ހަބަރު

ލޯޔަރު ވައްޑެ ހައްޔަރުކޮށް، ބަންދު ކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައެއްގައި އެމަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހައްޔަރުކޮށް، ބަންދު ކުރީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

އެމައްސަލައާއި ގުޅިގެން ވައްޑެގެ އިތުރުން، އޭރުގެ އިދިކޮޅު އިތުރު މެމްބަރުންތަކެއްވެސް ހައްޔަރުކޮށް، ޖަލަށްލި އެވެ. އެ މެންބަރުން ހައްޔަރުކުރީ، ސްޕުރީމްކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމާފައިވަނިކޮށް، މަޖިލީހަށް ވަތް މައްސަލާގަ އެވެ. ވައްޑެ ހިމެނޭ ގޮތަށް އެމައްސަލައިގައި އިތުރު މެމްބަރުންތަކެއްގެ މައްޗަށް ދައުވާވެސް އުފުލި އެވެ.

އެމައްސަލައާއި ގުޅިިގެން އޭރު ވައްޑެ ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް، އޭނާ ހައްޔަރު ކުރުމުގެ އަމުރު ކޯޓުން ހޯދާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ނޫން ކަމަށާއި، އެހެން ކަމުން އޭނާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ކަމަށާއި، ވައްޑެގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ނިންމި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ވަނިކޮށް، އޭނާ ހައްޔަރު ކުރުމުގައި ޕީޖީގެ ބަހެއް ނުހޯދުމަކީ މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.