(23 ޖުލައި 2019 އާ ގުޅޭ)
ބަޚުރު އަޖައިބުތަކުން އަޖައިބެއް އީޝަލްގެ ފުށުން ފާޅުވާންވީ ސަބަބަކާމެދު ރައުލް ސުވާލު އުފެދުނެވެ. އެންމެން ބަލަބަލާ ތިއްބާ ކުއްލިއަކަށް އީޝަލްގެ ވަރަފަތް އޭނާ ފޮރުވާލައިފިއެވެ. އަދި އެމީހުން އެހިސާބަށް އުފުލައިދިން ކަނޑު ބޭރިއަށް ގޮވާލައިފިއެވެ. ގިނައިރެއްނުވެ އަނދިރިކަމުގެ ތެރެއިން އެ ސޮރު ތިލަވާތަން ފެނުނެވެ.
ރަށްބޭރަށް އީޝަލްއާއި އޭނާގެ އަހުލުން ބޭލުމަށްފަހު ބޭރި އެ ސޮރު އައި ދިމާއަށް އަނބުރާލައިފިއެވެ. އެންމެންގެ މިސްރާބު ހުރީ ރަށަށް އެރުމަށެވެ. ފުރަތަމަ އެރީ އީޝަލްއެވެ. ހިކި ފަހަށް އެރުމާއެކު އީޝަލްގެ ކަނާއަތް އޭނާ އުފުލާލިއެވެ. އެއާއެކު އެ އަތުގައި ކަޅު ދެއްޔަކުން ލިޔެފިފައި ހުރި އަކުރުތައް ފިލައި އަތުކުރީގައި އޮތް ރަން އުޅާ ވެސް ގެއްލިއްޖެއެވެ. ހަށިފުރާ ދިގު ނޭވާއެއް އޭނާ ލިއެވެ. އަދި ގާތުގައި އޭނާއަށް ބަލަން ތިބި ޔޫރާއާއި ވައިސިންނީއަށް ބަލާލަމުން ޝުކުރުއަދާކުރިއެވެ. އެއާއެކު އެ ދެމީހުންނަށް ވެސް ބަލާލެވުނީ އެކަކުއަނެކަކަށެވެ. އެމީހުންގެ ބާރަކީ އީޝަލްގެ އެއްޗަކަށްވާއިރު އެކަމާ އޭނާ ޝުކުރުއަދާކުރުމުން އެމީހުންނަށް ތަފާތު އިޙްސާސެއް ކުރެވުނީއެވެ. ހަޤީޤަތަކީ އީޝަލްގެ އަމުރަށް ކިޔަމަންވާން ޖެހޭ އަޅުންތަކަކަށް އެމީހުންވާކަމެވެ. އެހެންނަމަވެސް އީޝަލްގެ ޢަމަލުތައް ތަފާތެވެ. އޭނާ އެމީހުންނަށް އަމުރުކުރުމުގެ ބަދަލުގައި މަދަދަށް އެދުނީއެވެ. ގާތް ބަޔަކު ފަރާތުން އެދޭ ފަދައިންނެވެ. ވައިސިންނީއާއި ޔޫރާގެ ހިތުގައި އީޝަލްއަށް ޚާއްޞަ ޤަދަރެއް ދެވިފައިވަނީ އެހެންވެއެވެ.
ދިޔަރެސް ފަށަށް އާދެވުމާއެކު ރައުލްގެ ހަށިގަނޑުން ލުގަލްބަންދާ ނުކުމެއްޖެއެވެ. އެއާއެކު ދެމީހުންގެ ސިފަ ވެސް އިހު ހުންނަހެން ބަދަލުވެއްޖެއެވެ. ފަސްގަނޑުމައްޗަށް ވެއްޓުނު ރައުލްއަށް ކޮޅަށް ތެދުވަން ވަގުތުކޮޅެއް ނެގިއެވެ. އޭނާގެ ގާތަށް ދާރިއުސް ގާތްވެލައި ރައުލްއަށް އެހީތެރިވިއެވެ.
"މަންމަ..." ރައުލް އަހާލިއެވެ. އެއާއެކު ދާރިއުސް ބޯޖަހާލިއެވެ. އަދި ހަތޯރާއި ސޭމެސްއާއެކު އަރައިގެން އަންނަ މަދުރާ ދައްކާލިއެވެ. ރައުލްގެ ލޯ ދެން ހޯދާލީ އީޝަލް ކޮބާތޯއެވެ. އައިޒަންއާއި މީކާޢިލްގެ ގާތުގައި އީޝަލް ހުއްޓައި ރައުލްއަށް ފެނުނެވެ. އޭނާ އީޝަލްގެ ގާތަށް އައުމަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ހިފެހެއްޓީ ޒިޔަޒެލްއެވެ.
"އަހަރެންނާއެކު އާދޭ، ކަލެއަށް ލިބިފައިވާ ޒަޚަމްގެ ވާހަކަ ސިއްތާ އަހަރެންނަށް ކިޔައިދީފި، ތާހިރުވެ ހެދުން ބަދަލުކޮށްގެން ނުކުމެ އެންމެންނާ ބައްދަލުކުރާނީ" ޒިޔަޒެލް ބުންޏެވެ. ރައުލްގެ ހިތް އެދެނީ ފުރަތަމަ ވެސް އީޝަލްއާ ބައްދަލުކުރުމަށެވެ. އެހެންނަމަވެސް ރައުލް ކެތްތެރިވިއެވެ. ދެކޮޅު ހެދުމެއްނެތި ޒިޔަޒެލްއާއެކު އޭނާ ދިޔައީއެވެ.
ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރާތަނެއް ނުފެނެއެވެ. އެހެންނަމަވެސް މުސީބާތަކުން ސަލާމަތްވީތީ އެކަމާ އެންމެން ވެސް ތިބީ ޝުކުރުވެރިވެ ހިތްހަމަޖެހިފައެވެ. ބޭރީތާ ކުރިމަތިލުން ހިނގަމުންދިޔައިރު އެންމެންނަށް ވެސް ކުރި ލިބޭނީ ކޮންބަޔަކަކަށް އެނގިއްޖެއެވެ. އީޝަލްއާ ކުރިމަތިލެވޭ ވަރު ބަޔަކު އެތަނުގައި ނެތީއެވެ. ހުރިހާކަމެއް ނިމިގެންދިޔައީ ހީކުރި ވަރަށްވުރެ އަވަހަށެވެ. ފަތިސް ވުމުގެ ކުރީން ހުރިހާކަމެއް ނިމި އެނބުރި ރަށަށް އެންމެންނަށް އާދެވުނީ އެހެންވެއެވެ.
ފަތިސް ނަމާދުގެ ވަގުތު އުއްމު ޒޮރައިދާގެ ޖަނާޒާ ކުރިއަށް ދިޔައެވެ. އޭނާއާ ވަދާޢުކިޔުމުގައި އިކަރޯސް ވެސް ނުހަނު ގާތުގައި ހުއްޓެވެ. އެއީ ޒޮރައިދާގެ ސަބަބުން އަލިކަން ލިބުނު ނަފްސެކެވެ. ޒޮރައިދާގެ މައްޗަށް އޭނާ ކަރުނައެޅިއެވެ. އޭނާގެ އެންމެ ގާތުގައި ހުއްޓިލައިގެން ހުރީ ރައުލްއާއި ސިއްތާގެ އިތުރުން ޠަލަބްއެވެ. އިކަރޯސްގެ ގާތުގައި ހިތްވަރުކުރުމަށް ސިއްތާ ބުނަމުންދިޔައެވެ.
މުޅިން އައު ދުވަހަކަށް އިރުގެ ދޯދިތަކުން އުދަރެސް އަލިވާން ފެށިއެވެ. ހެނދުނުގެ ނާސްތާ ކުރިއަށް ދިޔައީ ބެރެބެދިގަހުގެ ބިއްދޮށުގައި އޮތް ހާމަ ބިމުގައެވެ. އެތަނުގައި މަދީ އައިޒަންއާއި ޖޫދާ އެކަންޏެވެ. އައިޒަން އެނބުރި ދިޔައީ ގަނޑުވަރުގެ ކަންކަން ބެލުމަށާއި ބަހީރާގެ ގާތަށެވެ. ޖޫދާ ވެސް އިސްކަމެއްދިނީ އޭނާގެ އަނބިމީހާގެ ގާތަށް ދިއުމަށެވެ. ކަންހިނގައިދިޔަ ގޮތް ބަލްޤިސްއަށް ކިޔައިދިނުމެވެ. ރަށުތެރޭގައި އުޅޭ ޖިންނީން ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދިޔައީ އީޝަލްމެން އެނބުރި އައުމުން އެމީހުންނަށް ލިބުނު ކާމިޔާބީއަށް ތަހުނިޔާ ކިޔުމުގެ ގޮތުން މެންދުރަށް ބޮޑު ޖާފަތެއް ތައްޔާރުކުރުމަށެވެ. އެމީހުންގެ ތެރެއިން ބައިބަޔަށް އެކި އުމުރު ފުރައިގެ ޖިންނީން އައިސް އީޝަލްއާ ބައްދަލުކޮށް ހަދައެވެ. ރަށުތެރޭގެ އަމާންކަން އެނބުރި އައުމުން އެކަމާ އެމީހުން ޝުކުރުވަނީ އީޝަލްއަށެވެ. އެމީހުންގެ މެދުގައި ޒިޔަޒެލްއަށްވުރެ އީޝަލްގެ މަޤުބޫލުކަން އިތުރުވެފައި ވެއެވެ. ޚާއްޞަކޮށް އީޝަލްއާއެކު އުޅޭތަން ފެންނަ ޖިންނީންގެ ސަބަބުންނެވެ.
"އީޝަލް" މީކާޢިލް ގޮވާލިއެވެ. އެނބުރި އައިފަހުން އީޝަލްގެ ފަރާތުން އެކަހެރިކަމާއި ހަމަހިމޭންކަން ފިޔަވާ އިތުރު އަސަރެއް މީކާޢިލް ނުދެކެއެވެ. އޭނާ ފެންނަނީ ރައުލްއާ ދުރުން އުޅޭތީއެވެ. ރައުލްގެ މޫނުގައިވާ ހައިރާންކަން މީކާޢިލް ވެސް ދުށްޓެވެ. އެ ދެމެދުގައި ލޯބިވާކަން މީކާޢިލްއަށް ޔަގީންވެއެވެ. ވީއިރު އެދެމެދަށް ދުރުކަމެއް އަންނަންވީ ސަބަބެއް މީކާޢިލްއަކަށް ނުވިސްނުނެވެ.
"ބައްޕަ ކަމަކުތޯ" އިރުމަތީ ފެންޑާގައި އެކަހެރިވެ ހުރި އީޝަލް އެނބުރިލީ މީކާޢިލްގެ އަޑު އިވުމުންނެވެ. އެންމެންގެ ހަރަކާތްތައް އޭނާ ބަލަމުންދިޔައީ ދުރުގައި ހުރެއެވެ. އެހިތުގައި އެތައްކަމެއް ފޮރުވިފައި ވާ ކަހަލައެވެ.
"އާދެބަލަ... މިތާ ބައްޕާއާއެކު އިށީނދެލަން" މީކާޢިލް އިޝާރާތްކުރީ އިރުމަތީ ފެންޑާގައި ހުރި ދިގު ގޮނޑިއަށެވެ. ކިޔަމަންތެރިކަމާއެކު އީޝަލް އައިސް މީކާޢިލްގެ ވައަތްފަރާތުން އެ ދިގު ގޮނޑީގައި އިށީނދެއްޖެއެވެ.
