގުތު ބުނެލެވުނެވެ. ވިޝާލް ވަރަށް ބަލައިގެން މަންހާ އުފުލާލިއެވެ.
ދާއިންގެ އޮފީހުން ޒައުލް ދިޔަތާ ގަޑިއެއްހާއިރުފަހެވެ. އޭނަ މަސައްކަތަށް އެނބުރި ދިއުމަށް ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައިވަނީ އެހެން ފިކުރެކެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ގޮނޑިއަށް ހަށިގަނޑު ދޫކޮއްލައިގެން ދާއިންއަށް އެތަށް އިރަކު އިނދެވުނެވެ. ފަހެއްޖެހިކަންވެސް އެނގުނީ އޭނަގެ ފޯނަށް މެސެޖެއް އައީމައެވެ. އާމުކޮށް މެސެޖުކުރާނީ މަންހާއަށް ވާތީ ވަރަށް އުފަލުން ދާއިން މެސެޖުހުޅުވާލިއެވެ. އެއީ ޒާރާގެ މެސެޖެކެވެ. އެމެސެޖުގައި ވަރަށް އަވަހަށް މަންހާގެ އެޕާޓްމެންޓަށް އައުމަށް އެދިފައިވެއެވެ.
"ހެލޯ، ކީއްކުރަން މަންހާގެ އެޕާޓްމެންޓަށް ދާންވީ، ޒާރާ ޕްލީޒް، މިހާރު ދެން މާގިނައިން މަންހާގެ ވާހަކަ ޒާރާ ދައްކަނީ" ދާއިން ހިތްހަމަނުހިފައި ބުނެލިއެވެ.
"ދާއިންއަށް ރަނގަޅު މަންޒަރެއް ދައްކަންވެގެންނޭ އަންނާށޭ ބުނީ، ބުނީމެއްނު އަހަންނަށް ސާބިތުކުރެވިދާނެހޭ، މިހާރު އެދެމީހުން އެތިބީ ކޮޓަރިތެރޭ، ދޮރުވެސް ތަޅުލައިގެން.........ދާއިން ގަބޫލުކުރަން ބޭނުންނުވާނަމަ ނަޔަސް އަހަންނަށް އެންމެ ރަނގަޅު، އަހަރެން ބުނީމެއްނު ދާއިންއަށް ބަލަން ކެރޭނެހޭ އެމަންޒަރުތައް" ޒާރާ ބުނެލިއެވެ. އެވާހަކަތައް އަޑުއަހަން ހުރި ދާއިންއަށް ހީވީ ކަންފަތްބުޑުގައި ބާރު ބޮމެއްގޮވިހެނެވެ. ހިތްތެޅިގަތީ ތިޔަހެނެއްނޫނެވެ. އެއީ ތެދެއްތޯ ބަލަން ބޭނުންވިވަރުން އޮފީސް ތަޅުވެސްނުލާ ރާސްއަޅާފައި އެދިޔަގޮތަށް ގޮސް ލިފްޓަށް އަރައިފިއެވެ. ފޯނު ކަނޑާލީ ޒާރާ އާއި އިތުރު އެއްވެސް ވާހަކައެއް ދެއްކުމެއްނެތިއެވެ. އެވަގުތު ދާއިންއަށް ބުނެދޭންނޭގޭ ގޮތްތަކެއްވެގެންދިޔަކަން ކަށަވަރެވެ.
"އެއީ ދޮގަކަށްވާނެނަމަ، ޒާރާއަށް ހީވާ ހީވުމަކަށްވާނެނަމަ.........އެފަދަ ބޮޑުކަމެއް މަންހާ ކޮއްފާނެތަ، ނޯ ނޯ މަންހާ، އަހަރެން ލަދުގަނެ ބަދުނާމުވާވަރުގެ ކަމެއް ނުކުރައްޗޭ..........." ލިފްޓުގައި ހުރި ދާއިން އަމިއްލަ ނަފްސާ ހިތާ ހިތުން ވާހަކަދައްކަމުންދިޔައެވެ.
