ކުޅިވަރު

ޓީޓީ ޑަބަލްސްގެ ރަން އަދި ރިހި މެޑަލް ވެސް ރާއްޖެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ފައިނަލަށް ރާއްޖޭގެ ދެ ޕެއާ ދަތުރު ކުރުމާއެކު ރަން އަދި ރިހި މެޑަލް ވެސް ވެސް ރާއްޖެއަށް ކަށަވަރުވެއްޖެ އެވެ.

ފައިނަލުގައި އެއް ކޮޅުން ވާދަ ކުރާނީ، ޓީޓީގެ ޓީމު އިވެންޓުން ރަން މެޑަލް ހޯދި ގައުމީ އަންހެން ޓީމުގެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ، ފާތިމަތު ޖުމާނާ ނިމާލް އާއި މުއިނާ މުހައްމަދެވެ. މުއިނާ އާއި ޖުމާނާ ފައިނަލަށް ދަތުރު ކުރީ މަޑަގަސްކަރަ ސީދާ ހަތަރު ސެޓުން ބަލި ކޮށްގެންނެވެ.

އެ ދެކުޅުންތެރިންނާ ވާދަ ކުރާނީ، ޓީމު އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންކަމަށްވާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އެވެ.

ދީމާ އާއި ރަފާގެ ޕެއާ ފައިނަލަށް ދަތުރު ކުރީ، މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ މައްޗަށް 4-3 ން ކާމިޔާބު ހޯދައިގެންނެވެ.

މޮރިޝަސްގެ ޕެއާ އާ ދެކޮޅަށް ކުޅުނު ރަފާ އާއި ދީމާގެ ޕެއާ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުން އެ ކުޅުންތެރިން ބަލިވީ، 2-11 އަދި 9-11 އިންނެވެ. އެހެންނަމަވެސް ތިން ވަނަ ސެޓް ކާމިޔާބު ކޮށް އަލުން ކުޅުމުގެ ތެރެއަށް އައެވެ. ދެން އައި ތިން ސެޓުންވެސް އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 11-7، 16-14އަދި 12-10 ންނެވެ.

ދެން ޖެހިގެން އައި ސެޓް ރާއްޖެއަށް ކާމިޔާބު ކޮށްގެން ފަސޭހަ ކަމާއެކު ފައިނަލު ޖާގަ ޔަގީން ކުރެވެން އޮތް ނަމަވެސް ދީމާ އާއި ރަފާ ސެޓުން ބަލިވީ 7-11 އިންނެވެ. މެޗުގެ ނަތީޖާ އެއްވަރުވެ، ފައިނަލު ނަތީޖާ ނެރެން ކުޅުނު ޑިސައިޑިން ސެޓް، އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 11-6 ންނެވެ.

ސެމީ ފައިނަލުގައި މަޑަގަސްކަރަ އާ ދެކޮޅަށް ޖުމާނާ އާއި މުއިނާގެ ޕެއާ ސެޓްތައް ކާމިޔާބު ކުރީ، 11-5، 11-8، 11-7 އަދި 12-10 ންނެވެ. ފައިނަލު ކުޑަ ވަގުތު ކޮޅެއްގައި ފެށިގެންދާނެ އެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.