ހަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލު ކުރެއްވުން ބާއްވައިފި

Jul 25, 2019
1

މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ބާއްވަވައިފި އެވެ. މިރޭ އެ ދެކަނބަލުންގެ މިފަދަ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. މި އަހަރުގެ ހަފުލާއަށް ގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސް ދައުވަތު އެރުވި އެވެ.

އޭގެ ތެރޭގައި ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި މިނިސްޓަރުކަން ކަމާއި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ދައުލަތުން އިއްޒަތް އަރުވާ ބޭފުޅުން ހިމެނެ އެވެ.

މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ފަނޑިޔާރުންނާއި އޮފީސްތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ދައުވަތު އެރުވި އެވެ. ބައެއް ސްކޫލް ކުދިންނަށް ވެސް މި އަހަރުގެ ހަފުލާއަށް ދައުވަތު ދިނެވެ.

މި އަހަރުގެ ހަފުލާއަށް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް ވެސް ދައުވަތު އެރުވި އެވެ. މިރޭގެ ހަފުލާއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާހެން ރައީސްގެ ދެކަނބަލުން ބައްދަލު ކުރައްވައި ފޮޓޯ ނަންގަވައި ހެއްދެވި އެވެ.