ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަންކަމުގެ އާ އަހަރަކާ ކުރިމަތިލަނީ ހަމަޖެހުން ގެނައުމަށް: ރައީސް

Jul 26, 2019
4

މިނިވަންކަމުގެ އާ އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށް އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާބަތުގައި މިޑިއާ މެދުވެރިކޮށް ގައުމީ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، މަގުސަދު ހާސިލުވެގެން ކަމަށާއި ރާއްޖޭގެ ކަނޑުފަޅާއި ފަރާއި އެއްގަމާއި ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިގްތިސޯދުގެ ނަފާ ހުރަހެއްނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ޙިމާޔަތް ކުރެވި، ޢަދުލު އިންޞާފު ގާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަގީންކަން ހޯދައިދެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ މިނިވަން ދައުލަތަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފަކީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިހަމަކުރުމާއި ކޮންމެ މައިދާނެއްގައި ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން ލިބުން ކަމަށާއި މޮރިޝަސްގައި މިހާރު ކުރިޔަށްދާ، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ތެރެއިންވެސް ދިވެހިންނަށް އިހުސާސް ކުރެވެމުން އެ ދަނީ، ބައިނަލްއަގުވާމީ މުޖްތަމަޢުގައި ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ ފުރިހަމަކަން ކަމަށެވެ.


"ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ އުހަށް، ދިވެހި ދިދަ އުފުލައިލަދިން، ޒުވާން އަންހެން ޓޭބަލް ޓެނިސް ޓީމު އެ ސާބިތުކޮށްދިނީ، މި ރާއްޖޭގެ މިނިވަންކަމާއި އިއްޒަތާއި ކަރާމާތް، މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދޭނެ، ފަޚުރުވެރި ޒުވާން ދަރީންތަކެއް އެބަތިބިކަން. ޖީލަކަށްފަހު ޖީލަކަށް ވާރުތަވަމުން، މިއަދާ ހަމައަށް ދިވެހިންގެ މިނިވަންކަން އައީ، އެފަދަ އެތައް ދަރީންނެއްގެ ޤައުމީ ލޯތްބާއި ވަތަނީ ރޫޙުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންސާނެއްގެ ހަޔާތުގައި 54 އަހަރަކީ، ވަރަށް ގިނަ ދުވަސް ކަމަށް ވިޔަސް ގައުމެއްގެ ނިސްބަތުން އެއީ، ވަރަށް ކުރު މުއްދަތެއް ކަމަށާއި އެ މަދު މިންވަރާމެދު ފަޚުރުވެރިވެ، ކާމިޔާބީގެ އުފާ ފާޅުކުރަނީ، ޤައުމީ ބަޠަލުންތަކެއްގެ ގުރުބާނީއާއި، ޖިހާދުން ފެވިފައިވާ ތާރީހާއްގެ ހިޔާވަހިކަން ލިބިފައި އޮތުމުން ކަމަށެވެ. އެގޮތުން ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި، ރައީސް އިބްރާހީމް ނާޞިރު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދޮށީ ޤައުމާއި، މި ފުން ތާރީހުގެ ފުށި ރަށްތަކުގެ މައްޗަށް، އިސްތިއުމާރީ އުދަބާނިތައް ހޮޅިލައި މުގުރި. ބިދޭސީ މުށްތަކުގެ ތެރޭގައި ދިވެހީން އަޅުވެތިވެ، އަޅުދާސްވާން މަޖުބޫރުވި. ނަމަވެސް އަދުއްވުންގެ ފަންވަރުގެ މައްޗަށް ކުރި ހޯދީ، ކާބަފައިންގެ ހިތްވަރު. ދިވެހި ތާރީހުގެ މިއަދުގެ ސޮފުހާތަކުގައި ފެއްސާއި ރަތާއި ހުދުން، މިނިވަންކަމުގެ ކުލަޖެހެމުން އެދަނީ، އުތީމު ތިން ބެއިންނާއި، އަލީ ރަސްގެފާނާއި ދޮންބަންޑާރައިން ފަދަ، އެތައް ބަޠަލުންނެއްގެ ހޫނު ލޭފޮދުން، މި ބިމަށް ގެނެސްދެއްވި ދިރުމުން." ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ މިއަހޭލައި ތިބެންޖެހޭ ކަންކަން ބަދަލުވެފައިވާ ކަމަށާއި ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަތައް، ފިކުރީ އޮއިވަރަށް ފުރޮޅިފައިވާ ކަމަށެވެ. އަދި ތަފާތު ހަރުކަށި ވިސްނުންތަކާއި، ހައްދުފަހަނަޅައިދިޔުމުގެ ކަޅު ވިލާތައް ބޯމަތިވެފައިވާ ކަމަށެވެ.

"މިއަދުގެ ކަންބޮޑުވުންތައް ތަފާތު. އެއީ، އަނެކާގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ނުކުރުމުގެ ސަގާފަތް. ތަޙައްމަލްކުރުން ނެތިގޮސް، ކެތްތެރިކަން ކޮޅުންލުން. ތިމާގެ ގޮތް ނޫން ގޮތަކީ، ނެތް ގޮތެއް ކަމަށް ޤަބޫލުކުރުން. ނަމަވެސް، ހައްދުފަހަނަޅައި ދިޔުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ، ބައިނަލްއަޤްވާމީ ގުޅުންތަކުން ބަނދެވިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި، ފަރުދީ އަދި ޒާތީ މިނިވަންކަން، އޭގެ ފުރިހަމަގޮތުގައި ޙިމާޔަތް ކުރެވި ރައްކާތެރި ކުރެވިފައިވޭތޯ ވިސްނަން ޖެހޭ ކަމަށާއި އެއީ ހިތުގައި އުފެދޭނެ ސުވާލެއް ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، އެ ޙައްގުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މި ޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިނިވަންކަމަކީ ކޮންމެ މީހެއްގެ ވެސް، އިންސާނީވަންތަކަން ރަމްޒުކޮށްދޭ، އެންމެ މަތިވެރި ސިފަ. އަދި އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ހައްގުވެސްމެ. އެއީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން، ކޮންމެ މީހަކާ އެކުގައިވާ، އަދި އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ، އިންސާނީ ޝަރަފެއް. ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ، އެ ޤައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިޙްސާސްކުރެވޭ މިންވަރެއްގެ މައްޗަށް،" ރައީސް މިއަދު ވިދާޅުވި އެވެ.

ފުރިހަމަ މިނިވަންކަމެއް އިހުސާސް ކުރެވޭނީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާއާއި، ރާއްޖޭގެ ގާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ޙާޞިލުކުރަން އެދޭ ކޮންމެ ކަމެއް ހަގީގަތަކަށް ހެދޭނެ ކަމުގެ ޔަޤީންކަން ލިބިގެންވާ މާޙައުލެއް ރާއްޖޭގައި އުފެދިގެން ކަމަށާއި އެފަދަ މާޙައުލެއް އުފެއްދުމަކީ، އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުން. އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުން. ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، އެ މަޤްޞަދު ޙާޞިލުވެގެން. ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިޤްތިޞާދުގެ ނަފާ، ހުރަހެއްނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން،" ރައީސް ވިދާޅުވި އެވެ. "އެކަންކަން ޙާޞިލު ކުރެވޭނީ، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން. ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ، ޙަޤީޤީ މަޤްޞަދަކަށް ވާންޖެހޭނީވެސް، ރައްޔިތުންގެ ފަރުދީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން. ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދިނުން."