ކުޅިވަރު

ބެޑްމިންޓަންގެ ޑަބަލްސް ނަބީހާ، ނަބާހާ ފައިނަލަށް

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސް ފައިނަލަށް، ރާއްޖޭގެ ދެ ޕެއާ ކަމަށްވާ، އާމިނަތު ނަބީހާ އަބްދު ރައްޒާގާއި، ފާތިމަތު ނަބާހާ އަބްދު ރައްޒާގް ޖާގަ ހޯދައިފި އެވެ.

ފައިނަލުގެ ޖާގަ އެއްމާބަނޑު ދެބެންގެ މި ޕެއާ ޖާގަ ކަށަވަރު ކުރީ ސެމީ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. މި ދެ ޕެއާ ސެޓްތައް ގެންދިޔައީ 21-12 އަދި 21-15 އިންނެވެ.

އެ ދެކުޅުންތެރިން ފައިނަލަށް ދަތުރު ކުރީ، ކްއާޓާ ފައިނަލުގައި ޝީޝެލްސްގެ ރަޒާ އަދި ވޯހަން ބަލި ކުރުމަށް ފަހު އެވެ.

ރާއްޖޭގެ ބެޑްމިންޓަން ތާރީހްގައި އަންހެން ޑަބަލްސްގައި އެންމެ ކާމިޔާބު ދެ ކުޅުންތެރިންނަކީ އުފަން ވުމުގެ ދެމެދުގައި 15 މިނެޓް ތަފާތު މި އެއްމާބަނޑު މި ދެބެންއިނެވެ.

ނަބާހާ، ނަބީހާގެ ވާހަކަ

ދައްތަ ނަބާހާ އާއި އޭނާއަށް ވުރެ 15 މިނެޓް ފަހުން އުފަންވި އޭނާގެ ކޮއްކޮ ނަބީހާ ވަނީ ކޮންމެ އަހަރަކު ބާއްވާ، މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަ ކޮށް ކާމިޔާބުތަކެއް ހޯދާ އެވެ.

މި އަހަރު ޖޫން މަހު ބޭއްވި އެ މުބާރާތުގައިވެސް، ނަބީހާ ނަބާހާ ވަނީ އެކުގައި ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދި އެވެ.

މާދަމާ ޝީޝެލްސް އާ ދެކޮޅަށް ކުޅޭ ސިންގަލްސް އިވެންޓްގެ ފައިނަލުގައި ނަބީހާ ވާދަ ކުރާނެ އެވެ. މާދަމާގެ ޑަބަލްސް ފައިނަލުގައި ނަބީހާ އާއި ނަބާހާ ވާދަ ކުރާނީ މޮރިޝަސްގެ ބެޑްމިންޓަންގެ އެއް ވަނަ ޕެއާ ދެކޮޅަށެވެ.

މި އަހަރުގެ ގޭމްސްގައި ޓީމު އިވެންޓުން އަންހެން ޓީމަށް ލޯ މެޑަލް ހޯދައިދިނުމުގައި ނަބީހާ އާއި ނަބާހާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.