ރައްޔިތުންގެ މަޖިލިސް

މެންބަރުންނަށް އިންޒާރު ދޭތީ ރައްކާތެރިކަމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ބިރު ދައްކައި އިންޒާރުގެ މެސެޖުތައް ލިބޭތީ މެންބަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޑިފެންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ބައެއް މެންބަރުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ އެއްވެސް މެންބަރަކަށް އެފަދަ އެއްވެސް އިންޒާރެއް ލިބިވަޑައިގެންފިނަމަ، އެ މެންބަރަކު މަޖިލީހުގެ ރައީސަށް އެންގެވުމުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި ޑިފެންސް މިނިސްޓްރީގައި މަޖިލީހުގެ އީދާރާއިން އެދޭނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ. އެ ގޮތަށް އެދުމުން ޑިފެންސުން އެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

"މަޖިލީހުގެ މެންބަރަކަށް އެފަދަ އެއްވެސް ތްރެޓެއް ލިބިވަޑައިގެންފިނަމަ އެ މެންބަރުން މަޖިލީހުގެ ރައީސަށް އެންގެވުމުން އަޅުގަނޑުމެން އެކަން މި އަންގަނީ މިނިސްޓްރީ އޮފް ޑިފެންސްއަށް. އެހެންވީމަ އަޅުގަނޑުމެން މިހާރު ޑިފެންސަށް އަންގަމުން މި ދަނީ." ނިއުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުންނަށް ބިރު ދައްކައި އިންޒާރު ލިބެމުންދާތީ އެ މެންބަރުންނަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ނިއުޝާ ހާމައެއް ނުކުރައްވަ އެވެ.

މިިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާ ކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މިހާތަނަށް ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުން ހާޒިރުކޮށްފަ އެވެ. އެ ގޮތަށް ހާޒިރުކުރި އިސް ބޭފުޅުން ވަނީ ބައެއް މައްސަލަތަކުގައި އެ މުއައްސަސާތަކުގެ އިހުމާލުތައް އޮތް ކަމަށް އެއްބަސްވެވަޑައިގެން، އެ ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.