ހަބަރު

ދިއްގަރު ބެލެނިވެރިންގެ ޝަކުވާއަކަށް ނިމުން!

Jul 25, 2019
1

މި ހާތަނަށް ދިއްގަރު ސްކޫލުގެ ބެލެނިވެރިން ސްކޫލް ދޮށަށް ކުދިން ބަލައި އަދި ކުދިން ގޮވައިގެން ގޮސް ތިބެން ޖެހެނީ އަވި ދޭ ނަމަ އަވީގައި ކޮޅަށެވެ. އެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. އެކަމަށް ހައްލު ގެނެސްދޭނެ އިސްނެގުމެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް މ. ދިއްގަރުގެ ޖަމިއްޔާއެއް ކަމަށްވާ ޓީއެފްއެމް ސްޕޯޓްސް އިން ގައުމީ ބޭންކާ ގުޅިގެން ބެލެނިވެރިންގެ މި ދަތިކަމަށް ވަނީ ނިމުން ގެނެސްދީފަ އެވެ. ބީއެމްއެލް ކޮމިއުނީޓީ ފަންޑުން އެހީ ހޯދައި އެ ރަށު ސްކޫލު ދޮށުގައި ބެލެނިވެރިން ތިބެން ހާއްސަ ސަރަހައްދެއް ވަނީ ހަދައިދީފަ އެވެ.

"ދިއްގަރު ހިޔާ" ހެދި ޓީއެފްއެމް ސްޕޯޓްސް ޖަމިއްޔާގެ އެކްސްޕޯ މެންބަރު މުހައްމަދު ނަދީމް ވިދާޅުވި އެވެ: "ބެލެނިވެރިން ޝަކުވާ ކުރޭ ސްކޫލް ދޮށަށް ގޮސް އަވީގަ ކޮޅަށް ތިބެން ޖެހޭތީ. ބުނޭ މި ތަނުގަ ތަނެއް ހަދައިދޭނެ ބަޔަކު ވެސް މި ރަށުގަ ނެތީހޭ. ތިބެން ޖެހެނީ ކޮޅަށޭ،"

ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ދިއްގަރުގައި ހަދާފައިވާ "ދިއްގަރުހިޔާ" ގައި ބެންޗްތަކާއެކު ހަ ހަޓެއް ހުރެ އެވެ. މީގެ އިތުރުން ޓީއެފްއެމް ޖަމިއްޔާ އިން ދަނީ އެ ރަށުގެ ޕްރީސްކޫލަށް ދާ ކުދިންނާއި ބެލެނިވެރިން ހާއްސަކޮށް މަޑުކޮށް ލާނެ ސަރަހައްދެއް ވެސް ހަދަން ފަށާފަ އެވެ.

ނަދީމް ވިދާޅުވީ ބޭންކުގެ މި އެހީގެ ސަބަބުން ރަށުގެ ބެލެނިވެރިން ވަރަށް ލުޔެއް ލިބިގެންދާ ކަމަށާ، މި މަސައްކަތް ފެށުމުން ވެސް އެވާހަކަ ދައްކާ ކަމަށެވެ.

"މި ތަން މިއަދު އިންސްޓޯލްކޮށް ނިމޭނީ. ތަން ހަދަން ފެށީމަ ބެލެނިވެރިން އައިސް ބުނޭ ތިއީ ކޮން ކަމެއްހޭ. މިއީ މަޑުކޮށްލައިގެން ތިބެވޭނެ ތަނެކޭ ބުނީމަ ބުނޭ ތިއީ ކޮންމެހެން ވެސް މި ރަށަށް ބޭނުން ތަނެކޭ،" ނަދީމް ބުންޏެވެ.

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުން މިދިޔަ އަހަރު ވެސް ވަނީ 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ. މި އަހަރު ވަނީ ކޮމިއުނިޓީ ފަންޑުން އެހީ ދިނުމަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މި ބަދަލާއެކު، އިއުލާނު ކުރުމުން ހޮވޭ ފަސް މަޝްރޫއަކަށް އެހީދެ އެވެ. ކޮންމެ މަޝްރޫއަކަށް ބައިލައްކަ ރުފިޔާގެ އެހީދޭނެ އެވެ. މި އެހީގެ ދަށުން މި އަހަރުގެ މިހާތަނަށް އާއްމު ރައްޔިތުންނާ ގުޅިގެންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.