އެމްއައިޓީޑީސީ

"ކުރީ ސަރުކާރުގެ ބައެއް ވެރިންނަށް ބަރެސްދޫން ބިން ދިން"

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ދޫކޮށްފައިވާ ލ. ބަރެސްދޫން 10 ފަރާތަކަށް ބިން ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލިސް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ވިދާޅުވީ ބަރެސްދޫން ބިން ދޫކުރި ފަރާތްތަކުގެ ތެރޭގައި ކުރީ ސަރުކާރުގެ ކުންފުނިތަކުގެ ތިން މެނޭޖިން ޑިރެކްޓަރަކާއި މިނިސްޓަރެއްގެ އިތުރުން މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އޭގެ އިތުރުން، ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު ހިމެނޭ ބައެއް ކުންފުނިތަކަށް ވެސް ބަރެސްދޫން ބިން ދޫކޮށްފައިވާއިރު ބައެއް ބޭފުޅުންގެ އާއިލީ މެންބަރުންނަށް ވެސް ބަރެސްދޫން ބިން ދޫކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ފަރާތްތަކަށް ބިން ދޫކޮށްފައި ވަނީ ބީލަމުގެ އުސޫލުން އެ އޮންނަން ޖެހޭ ގޮތަށް ކަމަށް ރާއިދު ވިދާޅުވި އެވެ.

"އެބަ ހުރި މިދިޔަ ސަރުކާރުގެ އެކި ކުންފުނިތަކުގެ ތިން އެމްޑީން. ދެން މިދިޔަ ސަރުކާރުގެ ވަޒީރެއް ވެސް އެބަ ހުންނެވި. ދެން މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅަކު ވެސް އެބަ ހިމެނޭ. އަދި މިި ކުންފުނީގައި މީގެ ކުރިން ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއްގެ އާއިލާ މެމްބަރަކު ވެސް އެބަ އޮތް ތަނެއް ނަގާފައި،" ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫ މަޝްރޫއަކީ ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް އެމްއެމްޕީއާރުސީން 2014 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ފަހުން 2016 ވަނަ އަހަރު އެމްއައިޓީޑީސީއަށް ބަދަލު ކުރި އެވެ. އެ މަޝްރޫއުގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ރާއިދު އިއްޔެ ވަނީ މަޝްރޫއުގެ އިތުރު ތަފުސީލުތައް ވެސް ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން އެ ރަށުގެ ބިންތައް 19 ފަރާތަކަށް ދޫކޮށް ލޭންޑް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 34 ރުފިޔާ ވަނީ ނަގާފަ އެވެ.

އޭގެ ފަހުން އެމްއައިޓީޑީސީއަށް ބަރެސްދޫ މަޝްރޫއު ބަދަލު ކުރުމުން އެ ކުންފުންޏަށް ދިނީ 14 މިލިއަން ރުފިޔާ ކަމަށާއި ބާކީ ފައިސާތައް ހަރަދުކުރީ ބަރެސްދޫގެ މަޝްރޫއަށް ކަމަށެވެ. އެ ގޮތުން ހަރަދު ކުރީ އެ ރަށުގައި ބަނދަރަކާއި ކޯޒްވޭއެއް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން އެމްއައިޓީޑީސީއަށް މަޝްރޫއު ބަދަލު ކުރި ފަހުން، 19 ފަރާތެއްގެ އަތުން 21 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މަޝްރޫއަށް އެކި ކުންފުނިތަކުން އިންވެސްޓް ކުރި ފައިސާ އެ މަޝްރޫއާ ނުގުޅޭ އެތައް ކަމަކަށް ވެސް ހޭދަކޮށްފައިވާ ކަމަށާއި އެ ގޮތުން އެ ފައިސާ ހަރަދު ކުރި ބައެއް މަޝްރޫއުތަކަކީ ކޮން މަޝްރޫއެއް ކަން ވެސް ސާފު ނުވި ކަމަށް ރާއިދު ވިދާޅުވި އެވެ.

"ސީނިއަ މެނޭޖްމަންޓް ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ. ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ. އަޅުގަނޑުމެންނަށް ހަމަ އެއް ގޮތަކަށް ވެސް ނޭނގުނު މި ޕްރޮޖެކްޓް ޕާމްއަކީ ކޮން ޕްރޮޖެކްޓެއް ކަމެއް ވެސް." ރާއިދު ވިދާޅުވި އެވެ.