ޓެކްނޯލޮޖީ

ސަމްސަންގެ ފަތްޖެހޭ ފޯނު ސެޕްޓެމްބަރުގައި ނެރެނީ

މިދިޔަ އެޕްރީލް މަހު ލޯންޗު ކުރަން އުޅުނު ސަމްސަންގެ ފަތް ޖެހޭ ފޯނު، "ގެލެކްސީ ފޯލްޑް" ގެ ސްކްރީން ތަޅައިގެން ދާތީ ލޯންޗް ކުރުން މަޑުޖައްސާލުމަށްފަހު އަލުން މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ގެލެކްސީ ފޯލްޑް ލޯންޗު ކުރަން ނިންމައިފި އެވެ.

ސަމްސަންގެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނީ ސެޕްޓެމްބަރު މަހު އަލުން ފޯނު ލޯންޗު ކުރަން ނިންމާފައި ވަނީ ކުރިން ދިމާވި ހުރިހާ މައްސަލައެއް ހައްލުކޮށް ދެން އިތުރު މައްސަލައެއް ނުޖެހޭނެ ކަން ޔަގީން ކުރުމަށްފަހު ކަމަށެވެ.

ސެމްސަންގެ އެ އޮފިޝަލް ވިދާޅުވި ގޮތުގައި ފޯނު ލޯންޗު ކުރުން ސެޕްޓެމްބަރު މަހަށް ލަސްވެގެން ދަނީ ސްކްރީން ތަޅައިގެން ދިޔުމުގެ ސަބަބުން ފޯނުގެ ޑިޒައިނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިގެނެވެ.

ގެލެކްސީ ފޯލްށް ލޯންޗުކުރުމާއި ބެހޭ ގޮތުން އޭނާ އިތުރަށް ވިދާޅުވީ، ސަމްސަންގާއި ވާދަ ކުރަމުން އަންނަ ވާވޭ ކުންފުނީގެ އާ ޕްރޮޑްކްޓަކަށްވުރެ ކުރިން ބާޒާރަށް ސެމްސަންގެ ޕްރޮޑަކްޓެއް ނެރުމަކީ އަމާޒެއް ކަމަށެވެ. އަދި ވިދާޅުވީ ގެލެކްސީ ފޯލްޑް ފުރަތަމަ ވިއްކާނީ ކަނޑައަޅާ ވަކި ސަރަހައްދު ތަކެއްގައި ކަމަށެވެ.

"ކުންފުނިން ވަނީ ވަގުތު ނަގައިގެން ޕްރޮޑަކްޓުގެ ޑިޒައިން ބަދަލުކޮށްފަައި އަދޮ މައްސަލަ ހައްލުކޮށް، ކުރަންޖެހޭ ހުރިހާ ޓެސްޓެއް މިހާރު ވަނީ ކޮށް ނިމިފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޗައިނާގައި ފޯނު އުފައްދާ ޒިއޯމީ އިންވެސް ވަނީ މި އަހަރުގެ ކުރީކޮޅު ފަތް ޖެހޭ ފޯނެއް ބާޒާރަށް ނެރެފަ އެވެ. އެކަމަކު އެފޯނަށް މާ ބޮޑު ސަމާލުކަން ލިބިފައެއް ނުވެއެވެ.