ހަބަރު

ޖައިލަމް މަރުގެ ދައުވާ ލިބޭ ތިން މީހުން އަލުން ބަންދުކޮށްފި

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރައިލި މައްސަލާގައި ދައުވާ ކުރާ މީހުންގެ ތެރެއިން ދޫކޮށްލި ތިން މީހުން އަލުން ބަންދު ކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން ނަސީބާއި އަނީގާއި އިރުފާންގެ ޝަރީއަތް ފެށިއިރު ހުމައިދު ހައްޔަރެއް ނުކުރެ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އިންޓަޕޯލް ނޯޓިސް ވެސް ނެރުނު ފަހުންނެވެ.

މި މައްސަލާގައި މީގެކުރިން ނަސީބާއި އަނީގާއި އިރުފާން ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެމީހުން އަލުން ހައްޔަރުކުރުމަށް އެދި ދައުލަތުން ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ މިއަދު އެކަމަށް އަޑުއެހުމެއް ބޭއްވީ އެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނި ގޮތުގައި އެމީހުން ބަންދު ކުރުމަށް އެދެނީ އެމީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނާއި އިންޓެލް ރިޕޯޓެއްގެ ސަބަބުންނެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެ ރިޕޯޓްގައިވާ ގޮތުން މާރާމާރީ ހިންގާ ގްރޫޕްތަކުގައި މި ތިން މީހުން ވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. މައްސަލާގައި ހިމެނޭ ހެކިންނަށް އެ ގުރޫޕުތަކުން ބިރު ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމީހުން ހައްޔަރުކުރުމާއެކު އިއުތިރާޒުކޮށް ދިފާއީ ވަކީލް ވާހަކަ ދެއްކެވި އެވެ. އެގޮތުން އެމީހުން ދޫކޮށްލި އަމުރު ދައުލަތުން މިހާތަނަށް ހައިކޯޓުގައި އިސްތިއުނާފު ނުކުރާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އިސްތިއުނާފުނުކޮށް އެމީހުން އަލުން ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުގައި ނޭދެވޭނެ ކަމަށެވެ. އަދި މާރާމާރީ ހިންގާ ކަމަށް ތުހުމަތުވާނަމަ ވަކި މައްސަލައެއްގައި ހެއްކާއެކު ހައްޔަރުކުރަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލާގައި ހެކި ހާޒިރު ނުކުރެވި ދުވަސްތަކެއްވެފައިވާއިރު ދައުލަތުން ބުނަނީ ހެކިން ހެކި ބަސް ދޭން ޖެހިލުންވަމުންދާ ކަމަށެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެމީހުން ހައްޔަރުކޮށްފިނަމަ ހެކިން ހާޒިރު ކުރެވޭނެތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެމީހުން ދޫކޮށްލާފައި ތިބުމުން ހެކިންނާއި އާއިލާތައް ތިބީ ބިރުވެރިކަމެއްގަ ކަމަށާއި ބަންދުކޮށްފިނަމަ ހެކިން ހާޒިރު ކުރެވޭނެ ކަމަށެވެ. ގާޒީ އެމީހުން ބަންދު ކުރުމަށް ނިންމެވީ އެކަމަށް ރިއާޔަތް ކުރައްވާ އެވެ.

މި ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ ހަމީދު ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި، ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުމުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.