"ކަންތައް ހިނގައިދިޔަ ގޮތާމެދު އީޝަލް ހިތްހަމަނުޖެހެނީތަ؟" އީޝަލްގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން އޯގާތެރިކަމާއެކު މީކާޢިލް އަހާލިއެވެ. އެއާއެކު މަޑުމަޑުން އީޝަލް ދެފަރާތަށް ބޯހޫރާލިއެވެ.
"ދަރިފުޅު ބޭނުންވީ ރައުލް ސަލާމަތްކުރަން، އޭނާ މިހާރު އެހުރީ ދަރިފުޅުގެ ގާތުގަ، ޒިޔަޒެލް ބަލާފަ ބުންޏެއްނު، އޭނާގެ ޒަޚަމްތަކާމެދު ކަންބޮޑުނުވާށޭ... ދެން ދަރިފުޅު ތިހާ ހާސްވެ ކަންބޮޑުވަނީ ކޮންކަމާތަ؟ މާމައާއި ބަލްޤިސް ވެސް މެންދުރު އަހަރެމެންނާ ބައިވެރިވާން އަންނާނެ" މީކާޢިލް އޮޅުންފިލުވަން ބޭނުންވެ އިތުރަށް ވާހަކަދެއްކިއެވެ. މަޑުމަޑުން އިން އީޝަލްއަށް ރޮވިއްޖެއެވެ. ހިތުގައި ޖެހިގެން ރޯފަދައިން އޭނާއަށް ގިސްލެވިއްޖެއެވެ. އެވީ ކިހިނެއްކަމެއް ނޭނގި އިހުނަށްވުރެ ދަރިފުޅު ގެނެސް މީކާޢިލްއާ ގާތްކޮށްލިއެވެ. އީޝަލްގެ ބޮލުގައި ބޮސްދެމުން އޭނާގެ ބުރަކަށީގައި މީކާޢިލް ފިރުމާލިއެވެ.
"ދަރިފުޅު ދެރަވެ ތި ރޮނީ ކޮންކަމާ؟... ބައްޕައަށް އެނގޭ އީޝަލް ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައިކަން ތިހުންނަނީ" މީކާޢިލް ބުންޏެވެ.
"އަޅުގަނޑު ބިރުގަންނަނީ" ރޮމުން އީޝަލް ބުނެލިއެވެ.
"ކޮންކަމާ؟... ދަރިފުޅަށް އުނދަގޫތަކެއްވަނީތަ؟" މީކާޢިލް ކުއްލިއަކަށް ހާސްވިއެވެ.
"ބައްޕާ!... އަޅުގަނޑު ރައުލްއާ ކުރިމަތިލާން ބިރުގަންނަނީ، އެންމެން ސަލާމަތްކުރިއިރު އަޅުގަނޑަށް އޭނާގެ ދަރިފުޅު ސަލާމަތެއް ނުކުރެވުނު" އީޝަލްގެ ހިތަށް ތަދުވާ ސަބަބު އޭނާ ހާމަކުރިއެވެ.
"އީޝަލް" އަސަރާއެކު މީކާޢިލްއަށް އޭނާގެ ދަރިފުޅަށް ގޮވާލެވުނެވެ. އީޝަލްއަށް ވެގެން އުޅޭގޮތް އޭނާއަށް އެނގިއްޖެއެވެ. ޚުދު އޭނާގެ ހިތަށް ވެސް ތަދުވެއްޖެއެވެ. އޭނާ ބިރުގަންނަ ދަރަޖައަށް އީޝަލްގެ ބާރުވަނީ ގަދަވެފައެވެ. އެހެންނަމަވެސް އީޝަލްގެ މައުސޫމްކަމާއި އޯގާތެރިކަން ނުގެއްލޭކަން މީކާޢިލްއަށް ޔަގީންވިއެވެ. އޭނާގެ އަތުތެރޭގައި އެއިނީ ހަމަ ކުރީގެ ވެސް ދަރިފުޅުކަން މީކާޢިލްގެ ޟަމީރު އެއްބަސްވިއެވެ.
"އެއީ ދަރިފުޅުގެ ފިރިމީހާއެއްނު، އޭނާ ދަރިފުޅުދެކެ ވަރަށް ލޯބިވޭ، އޭނާއަށް އެނގޭ އީޝަލްއަކީ އާދައިގެ ކުއްޖެއްނޫންކަން، އޭނާ މިއަދު އުފަލުން އެހުރީ ދަރިފުޅަށް ޓަކައި، އެނބުރި އީޝަލްގެ ގާތަށް އާދެވުމުން، އީޝަލް ސަލާމަތުން ހުރިކަން އެނގޭތީ، ބައްޕައަށް ވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެހެންވެ، ދަރިފުޅު ސަލާމަތުން ހުރީމަ، އީޝަލް ރަނގަޅަށް ވިސްނާލަބަލަ، އެ ތުއްތު ފުރާނަ އުފަންނުވި ނަމަވެސް އީޝަލްއާ ވަކިވެގެން ނުދޭ... ދަރިފުޅުގެ ވަރަ އެކަމަށް ހެކިވާނެ، އެއީ ރައުލްގެ ދަރިއެއްކަން ސާބިތުކޮށްދިން، ނޫންތަ؟... ދަރިފުޅު ބަލިކަށިވިޔަ ނުދިން، ދަރިފުޅުގެ ފުރާނައަށް ގެއްލުމެއް ލިބުނަ ނުދޭ، އީޝަލް އެއްފަހަރު ވެސް އެ ދަރިފުޅު ބޭނުންނެތިގެން ނޫޅޭ، މީ ތަޤުދީރުގެ ނިޔާކަމުގައި ހީކުރޭ... ބައްޕައަށް ޔަގީން، އެހެންކަންތައްވުމަށް އިރާދަކުރެއްވި ކަލާނގެ، ތިޔަ ދެ ކުދީންގެ ފުށުން ޞާލިޙު ދަރިފަސްކޮޅެއް ފާޅުވުމަށް އިރާދަކުރައްވާނެކަން، އެއްވެސް ކަމެއްގައި އީޝަލް ކުށްވެރިއެއްނުކުރާނެ ރައުލް، އޭނާ ދަރިފުޅުދެކެ ވަނީ އެއަށްވުރެ މަތިވެރި ލޯތްބެއް، ރައުލްއަށް ކިޔައިދިނުމުން އީޝަލްއަށް ވެސް ހަމަޖެހުން ލިބޭނީ، ރައުލްއަކީ ވިސްނޭ ޒުވާނެއް... އޭނާ ވެސް މިހާރު ހުންނާނީ އީޝަލްގެ ހާލު އެނގެން ބޭނުންވެފަ، އަނބިމީހާއާއެކު ވަގުތު ހޭދަކުރަން ބޭނުންވެފަ" ދަރިފުޅަށް ވިސްނައިދޭން މީކާޢިލް މަސައްކަތްކުރިއެވެ.
