ކުޅިވަރު

ނެޓްބޯޅައިގެ ގައުމީ ޗެމްޕިއަންކަން ގްރީން ސްޓްރީޓަށް

ފައިނަލުގައި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ގްރީން ސްޓްރީޓުން ހޯދައިފި އެވެ.

ގްރީން ސްޓްރީޓުން މެޗު ކާމިޔާބު ކުރީ، 16 ޕޮއިންޓްގެ ތަފާތަކުންނެވެ. ގްރީން އިން 57 ޕޮއިންޓް ހޯދި އިރު ކުޅުދުއްފުށީ ޓީމަށް ހޯދުނީ 41 ޕޮއިންޓެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގުރީންގެ އީމާ އަބްދުއް ސައްތާރެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ގުރީންގެ ހަމްނާ އަބްދު ރަހްމާން އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު މެޓްރިކްސްގެ އާމިނަތު ފިރުޝާ އެވެ.

އީމާ އާއި ހަމްނާގެ އިތުރުން ގަދަ ހަތެއްގައި ދެން ހިމެނެނީ، ގުރީންގެ ލަޔާން އަލީ ރަޝީދު، ކުޅުދުއްފުށީ ޓީމުގެ އާމިނަތު ރަބާބް، ވިޔަންސާގެ އަނާން އަލީ، ކުޅުދުއްފުށީގެ މަރްޔަމް ޝިނާއަތު އަދި ހަމަ އެ ޓީމުގެ ރާޝިދާ މޫސާ އެވެ.