ކުޅިވަރު

އެތުލެޓިކްސް: ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ އިވެންޓުން، ރާއްޖޭގެ ރިލޭ ޓީމު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މެޑަލް ހޯދި، ރިލޭ ޓީމުގައި ހިމެނެނީ ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު، އަހްމަދު ސަރީސް، އިބްރާހިމް އަޝްފާން އަލީ އަދި ނުޖޫން ހަސަން އެވެ.

ރާއްޖޭގެ ޓީމުން ރޭސް ނިންމީ، 42.48 ސިކުންތުންނެވެ. އެ ދުވުންތެރިން ވަނީ، ރިހި މެޑަލަކާ ވަރަށް ގާތަށް ގޮސްފަ އެވެ. ރިހި މެޑަލް ހޯދި ޝީޝެލްސްގެ ޓީމުން ރޭސް ނިންމީ 42.21 ސިކުންތުންނެވެ.

އެއް ވަނައިގައި ރޭސް ނިންމައި، ރަން މެޑަލް ހޯދީ މަޑަގަސްކަރައިގެ ރިލޭ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 41.67 ސިކުންތުންނެވެ. ހަތަރު ވަނަ އަށް ދިޔައީ، ކޮމޮރޯސް އެވެ. އެ ޓީމުން ރޭސް ނިންމީ 44.66 ސިކުންތުންނެވެ.

މިއީ، އެތުލެޓިކްސްއިން ހޯދި ދެ ވަނަ މެޑަލް އެވެ. އިއްޔަ 200 މީޓަރު ފައިނަލުގައި ވާދަ ކޮށް ސާއިދު ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

ގޭމްސްގައި މިހާތަނަށް ރާއްޖެއިން ވަނީ 13 މެޑަލް ހޯދާފަ އެވެ. އެއީ ޓީޓީން ހޯދި ދެ ރަން މެޑަލާއި އަދި ރި މެޑަލާއެކު، ޓީޓީ ޖުމުލަ ތިން މެޑައްޔެވެ.، ބެޑްމިންޓަންއިން ވަނީ ފަސް މެޑަލް ޔަގީން ކޮށްފަ އެވެ. ބީޗް ވޮލީން އިން ރިހި މެޑަލަކާއި އެއް ލޯ މެޑަލް ޖުމުލަ ދެ މެޑަލް ބީޗް ވޮލީން ހޯދި އެވެ. އެތުލެޓިކްސްއިން ދެ މެޑަލް އެވެ. އަދި ޕެރަލިމްޕިކްސް ގާއި ވާދަ ކުރި މާޒިންވެސް ވަނީ ލޯ މެޑަލް ހޯދާފަ އެވެ.