"ދެން ރުއިން ހުއްޓާލާ، ރައުލްއަށް ގޮވާލައި... ހިތުގެ ފަރުވާއެއްކަމުގައި ލޯބިވެތި އެންމެ ބީހުމެއް ވެސް ފުދޭ، މިއަދު ދަރިފުޅާއެކު ރައުލް އެބަހުރި، އޭނާގެ އޯގާތެރިކަމާއި އޭނާގެ ލޯބިން ތި ހިތަށް ލިބިފައިވާ ނުތަނަވަސްކަން ނެތިދާނެ، މިހާރު ތީ މީހެއްގެ އަނތްބެއް، ދަރިފުޅުގެ އިންތިޒާރުގައި ފިރިއަކު ހުރިކަން ހަނދާންނައްތާނުލާ، މި ބައްޕައަށް އީޝަލްއަށް ކެތްތެރިވާން ދަސްކޮށްދިނިން، އެންމެންނަށް ޓަކައި ދަރިފުޅު ހިތްވަރުކުރާތީ ބައްޕަ ދުށީން، މިއަދު ދަރިފުޅަށް ބޭނުންވަނީ ރައުލްގެ ގާތްކަން، އޭނާ ހުރިހާ ތުރާލެއް ދަރިފުޅާ ދުރުކޮށްދޭނެ" ހިމޭންކަމުގައި އީޝަލްވާތީ ދެވަނަ ފަހަރަށް ވެސް މީކާޢިލް ވާހަކަދެއްކިއެވެ. އަދި ގަޔާ ދަރިފުޅު ދުރުކޮށްލައި ކަރުނައިން ތެމިފައިވި ދެ ލޮލާއި ކޯތާފަތް މީކާޢިލް ފުހެލަ ދިނެވެ. ލުއި ހިނިތުންވުމެއް އީޝަލްއާ ބަދަލުކޮށްލިއެވެ. ހިތްވަރުގެ އިޝާރާތެއްގެ ގޮތުން އީޝަލްގެ ބޮލުގައި ފިރުމާލައި ނިތްކުރީގައި މީކާޢިލް ބޮސްދިނެވެ. މަޑުމަޑުން އީޝަލްގެ ގާތުން މީކާޢިލް ތެދުވެ ރައުލްގެ ނަމުން ގޮވާލިއެވެ. އެއާއެކު އިރުމަތީ ފެންޑާގެ ތެރެއިން ރައުލް ފައުޅުވެއްޖެއެވެ. އީޝަލްގެ ހާލު ފެނި އޭނާގެ މޫނުން ހާސްކަން ފާޅުވިއެވެ.
"ކަލޭގެ އަނބިމީހާއެކު ވަގުތު ހޭދަކުރޭ" ރައުލްއަށް ބަލަންހުރެ މީކާޢިލް ބުންޏެވެ. އަވަސްއަވަހަށް ރައުލް އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. އެތަނުން މީކާޢިލް ޣައިބުވީއެވެ.
* * * * *
ތުނޑީގެ ކޮޅުގައި މީކާޢިލް ހުއްޓިލައިގެން ހުއްޓެވެ. އޭނާގެ ކޯތާފަތް ތެމެމުންދިޔަ ވަރަކަށް ކަނާއަތުން އެ ދެލޯ ފުހުނެވެ. އޭނާގެ މޭގައިވި ހިތް ތަކުރާރުކޮށް މިޝަލްއަށް ގޮވަނީއެވެ. އޭނާގެ އެކަނިވެރިކަން މިޝަލްއަށް ގޮވަނީއެވެ. ހަޔާތުގެ ހުސްކަން މިނޫނީ މީކާޢިލްއަށް މިހާވަރަށް އުނދަގޫނުކުރެއެވެ. ލޯބިވާ ބައިވެރިޔާއާ ވަކިވާން ޖެހުނީ ހީނުކުރާހާ އަވަހަށެވެ. އެކަމުގެ ޝަކުވާ ހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ. މުޅި ދުނިޔެއިން ބާކީވީކަމުގެ އިޙްސާސް މިޝަލްއާ ވަކިވުމުން މީކާޢިލްއަށް ކުރެވުނެވެ. އަދިވެސް އެ މަޤާމު ދެވަނަ ފަރާތަކަށް ދޭން މީކާޢިލް ތައްޔާރެއްނޫނެވެ. އޭނާގެ ހިތް މިޝަލްނޫން ފަރާތެއް ނޭދެއެވެ.