މަންހާގެ އެޕާޓްމެންޓަށް ދާއިންއަށް ވަދެވުނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ސޯފާގައި އިން ޒާރާ އާއިއެކު ފަލަކް އާއި އޭނަގެ ރަޙުމަތްތެރިންވެސް ތެދުވިއެވެ. ދާއިންއަށް އެތަނުން ފަލަކު ފެނުމުން އަދިވަކިން ހާސްވެ ކަންބޮޑުވިއެވެ. މިހުރިހާ ކަމެއް މިވަނީ އޭނަވެސް ހުއްޓަބާއޭ ހިތަށްއެރިއެވެ. ޒާރާ އެއްޗެއް ބުނަން އަނގަހުޅުވާލިތަނާހެން ދާއިން އަވަސް ފިޔަވަޅުގައި މަންހާގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. ދޮރުގެ ތަޅުގައި ހިފާލިއިރު ޒާރާ ފޯނުން ބުނިގެން ކޮޓަރި ހުރީ ތަޅުލާފައެވެ. ވަގުތުން ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގާ ތަޅުހުޅުވަން އުޅުނެވެ. އޭނަގެ އަތްވެސް ތުރުތުރުލާހެން ހީވެއެވެ. ދާއިންގެ ފަހަތުގައި ޒާރާ ހުރިއިރު އޭނައަށް ދާއިންގެ ހާސްކަންކިތަންމެ ރަނގަޅަށްވެސް ފާހަގަކުރެވުނެވެ.
"ނޫން ވިޝާލް، އެނދުގައެއްނޫން، މިތަން އޯކޭ" ވިޝާލްގެ އަތުގެތެރޭގައި އޮތް މަންހާ އެނދާދިމާލަށް ގެންދަން ފެށުމުންބުނެލިއެވެ.
"ޑްރެސިން ޓޭބަލް މަތީ އޮތް އަހަރެންގެ ފޯނު ގެނެސްދެއްޗޭ" ވިޝާލް ކުޑަކަކޫޖަހާލަމުން މަޑުމަޑުން މަންހާ ޓައިލްސްތަކުގެ މަތީ ބައިންދާލުމަށް އުޅުނު ވަގުތު ބުނެލިއެވެ. އަދި އޭނަގެ ބޮލަށްވުރެ ފަޔަށްވާތަދު ބޮޑުކަމުން ވިޝާލްގެ ކަރުގައި އަޅުވާލެވިފައިވާ އަތުން ކުރިއަށްވުރެވެސް ބާރަށް ވިޝާލްގެ ކަނދުރާގައި ހިފަހައްޓާލަމުން ދެލޯމަރާލެވުނެވެ.
"މިއަދު ބަޔަކު އަންނަކަން އެނގޭއިރުވެސް އަހަރެންކައިރީ އަންނާށޭ ބުނީ އެމީހުންނަށް އަހަރެން ދައްކަންތަ" ވިޝާލްވެސް އޭނަގެ ހިތުގައި އުފެދުނު ސުވާލެއްކޮއްލިއެވެ.
"އަހަރެން ކޮންއިރަކު ވިޝާލް ކައިރީ އަންނާށޭ ބުނީ، ވިޝާލް އަމިއްލައަކަށްނު ތިއައީ" މަންހާ ހައިރާންވެފައިބުނެލިއެވެ.
"އެހެންނުވާނެ، އަހަރެންގެ ފޯނުގަ އަދިވެސް އެމެސެޖު އެބައިން، މަންހާގެ ނަންބަރުން މެސެޖުކުރީވެސް، މިއަދު ބައްދަލުކޮއްލަން ބޭނުމޭ ކިޔާފަ، އަހަރެން ހުރީ ހަމަހޭގައޭ.........." ވިޝާލްގެ ވާހަކަ ފުރިހަމަ ނުކުރެވެނިސް ކުއްލިއަކަށް އެކޮޓަރީގެ ދޮރުހުޅުވިގެންދިޔައެވެ. ދެން ފެނުނީ ހާސްވެފައިހުރި ދާއިން އެކޮޓަރިތެރެއަށް ވަތްތަނެވެ. އޭނަގެ ފަހަތުން ޒާރާއެވެ. ޒާރާގެ ފަހަތުން ފަލަކްއާއި އޭނަގެ ދެރަޙުމަތްތެރިންނެވެ.
"މަން..........." ވައިއަޑަކުން ދާއިންގެ ދުލުން ކިޔާލެވުނެވެ. ހީވީ މުޅި މީހާ ގަނޑުވިހެންނެވެ. ތުވާލިއޮޅާލައިގެން އޮތް މަންހާގެ ދާދިގާތުގައި މަންހާއާއި ދިމާލަށް ގުދުވެލައިގެން އޮތް ވިޝާލްއަށް އޭނަ ފެނުނެވެ. އަދި ދާއިން ފެނުމުން ވިޝާލް ތެދުވިގޮތްވެސް އޭނައަށް ފެނުނެވެ.
(ނުނިމޭ)