ވިޔަފާރި

މިނިވަން 50 ހަނދާނީ ނޫޓް: ރަނގަޅު ހަދިޔާއެއް

Jul 28, 2015

ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް "ހަނދާނީ ނޫޓެއް" ނެރެފައެއް ނުވެ އެވެ. މީގެ ކުރިން މިގޮތަށް ފެނިގެން ގޮސްފައިވަނީ ހަނދާނީ ފައިސާ ފޮތި ތަކެވެ. ނަމަވެސް ރާއްޖޭގެ މިނިވަން ކަމަށް ރަންޔޫބީލް ފާހަގަ ކުރުމަށް މިފަހަރު މިވަނީ "މިނިވަން 50 ހަނދާނީ ނޫޓެ" އެއް ނެރެފަ އެވެ. މި ނޫޓުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"ގިނަ މީހުންނަށް އޮޅިފަ އޮންނަނީ. މި ނޫޓަކީ ސުވެނިޔައެއްގެ ގޮތުގައި ބޭނުން ކުރަން ނެރުނު އެއްޗެއް،" މަރުކަޒީ ބޭންކުގެ މީޑިޔާ އެންޑް މާކެޓިން މެނޭޖަރު އަހުމަދު ފަޒާލް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ ގޮތުން މީގެ ކުރިން ރަން ފައިސާ ފޮއްޗާއި ރިހި ފައިސާ ފޮތި ނެރެފައިވެ އެވެ. އަދި އެފަހަރު ނެރުނު ފައިސާ ފޮތިތަކަށް އެ ދުވަސްވަރު ބޮޑު ތަރުހީބެއް ވެސް ލިބިގެން ދިޔަ އެވެ. ގިނަ ބަޔަކު އެ ހޯދައި ފޮރުވާފައި އެބަ ހުއްޓެވެ. އެހެންކަމުން މިފަހަރު ނެރުނު ހަނދާނީ ނޫޓަކީ ވެސް ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭނެ އެއްޗަކަށް ވާނެ އެވެ. އާއްމުކޮށް ވޮލެޓުގައި ގެންގުޅޭ ނޫޓުތަކަށްވުރެ ބޮޑުކޮށް އިންނަ މި ފުރިހަމަ ނޫޓު ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރިއެއް ކަމަށްވާ އަބްދުﷲ ނަޝާތެވެ.މި ނޫޓުތައް މާދަމާ މަރުކަޒީ ބޭންކުން ވިއްކަން ފަށާއިރު، ނޫޓުގެ މޫނުމަތީ އަގު އުޅެނީ 5،000ރ. ގަ އެވެ. މި ނޫޓަށް ވެސް ރަނގަޅު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މިނިވަން 50 ހަނދާނީ ނޫޓަށް ބަލާލާއިރު މީގެން ރާއްޖޭގެ މާޒީ އާއި މިއަދުގެ މަންޒަރު ސިފަވެ އެވެ. ނޫޓުގައި މީގެ ބައި ގަރުނު ކުރިން މާލޭގެ މޫނުމަތި އޮތާއި މިއަދު މާލޭގެ މަލަމައްޗަށް އައިސްފައިވާ ބޮޑު ބަދަލު ފެނެ އެވެ. އެ މަންޒަރު ކިޔައިދެ އެވެ. އަދި ނޫޓުގެ އަނެއް ފަރާތުގައިވާ ކުރެހުންތަކުން ރަމްޒު ކޮށްދެނީ ރާއްޖޭގެ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރި މާހައުލެވެ. އެ މާހައުލުގެ ސުލްހަވެރި ކަމެވެ. މީގެ އިތުރުން ނޫޓުގެ މެދުގައިވާ ކުރެހުމުން ދައްކުވައިދެނީ ދިވެހިންގެ އަމިއްލަ ވަންތަކަމާއި އިސްލާމީ އާދަކާދަ އާއި ދިވެހިންގެ މުއްސަނދި ތަރިކަ އެވެ.

މަރުކަޒީ ބޭންކުން ވާހަކަ ދެއްކެވި، ފަޒާލް ވިދާޅުވީ ނޫޓުތައް މިހާރު ވެސް ޑިއުޓީ ފްރީން ވިއްކަމުންދާނެ ކަމަށެވެ.

"ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން ދޭ. ގިނަ އަދަދެއްގެ ޓޫރިސްޓުން މި ގަނޭ. ނޫޓު ނެރުން ގިނަ ބަޔަކަށް ފެނުނީ ވަރަށް ޕޮޒިޓިވް ކަމެއްގެ ގޮތުގައި،" ފަޒާލް ވިދާޅުވި އެވެ.