ހަބަރު

ތަމްރީން ހަދަމުންދިޔަ ފުލުހަކު ގެނބިގެން މަރުވެއްޖެ

Jul 25, 2019
5

ދ. އަތޮޅު ވާނީގައި ހުންނަ ފުލުހުންގެ ތަމްރީން މަރުކަޒުގައި ޓްރެއިންނިންގް ހަދަން އުޅުނު ފުލުހަކު ގެނބިގެން މަރުވެއްޖެ އެވެ.

ތަމްރީންގައި އުޅުނު ފުލުހަކު ގެނބިގެން މަރުވެފައިވާކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ވާނީގައި ކުރިއަށް ދާ 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ކޯހުގައި ފެތުމުގެ ސެޝަންއެއްގައި ހިނގި އެ ހާދިސާގައި 19 އަހަރުގެ ފިރިހެން ފުލުހެއް މަރުވެފައިވާ ކަމަށެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން މިހާރުވެސް ބަލަން ފަށާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި، މިއަދު ހިނގި ހާދިސާގައި މަރުވެފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ ޕޮލިސް ކޮންސްޓަބަލް އަބްދުލް ބާސިތެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަސް ތެރޭގައިވެސް ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހަކު ވަނީ މަރުވެފަ އެވެ.