ސަރުކާރުން އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަސައްކަތް ނުވަ ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މ. ވޭވަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރުން ހިންގާ ކޮންމެެ މަޝްރޫއެއްގައި ވެސް އިސް ދައުރެއް އަދާކުރަނީ އެމްޓީސީސީން ކަމަށެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫތަކެއް މިހާ ހިސާބަށްވެސް ނިމިފައިވާ ކަމަށާއި އަދިވެސް ގިނަ މަޝްރޫއުތަކެއްފެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެމަސައްކަތްތައް ސަރުކާރުން ދީފައިވާ ތާވަލާ އެއްގޮތަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"މިސަރުކާރުން ހިންގަވާ ތަރައްގީގެ ބޮޑު ދައުރެއް އަދާ ކުރާ ކުންފުންޏަކީ އެމްޓީސީސީ. ރާއްޖޭގެ އެއްވެސް ރަށެއް ދޫނުކުރައްވާ މުޅި ގައުމަށް އަމާޒު ކޮށްގެން މިހާތަނަށް ހިންގެވި ގިނަ މަޝްރޫތަކެއް މިހާރު ވަނީ ނިމިފައި. މިވަގުތު ހަމަ އެހާމެ ގިނަ މަޝްރޫތަކެއް މިގެންދަނީ ތާވަލުކޮށް އެގޮތަށް ނިންމަމުން. މިހާތަނަށް އެމްޓީސީސީއަށް ހަވާލު ކުރެވުނު މަސައްކަތުގެ އަދަދުވެސް 9 ބިލިއަން ރުފިޔާއަށް އަރާ." އާޒިމް ވިދާޅުވި އެވެ.
ވޭވަށުގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. ދައުލަތުގެ ބަޖެޓުން 51 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިބަނދަރަކީ 800 ފޫޓް ދިގު ބަނދަރެކެވެ. ބަނދަރު ހަދާފައިވަނީ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ވެސް ކައިރި ކުރެވޭ ގޮތަށް އަދި ބަނދަރުގެ ޕޭވްމަންޓް ވެސް ހިމަނައިގެންނެވެ. ބަނދަރު ސަރަހައްދަށް އަލި ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ވޭވަށުގެ ބަނދަރު ނިމުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ މިއަދަކީ ވޭވަށުގެ ރައްޔިތުންނަށް އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.
"ވޭވަށުގެ ބަނދަރު ހެދުމާ އެކު ރައްޔިތުން ތަހައްމަލް ކުރަމުން ދިޔަ އެތައްް ދުވަހެއްގެ ދަތި އުދަނގޫތަކަށް މިވަނީ ހައްލު ލިބިގެން ގޮސްފައި،" އާޒިމް ވިދާޅުވި އެވެ.
ވޭވަށަކީ މަސްވެރިކަމަށް މަޝްހޫރު ރަށެއް ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ވޭވަށުގެ ބަނދަރު މިއަދު ރަސްމީކޮށް ހުޅުވުމާ އެކު ރައްޔިތުން ކުރަމުން ދިޔަ މަސްވެރިކަމުގެ މަސައްކަތްތަކަށް ވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ވޭވަށަށް އެވްރެޖުކޮށް ދުވާލަކު
25 ޓަަނުގެ މަސް ކިރާ ކަމަށާއި އަލަށް ހުޅުވި ބަނދަރާ އެކު އެ މަސައްކަތް ވަރަށް ބޮޑަށް ރައްޔިތުންނަށް ފުޅާކުރެވިގެން ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
މ. އަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މުލި އެއާޕޯޓާ ގުޅޭގޮތުންވެސް އާޒިމް މިއަދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ އަންނަ އަހަރު މެދުތެރޭގައި މުލި އެއާޕޯޓް ހުޅުވާ ހިދުމަތް ދޭނެ ކަމަށެވެ.