ކުޅިވަރު

މިކްސްޑަބަލްސްއިން އަޖޫ އާއި މައިސާއަށް ލޯ މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިކްސް ޑަބަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ މުހައްމަދު އަޖުފާން (އަޖޫ) އާއި މައިސާ ފަތުﷲ ގެ ޕެއާ ބަލިވި ނަމަވެސް ލޯ މެޑަލް ހޯދައިފި އެވެ.

ސެމީ ފައިނަލުގައި، އަޖުފާން އާއި މައިސާ ބަލިވީ، މޮރިޝަސްގެ ދެ ކުޅުންތެރިން އަތުންނެވެ. ތިން ސެޓްގެ ތެރެއިން އެއް ސެޓް ރާއްޖޭގެ ދެ ޕެއާ ކާމިޔާބު ކުރި އެވެ. މެޗުން ބަލިވި ނަމަވެސް އަޖޫ އާއި މައިސާ ވަނީ ވަރުގަދަ ފައީޓެއް ދީފަ އެވެ.

އެ ދެކުންތެރިންގެ ޕެއާ ސެމީ ފައިނަލަށް ދަތުރު ކުރީ، ކުއާޓާ ފައިނަލުގައި ޝީޝެލްސްގެ ޕްލިޓޫ އާއި ކޮބިތާގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.

ބެޑްމިންޓަންގެ ޓީމު އިވެންޓުން، އަންހެން ޓީމާއި ފިރިހެން ޓީމުން ލޯ މެޑަލް ހޯދިއިރު އަޖުފާން އާއި މައިސާގެ ހިއްސާ އެ ކާމިޔާބުގައި ބޮޑެވެ. ގޭމްސްގައި މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ މެޑަލް ކަށަވަރު ކޮށްދީފައިވާ ކުޅިވަރަކީ ބެޑްމިންޓަން އެވެ. ބެޑްމިންޓަންއިން ވަނީ ފަސް މެޑަލް ކަށަވަރު ކޮށްދީފަ އެވެ.

އަންހެން ޑަބަލްސް ފައިނަލަށް ރާއްޖޭގެ އެއްް މާބަނޑު ދެބެން ކަމުގައިވާ ފާތިމަތު ނަބާހާ އަބްދު ރައްޒާގް އާއި އާމިނަތު ނަބީހާ އަބްދު ރައްޒާގް ވަނީ ދަތުރު ކޮށްފަ އެވެ. އަދި ސިންގަލްސް ފައިނަލުން ނަބީހާ ވެސް ވަނީ ޖާގަ ހޯދާފަ އެވެ.

މާދަމާ ކުޅޭ ސިންގަލްސް ފައިނަލުގައި ނަބީހާ ނުކުންނާނީ ޝީޝެލްސް އާ ދެކޮޅަށެވެ. ޑަބަލްސް ފައިނަލުގައި ނަބީހާ އާއި ނަބާހާ ވާދަ ކުރާނީ މޮރިޝަސްގެ ބެޑްމިންޓަންގެ އެއް ވަނަ ޕެއާ ދެކޮޅަށެވެ. ޑަބަލްސް ފައިނަލްވެސް އޮންނާނީ މާދަމާ އެވެ.