ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ކާމިޔާބީ ފާހަގަކުރަން ޕީއެންސީގެ ޖަލްސާއެއް މިރޭ

މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

"ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ" ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީން މިހާތަނަށް 67 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން އެންޑޯޒްކުރި ބައެއް ކެންޑިޑޭޓުންވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުހައްމަދު ވަނީ ދ. މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އިންތިހާބުގައި ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާތީ އެ ދާއިރާތަކަށް ޕީއެންސީން އެއްވެސް ކެންޑިޑޭޓަކު ނެރެފައިނުވެ އެވެ.