ކުޅިވަރު

200 މީޓަރުން ސާއިދު މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރުގެ ފައިނަލުން ތިން ވަނަ ހޯދައި، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ސާއިދު ރޭސް ނިންމީ، ފައިނަލުގެ ޖާގަ ހޯދަން އޭނާ ރޭސް ނިންމި ވަރަށް ވުރެ އަވަހަށެވެ. ފައިނަލުގައި ސާއިދު ރޭސް ނިންމީ، 22.10 ސިކުންތުންނެވެ.

ފައިނަލުގެ ޖާގަ ހޯދަން ދުވި އިވެންޓްގައި އޭނާ ރޭސް ނިންމީ 22.28 ސިކުންތުންނެވެ. ރަން މެޑަލް ހޯދީ މޮރިޝަސްގެ ޖޮނަތަން ބާޑްޓަރީ އެވެ. އޭނާ ރޭސް ނިންމީ، 21.78 ސިކުންތުން ންނެވެ. ރިހި މެޑަލް ހާސިލު ކުރީ 22.09 ސިކުންތުން ރޭސް ނިންމި، ޝީޝެލްސްގެ ޝެރީ ޑޮޑިން އެވެ.

ސާއިދު އާއި ރިހި މެޑަލް ހޯދި ޑޮޑިން އާ ދެމެދު ޕޮއިންޓް ސިކުންތުގެ ފަރަގެއް އުޅޭތީ، ސުވާލު އުފެދުމުން ޝަކުވާ ހުށަހެޅި އެވެ. ފޮޓޯ ފިނިޝިންއިން ބެލުމުންވެސް ސާއިދު ރޭސް ނިންމާފައިވަނީ ތިން ވަނައަށް ކަން ޔަގީ ކުރެވުނެވެ.

ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި ގޭމްސްގައި ސާއިދު ވަނީ 200 މީޓަރުގެ އިވެންޓުން ރިހި މެޑަލް ހޯދާފަ އެވެ.

މިއީ، މިއަހަރުގެ ގޭމްސްގައި އެތުލެޓިކްސް އިން ހޯދި ފުރަތަމަ މެޑަލް އެވެ. މި މެޑަލްއާއެކު ރާއްޖެއިން ވަނީ މިހާތަނަށް ހަތް މެޑަލް ހާސިލު ކޮށްފަ އެވެ.