ޚިޔާލުތައް އެއްފަރާތްކޮށްލައި ނިކަން އަވަހަށް މޫނުމަތިން ކަރުނައިގެ އަސަރު މީކާޢިލް ފިލުވާލީ އެތަނުގައި އިތުރު މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލިއިރު ތަންކޮޅެއް ދުރުގައި ދެއަތް އުރާލައިގެން އޭނާއަށް ބަލަން ޒަލަފް ހުއްޓެވެ. އޭނާ އެތަނަށް އައީ ކޮންއިރަކުކަމެއް މީކާޢިލްއަކަށް ނޭނގެއެވެ. އިހު ހުރިހެން ޒަލަފްއަށް ފުރަގަސްދެމުން މީކާޢިލް އެނބުރިލިއެވެ.
"ހަނދާންތައް ފިޔަވައި އަހަރެމެންގެ އަތުގައި އެއްވެސް އެއްޗެއްނުވޭ، ކިތަންމެ ވަރަކަށް ވެސް ހިތް އެދޭ... ހަމަ އެންމެ ބީހިލުމަކަށް ބޭނުންވެ މުޅި ޖިސްމު ގޮވާ، އެހެންވިޔަސް... އަހަރެމެން މިވަނީ އެ ނަސީބުން މަހޫރުމުވެފައި، ލޯބިވެވުނީ އެ ލޯތްބާއި ނުލާ ނޫޅެވޭ ވަރަށް، ރަނގަޅުގޮތް ވިސްނޭއިރު ވެސް... ކުރިއަށް ދާކަށް ނޭނގުނު" މީކާޢިލްގެ އެއްފަރާތުގައި މަޑުކޮށްލި ޒަލަފް ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުގައިވި ތެދު މީކާޢިލްއަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. ޒަލަފް އެ ދެއްކީ ޚުދު އޭނާއަށް ހާލަތު ނިޔާކުރި ގޮތެވެ. އެ ދެމީހުންގެ ލޯބީގެ ފަލްސަފާއަށް ނިމުން އައީ ދެމީހުން ވެސް އެ ލޯތްބަށް ބޭނުންވެފައި ވަނިކޮށެވެ.
* * * * *
"މަންމާ... މިތަނުގައި އުޅެން ގަޔާނުވަނީތަ؟ މަންމަގެ މީހުންގެ ގާތަށް ގެންގޮސްދެންތަ؟" ގަސްބުޑެއްގެ މަތީ އިށީނދެ ރަށުގައި ހޭލަމޭލަވަމުން ދިޔަ ޖިންނީންނަށް ބަލަން އިން މަދުރާއާ ދާރިއުސް ވާހަކަދެއްކިއެވެ.
"މި ފެންނަނީ މަންމަ ދުވަހަކުވެސް ދުށް ކަންތައްތަކެއްނޫން، ދަރިފުޅު ގުޅުނީ ރަނގަޅު ބަޔަކާކަން މަންމައަށް ޔަގީންވޭ" މަދުރާ ލުއި ހިނިތުންވުމެއް ދިނެވެ. އެހެންވިޔަސް ދާރިއުސްގެ މޫނުން އެންމެ ފުރިހަމަ ހިތްހަމަޖެހުމެއް ފާޅެއްނުވެއެވެ.
"އެކަމަކު..." ދާރިއުސް ބުނެލިއެވެ. މަދުރާގެ ވާހަކައިގެ ފަހަތުގައި އެހެންކަމެއް އޮތޭ ދާރިއުސްއަށް ހީވީއެވެ.
"ބޭރީތު ކަންތައްކުރީ ރަނގަޅަކަށްނޫންކަން އެނގޭ، އެހެންވިޔަސް އެއީ ތިހުރިހާ ކުދީންގެ ބައްޕަނޫން ކަމަކަށްނުވާނެ، ތި ކުދީން ނޫނަސް އޭނާގެ އެތައް ދަރީންނެއް އެބަތިބި، މިހާރު ބޭރީތު ނެތުމުން އެކުދީންނަށް ވާނީ ކިހިނެއް؟... ކޮންމެ ޖަމާޢަތެއްގައި ވެސް އިސް މީހަކު ހުންނަންޖެހޭނެ، އެހެންނޫނީ އެމީހުންގެ ތެރޭ ބައިބައިވުން އުފެދި، ނިކަމެތިވެދާނެ... ބާރުގަދަ މީހާ ބޭނުންވާ ގޮތެއް ނިންމަން ފެށުމުން އިންސާފުގެއްލިދާނެ، ދެވަނަ ބޭރީތަކާއި ޒަގަންއެއް އުފަންވާނެ" މަދުރާ އިސްޖަހާލިއެވެ.
"މަންމަ ތިބުނާއެއް ނޭނގުނު" ދާރިއުސް ބުންޏެވެ.
"ބޭރީތުގެ ރަސްކަން ނިމުނަސް އޭނާގެ މީހުން ރަނގަޅު މަގަށް އެޅުވުމަށް ވެރިއަކު ބޭނުންވެޔޭ މަންމަ މިބުނަނީ، ގަނޑުވަރު ފުނޑުފުނޑުވެގެން ދިއުމަކީ އޭނާއަށް ތަބާވާ އެންމެން ނެތިގެން ދިޔައީއެކޭނޫން، އެމީހުންގެ ތެރޭ އެތައްހާސް ކުޑަކުދީންނެއްވޭ، މަންމަގެ ބެލުމުގެ ދަށުގައި މިހާ ދުވަހު އެކުދީންތިބީ، އެކުދީންގެ ބޯމަތިން ހިމާޔަތުގެ އަތް ގެއްލުމުން ދެންވާނީ ކިހިނެއް؟... ބޭރީތާއި ޒަގަން ކުރި ކުށުގައި އެ އެންމެން ބައިވެރިއެއްނުވޭ، ރަސްގެފާނުގެ އަމުރަށް ކިޔަމަންވާން އެންމެންނަށް މަޖުބޫރު... ރަސްކަންނިމިގެން ދިއުމަށް ދޫކޮށްލުމުގެ ބަދަލުގައި އެ ތަޚުތަށް ބޭނުންވަނީ ހަރުދަނާ ތެދުވެރި ރަސްކަލެއް، އޭނާގެ މީހުންނަށް ރަނގަޅުގޮތް އަންގައިދީ އަދުލު އިންސާފު ޤާއިމުކުރަން ދަންނަ ރަސްކަލެއް... އެހެންނޫނީ... އެހެންނޫނީ މި ލިބުނީ ވަގުތީ ހަމަޖެހުމެއް، އެމީހުންގެ ތެރޭ ނަފުރަތާއި ރުޅިވެރިކަން އުފެދުމަށް ލިބުނު ފުރުޞަތެއް، ރައުލްއާއި އީޝަލްއާ ދެކޮޅަށް އެބައިމީހުން ރޭވުންތައް ނުރާވާނޭ ބުނާކަށް ނޭނގެ" މަދުރާގެ ޚިޔާލު އޭނާ ޚިއްޞާ ކުރިއެވެ. ދާރިއުސް ހިމޭންވެފައި އިނީ އޭނާގެ މަންމަ އެފަދަ ދުރު ވިސްނުމެއްގެ ވާހަކަދެއްކުމުންނެވެ. އެ ވާހަކަތަކުގައި ޤަބޫލުކުރަން ޖެހޭ ކަންކަންވިއެވެ.
"މަންމައަށް އެފަދަ ވެރިއަކު ފެނުނީތަ؟ ބޭރީތު ނެތްތަނުގައި އެ ރަސްކަން ދެމެހެއްޓޭނޭ މީހަކު އެބަހުރިތަ؟" ދާރިއުސްއަށް އޭނާގެ ސުވާލުތަކުގެ ޖަވާބު އެނގި ހުރެ ޔަގީންކުރަން ބޭނުންވީއެވެ. އޭނާގެ ސުވާލުތަކަށް މަދުރާ ބޯޖަހާލިއެވެ.
"އަހަރެން އަބަދުވެސް ޤަބޫލުކުރަން ރައުލްފަދަ ދެވަނަ ދަރިއަކު ބޭރީތުގެ ނެތްކަން، އޭނާގެ ފުށުން ނުރަނގަޅު އެއްވެސް ސިފައެއް މަންމަ ނުދެކެން، އޭނާއާއެކު އަދަލު އިންސާފުވޭ، އޭނާއަކީ ހިތްތިރި ހަރުދަނާ ޒުވާނެއް... އެބައިމީހުން ޝައްކުކުރާނޭ ފުރުޞަތެއް ނެތް، ބޭރީތުގެ ދަރީންގެ ތެރޭ އޭނާގެ ރުހުން ރައުލްއަށް ލިބިފައިވޭ، ރައުލްގެ ގޮތް ދަރިފުޅަށް ވެސް ރަނގަޅަށް އެނގޭނެ، އޭނާއަށް އެބައިމީހުން ކިޔަމަންވާނެ، އޭނާގެ ބަސް ޤަބޫލުކުރާނެ... މަންމަ ބޭނުންވަނީ އެނބުރި އެތަނަށްދާން، ރައުލް ފަދަ ރަނގަޅު އަހުލާގެއް ލިބިފައިވާ ކުދީންތަކެއް ބޮޑުކުރަން، އެކަން ކުރެވޭނީ އެނބުރި ގޮސްގެން" މަދުރާގެ ލޮލުން އުންމީދުގެ ވިދުވަރު ފާޅުވެއެވެ.
"އެކަމަކު... މަންމާ... ރައުލްގެ ޚިޔާލު ހުރި ގޮތެއް ނޭނގެ، ތިފަދަ ވާހަކައެއް އޭނާއާ ޚިއްޞާކުރަން މީ ރަނގަޅުވަގުތެއްނޫން، އަނިޔާވެރިކަމުގެ ތެރޭ ހައްޔަރުވެ ހުރެ މިނިވަންވީ އަދިކިރިޔާ، އޭނާއާއި އީޝަލްއަށް ވަގުތު ބޭނުންވާނެ... މިތަން ދޫކޮށް ރައުލްދާން ބޭނުންވެދާނެހެން ހިޔެއްނުވޭ" ދެފަރާތަށް މަޑުމަޑުން ބޯހޫރުވަމުން ދާރިއުސް ބުންޏެވެ. އޭނާއާއި މަދުރާއާ ދެމެދު ދެކެވެމުންދިޔަ ވާހަކަ ހުއްޓާލީ އެމީހުންގެ ގާތަށް ޔާފިއާ އަންނާތީ ފެނިގެންނެވެ.
* * * * *
އަނބިމީހާގެ ކަރުނުން ތެމިފައިވާ ކޯތާފަތުގައި ބޮސްދިނުމަށްފަހު ރައުލް ތެދުވިއެވެ. އީޝަލްއަށް ދިއްކޮށްލައިގެން ހުރި ރައުލްގެ އަތުގައި ހިފަމުން ތެދުވިއެވެ. އެއާއެކު ރައުލްގެ އަތްދަނޑިމައްޗަށް އީޝަލް އުފުލާލައިފިއެވެ. އޭނާ އައިސް ވަނީ އީޝަލްގެ ކޮޓަރިއަށެވެ.
"ހިތަށް ތަދުވީތަ؟" ދުރުގައި އީޝަލްއަށް ބަލަން ހުރެފައި ލުގަލްބަންދާ އެނބުރިލި ވަގުތު ވައިސިންނީ ބުންޏެވެ. އެއާއެކު އޭނާގެ ބުރަކަށިމައްޗަށް އެރި ލުގަލްބަންދާގެ ނަގުލުގެ ހަމަލާއިން ދުރަށް ވިއްސައިގެން ދިޔައެވެ. ނުރުހުމުގެ އަޑެއް އަރުބުޑުން ލައްވާލުމާއެކު އެމީހުންނާ ދުރަށް ލުގަލްބަންދާ ހިނގައިގަތެވެ. ކޮޅަށް ތެދުވި ގޮތަށް ވައިސިންނީ ހަލުވިކޮށް ލުގަލްބަންދާގެ ފަހަތުން ދިޔައެވެ. ދެފަރާތަށް ބޯހޫރާލާފައި ޔޫރާ އިންތަނުން ތެދުވިއެވެ. އޭނާ ވެސް އެކަނިނުވާންވެގެން ވައިސިންނީއާއި ލުގަލްބަންދާގެ ފަހަތުން އައެވެ.
