ހަބަރު

އެމްއައިޓީޑީސީ މެދުވެރިކޮށް ކުރީ ސަރުކާރުން ހިންގި ކަންކަން ބަލަން ފާސްކޮށްފި

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކަންކަމުގެ މައްސަލަތައް އެ ކުންފުނީގެ މިހާރު މެނޭޖްމަންޓާއި ކަމާ ބެހޭ މުއައްސަސާތަކުން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބެލުމުގެ ގޮތުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސްގެ ނަމުގައި ވަކި ކޮމިޓީއެއް އުފެއްދި އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި އަލަށް އުފެއްދި އެ ކޮމިޓީއަށް އެމްއައިޓީޑީސީގެ މިހާރުގެ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

އެމްއައިޓީޑީސީން ވަނީ އެ ކުންފުންޏަށް ގާނޫނީ ޒިންމާ އަދާ ކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ބަޔާންކޮށް މަޖިލީހުގެ އެ ކޮމިޓީއަށް ރިޕޯޓެއް ވެސް ފޮނުވައިފަ އެވެ. އެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްނުކުރަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމްއައިޓީޑީސީ މެދުވެރިގެން މިދިޔަ ސަރުކާރުގައިބ ހިންގާފައިވާ ކަންތައްތައް ބެލުމުގެ މަސައްކަތް ކަމާ ބެހޭ މުއައްސަސާތައް މަދުވެރިގެން އެ ކުންފުނީގެ އާ މެނޭޖްމަންޓުން ކުރިއަށް ގެންދިއުމަށް މަޖިލީހުން އެންގުމަށް ވަނީ ކޮމިޓީގެ މެންބަރުން ނިންމަވައިފަ އެވެ.

މީގެ އިތުރުން، އެމްއައިޓީޑީސީ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ލިބިފައިވާ ކުރިއެރުން، އަދި ކުރި މަގުގައި ލިބޭނެ ފައިދާ އެނގޭނެ ފަދަ ރިޕޯޓެއް މަޖިލީހުން ކޮމިޓީ ރިޕޯޓް ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެމްއައިޓީޑީސީގެ މިހާރު ޑައިރެކްޓަރު މުހައްމަދު ރާއިދު ވަނީ ކުރީގެ ސަރުކާރުގައި އެ ކުންފުނީގެ އޭރުގެ މެނޭޖްމަންޓުން ހިންގާފައިވާ ކަންކަމަށް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އެ ގޮތުން އެ ކުންފުނީގެ ފައިސާއިން އޭރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހެއް ގާއިމު ކުރަން 1.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރާއިދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމްއައިޓީޑީސީން ލ. ބަރެސްދޫއިން ބިން ދޫކުރިއިރުގައި އޭރުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް ބިން ދޫކޮށްފައިވާ ކަމަށް އޭނާ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

މި ކަމާ ގުޅިގެން ކޮމިޓީގައި އިންނަވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ އެ ކުންފުނި އުވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ކޮމިޓީން ނިންމާފައި ވަނީ ކުންފުނި އުވާނުލައި ކުންފުނި ހިންގުމުގެ ފުރުސަތު ދިނުމަށެވެ.