އަހުމަދު ނާޒިމް

ޕީއެންސީގެ ޓިކެޓްގައި ނާޒިމު ދިއްގަރު ދާއިރާއަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމު ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގެ ދިއްގަރު ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ޕީއެންސީގެ ޓިކެޓްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ނާޒިމު ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމާއެކު މަސައްކަތް ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމު ހައްޔަރުކޮށް 2015 ވަނަ އަހަރު އުމުރަށް ޖަލަށްލީ މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރުއީ ހުރިހާ މަރުހަލާއަކުން ސާބިތުވުމުންނެވެ.

ނަމަވެސް ހުކުމް އަލުން މުރާޖައާކުރުމަށް ނާޒިމު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގައި ވަނީ ނާޒިމު މިނިވަންކުރަން އަމުުރުކޮށްފަ އެވެ.

ރައީސް ޔާމީން އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ނާޒިމަށް ހުކުމްކޮށް އޭނާ ޖަލަށްލުމާ ގުޅިގެން އޭރު ހުންނެވި މަޖިލީހުގެ ގޮނޑިވެސް ގެއްލިފައިވެ އެވެ.