ހަބަރު

ޝަހީބާއި ޒައިނާ ބްރޯޑްކޮމުން ވަކި ކުރަން ނިންމައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް ފާތިމަތު ޒޭނާ މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބާއި ޒައިނާ ވަކިކުރަން ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ.

އެ ހުށަހެޅުއްވުމާ އެއް ގޮތަށް ބްރޯޑްކޮމްގެ މެންބަރު ކަމުން އެ ދެ ބޭފުޅުން ވަކިކުރަން ކޮމިޓީން ނިންމީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ނިންމި ނަމަވެސް އެ ދެ ބޭފުޅުން މެންބަރު ކަމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކޮށްފިނަމަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބާއި ޒައިނާ ވަކިިކުރަން ކޮމިޓީން މިއަދު ނިންމިއިރު، ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

ކޮމިޝަންގައި ބާކީ ތިއްބެވީ ތިން މެންބަރުންނެވެ. އެއީ މެންބަރު ޒީނާ ޒަހީރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު، އަދި މެންބަރު އަމްޖަދު ވަހީދެވެ. އެ ތިން މެންބަރުންގެ ތެރެއިން ޒީނާ ފިޔަވައި އެހެން މެންބަރުން ވެސް ވަނީ ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނި ގޮތުގައި ޒިނާ ހާޒިރުކުރެވިފައި ނުވަނީ އޭނާ ވިހެއުމާ ގުޅިގެން މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ. އެހެންކަމުން މެންބަރު ޒިނާއާއި އެހެން މެންބަރުންނާ މެދު ކޮމިޓީން ގޮތެއް ނިންމާނީ މެންބަރު ޒީނާ ހާޒިރުކޮށް އޭނާގެ މައްސަލަ ބެލުމަށް ފަހުގަ އެވެ. އެނގިފައިވާ ގޮތުގައި ޒީނާގެ ޗުއްޓީ އަންނަ މަހުގެ 14 ވަނަ ދުވަހަށް ހަމަވާނެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރުން ވަނީ ކުރިން އޮތް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން އިންސާފުން ބޭރުން ވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން ނިންމުންތައް ނިންމާފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އެ ކަމާ ގުޅިގެން ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. ސަބް ކޮމިޓީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޓީގެ މުގައްރިރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.