ދިއްގަރު

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 1،000 އަކަފޫޓެވެ. އެޕާޓްމަންޓްގައި ހިމެނޭނީ ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއަށް ހަރަދުކުރަނީ ދިވެހި ސަރުކާރުގެ މި އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުންނެވެ.

މި މަޝްރޫއުގެ އަގަކީ 117.9 މިލިއަން ރުފިޔާ އެވެ. މަސައްކަތުގެ މުއްދަތަކީ 420 ދުވަހެވެ.