"ރުޅި އައީތަ؟... ކަލޭ އަދިވެސް ތިއުޅެނީ ޅަކުއްޖަކު އުޅޭހެން" ވައިސިންނީ ބުންޏެވެ.
"ޔޫރާ!... އޭނާގެ ދޫ ހިމޭންކުރާނޭ ގޮތް ކަލޭގެ ފޮތުގައި ނެތްތަ؟" ލުގަލްބަންދާގެ އަޑު އިވުނެވެ. ނިކަން ބާރަށް ވައިސިންނީ ހިނިގަނޑެއް ޖަހާލިއެވެ.
"ކަލެއަށް އެނގޭ ދޯ ދުވަހަކުވެސް އީޝަލްއާ ކަލެއާ ދެމެދު ތި ބޭނުންވެގެން އުޅޭކަހަލަ ގުޅުމެއް ނުބޭއްވޭނެކަން، އޭނާއަކީ އަހަރެމެން ތިންމީހުންގެ ވެސް ވެރިމީހާ، އަހަރެމެންވަނީ އޭނާއަށް ޓަކައި، އޭނާގެ ޚާދިމުން ފަދައިން، ލުގަލް... ތި އިޙްސާސްތަކުން ކަލެއަށް ފައިދާއެއްނުކުރާނެ، އީޝަލްގެ ފިރިމީހާއަށް ކަލޭގެ ހިތް އޮތް އެނގިއްޖެއްޔާ ވާނީ ކިހިނެއް" ވައިސިންނީ ބުންޏެވެ. ފިނިނޭވާއެއް ދޫކޮށްލައި ލުގަލްބަންދާ މޫނު އަނބުރާލި ގޮތުން ވައިސިންނީގެ ޝައުގުވެރިކަން އިތުރުވިއެވެ.
"އޭނާއަށް ޖެހޭނީ ޤަބޫލުކުރަން" ލުގަލްބަންދާ ބުނެލިއެވެ. ޔޫރާ ވެސް މިފަހަރު ބަލާލީ ޤަބޫލުނުކުރެވިގެންނެވެ. ވައިސިންނީ ނިކަން ބާރު ހިނިގަނޑެއް ޖަހާލައި ވާހަކަދެއްކިއެވެ.
"ރައުލްއަށް އެނގޭ ދޯ" ވައިސިންނީ އެހުމުން އިހުނަށްވުރެ ލުގަލްބަންދާ ދުރަށް މޫނު އަނބުރާލިއެވެ. އޭނާގެ އެ ޢަމަލުން ވައިސިންނީއާއި ޔޫރާއަށް ކުރެވޭ ޝައްކު ޔަގީންވިއެވެ. އަޑުވީއްލާ ނުހުނު ކަމުގައި ވިޔަސް މިފަހަރު ޔޫރާއަށް ވެސް ހިނިތުންވެލިއެވެ. އެ ތިންމީހުންގެ މެދަށް ވަގުތުކޮޅަކަށް ހިމޭންކަން ވެރިވެގެންދިޔައެވެ. އެހެން ތިބެފައި އިސްނެގީ ވައިސިންނީއެވެ. އޭނާގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.
"ލުގަލް، ކަލެއަށް ތިހާލު ޖެއްސީ ކާކު؟ އަރްފަޒާދަށްވީ ކިހިނެއް... އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވީގޮތް އެނގެން އަހަރެން ބޭނުން" ވައިސިންނީ ބުންޏެވެ. އެއާއެކު ލުގަލްބަންދާގެ މޫނުން ފާޅުވީ މީގެ ކުރިން އެމީހުން ނުދެކޭ ފަދަ އަނދިރި ކުލަވަރެކެވެ. ވަގުތުން އޭނާ ހަތަރެސްފައިގެ މައްޗަށް ކޮޅަށް ތެދުވެ ވައިސިންނީއާއި ޔޫރާއާ ދުރަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ވައިސިންނީ ދާން އުޅުމުން ޔޫރާ އޭނާ ހިފެހެއްޓިއެވެ.
"ޔޫރާ... އެ ދެބައިންގެ ޚަބަރު އޮޅުންފިލުވައިދެވޭނެ ޖިންނިއަކަށް ކަލޭ ގޮވާލަބަލަ، އަހަރެން އެނގެން ބޭނުން، އަހަރެމެން އެނބުރި އަނދިރިކަމުގެ ދުނިޔޭގައި ޤައިދުވެފައި ތިބިއިރު އަރްފަޒާދަށް ކަންތައް ދިމާވީ ގޮތް އެނގެން ބޭނުން... ޒަމާންތަކަކަށްފަހު އަހަރެމެން އެއްތަންވާންވީ ވަގުތު ޖެހިއްޖެކަން އެނގުމުން އަހަރެން ހުރީ ކަލޭމެން ދެމީހުންނާ ބައްދަލުވާނެތީ އުފަލުން، އެކަމަކު އަރްފަޒާދު އެ ދިޔައީ އޭނާގެ ދަރިފުޅު އަހަރެމެންގެ ގާތަށް ފޮނުވާފައި... ޔޫރާ، ކަލެއަށް އެނގޭނެ އަހަރެމެން ތިންމީހުން ބަލިކޮށް ކުރިހޯދުން ފަސޭހައެއްނުވާނެކަން، ވުމަށްވުރެ ނުވުން ގާތްކަމެއްކަން އެއީ... ދެން ކީއްވެ އަރްފަޒާދު ވަކިވެގެން އެ ދިޔައީ، ނޫނީ އޭނާ އަހަރެމެންނަށް ފިލައިގެން އުޅެނީތަ؟" ވައިސިންނީގެ އަޑުގައިވި ނުތަނަވަސްކަން ޔޫރާ ދެނެގަތެވެ. އޭނާއަކީ ބަސްމަދު މީހަކަށް ވިޔަސް އޭނާ ވެސް ވައިސިންނީ އެބުނާ ކަންތައްތަކާމެދު ފިކުރު ހިންގައެވެ.
