ގެއްލުން ލިބިގެން ހިންގަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވައިފި އެވެ.
ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުގެ ހިއްސާ އޮވެގެން ހިންގާ ބައެއް ކުންފުނިތަކުގެ ވިޔަފާރިން ލިބޭ ގެއްލުންތައް ބޮޑުވެގެންދާއިރު ވެސް އެ ކުންފުނިތައް ހިންގަމުން ދަނީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ.
އެ ގޮތުން އެއިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ހޯދުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުންނަށް އެ ކުންފުނިތަކުން ވަޒީފާ ދިނުމަށް ބައެއް ކުންފުނިތައް ހިންގާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތަކަށް އަހަރުން އަހަރަށް ނަގަމުން އަންނަ ދަރަންޏަށް ސަރުކާރުން ޒިންމާވެ އެ ދަރަނިތައް ދައްކަން ޖެހުމަކީ ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ގެއްލުންތަކެއްވާ ކަމެއް ކަމަށް ޖާބިރުގެ ގަރާރުގައިވެ އެވެ.
މިފްކޯ ގެއްލުމުގައި ހިންގަމުންދާއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް ފައިދާ ހޯދަމުންދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އެމްއައިޓީޑީސީ ވެސް ގެއްލުމުގައި ހިންގާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް ހިންގނީ ފައިދާގައި ކަމަށް ޖާބިރުގެ އެ ގަރާރުގައި ވެ އެވެ.
ސަރުކާރުގެ ބައެއް ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެ ވައުދު ފުއްދަން، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ފެށުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.