* * * * *
މަޑު ދާނުގައި ރައުލްގެ އަތުގެ ތެރޭގައިވި އީޝަލް ހިނިތުންވެލިއެވެ. އެ ހިނިތުންވުން ފެނި އެމޫނުގައި ރައުލް ބޮސްދިނެވެ. އީޝަލްގެ ފަރާތުން ފާޅުވި ހުރިހާ ނުތަނަވަސްކަމެއްގެ އަސަރު ފިލައިފިކަން ރައުލްއަށް ޔަގީން ކުރެވުނެވެ. ލޯތްބާއެކު އީޝަލްގެ ކޯތާފަތުގައި ރައުލް ފިރުމާލިއެވެ.
"އަހަރެންގެ ފުރާނައަށްވުރެ ވެސް ބޮޑަށް އީޝަލްދެކެ ލޯބިވޭ، އީޝަލްގެ ބައްޕަ އެބުނީ ތެދެއް، އަހަރެމެންނާ އެ ދަރިފުޅު ވަތްކެއްނުވޭ، އީޝަލްގެ ހަށިގަނޑުގެ ބައެއްކަމުގައި އެކުއްޖާ އެވަނީ ވެފަ، އަހަރެން އީޝަލްއާމެދު ނުރުހެންވީ ކީއްވެ؟... ތީ އަހަރެން ހިތުން ރުހުމުން ބަލައިގަތް އަހަރެންގެ ފުރާނައިގެ ބައިވެރިޔާ، ތިޔަށްވުރެ ބޮޑަށް ލޯބިވާނޭ އެހެން މީހަކުނެތް، އެންމެ ހިނދުކޮޅަކަށް ވެސް ހިތްވަރު ދޫކޮށްނުލީ އީޝަލްއަށް ވާނެގޮތެއް ހިތަށް އަރާފަ، އީޝަލްއާ ދުރުގައި ހުރެ ވަކިވެދިއުން ނޭދޭތީ، ހުރިހާކަމަށް މިއަދު ޝުކުރުވެރިވަން... އަހަރެންގެ އީޝަލްއާ ދިމާކުރަން މިހާރު އެންމެން ވެސް ޖެހިލުންވާނެކަން ޔަގީން... ދޯ... އީޝަލްގެ ވަރަ ފެނުމުން ވަކިން ބޮޑަށް އިޙްސާސްކުރެވޭ އަހަރެންގެ ހައްޤެއްކަން ތީ" ރައުލް ހިނިތުންވެލިއެވެ.
"އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟" އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު އީޝަލް ބުންޏެވެ. ރައުލް "ހޫން" ލައްވާލިއެވެ. އޭނާއާ ނަޒަރު ސީދާކޮށްލައިގެން އޮވެ އީޝަލް ވާހަކަދެއްކިއެވެ.
"އެމީހުންނާ ބައްދަލުކުރަންވީއޭ... އަހަރެން އުފަންވީ އެމީހުންގެ ތެރެއަށް، އެމީހުން އަހަރެންގެ މަތިން ހަނދާންކުރާނެބާއޭ ހިތަށް އަރާ... އެ މާމައަށް އަހަރެން ފެނިއްޖެނަމަ އުފާވާނެބާއޭ ހިތަށް އަރާ، ނޫނީ އަހަރެންދެކެ ބިރުގަންނާނީ ބާއޭ ހިތަށް އަރާ" އީޝަލް ބުންޏެވެ.
"އީޝަލްގެ މާމައާއި ކާފަ ވަރަށް ލޯބިވާކަން އެނގޭ، ދެން ކީއްވެ ތިކަހަލަ ސުވާލުކުރަނީ" ރައުލް ބުންޏެވެ.
"ބައްޕަގެ ޢާއިލާއެއްނޫން... އަހަރެންގެ މަންމަގެ ޢާއިލާ ވާހަކަ މިބުނީ" ރައުލްއަށް އޮޅުންފިލުވައިދިނުމަށް އީޝަލް ތަފްސީލުކޮށްލިއެވެ.
"އެކަމަކު އެއީ އިންސާނުންނެއްނު" ރައުލްއަށް ނިކަން އަވަހަށް ބުނެލެވުނެވެ.
"އަހަރެން އުފަންކުރީ އިންސާނެއްކަން އެނގެއެއްނު، އަހަރެންގެ މަންމައަކީ ފުރިހަމަ އިންސާނެއް، އެ ރަހިމުން އިންސާނަކު އުފަންކުރާ ފަދައިން އަހަރެން އުފަންކުރީ... އެއީ މަންމަގެ ދުނިޔެ، އެތަނުގައި މަންމަގެ ހަނދާންތައްވޭ، އެއީ މިހާތަނަށް އަހަރެން ނުދެކޭ ދުނިޔެއެއް، އެމީހުންގެ ތެރޭގައި ހުރި އަހަރެންގެ މާމައާ ބައްދަލުނުވެ ހުއްޓާ މަރުވާކަށް ބޭނުމެއްނޫން" ޚިޔާލުތަކަކަށް ގެއްލިފައިވާ ފަދައިން އީޝަލް ބުންޏެވެ.
"އެމީހުންގެ ތެރެއަށް އީޝަލް ދާން ބޭނުންވަނީތަ؟" ރައުލް ސުވާލުކުރިއެވެ.
(ނުނިމޭ)